ސަރުކާރުން މި އަހަރަށް ކަނޑައެޅި 2.3 މިލިއަން ޓޫރިސްޓުންގެ ޓާގެޓު ހާސިލްނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.
އިތުބާރުހުރި މަސްދަރުތަކުން އަދަދު ނޫހަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދެއްވާ ސްޕީޗުގައި މިކަން އިއުލާނުކުރައްވާނެ އެވެ. ފިނޭންސުން މިހާރު ލަފާކުރާ ގޮތުގައި މި އަހަރު ނިމެންވާއިރަށް ރާއްޖެ އަންނާނީ 2.26 މިލިއަން ޓޫރިސްޓުންނެވެ.
މިއާއެކު މި އަހަރު ވެގެންދާނީ ކޮވިޑުގެ ބަލިމަޑުކަމުގައި ރާއްޖޭގެ ބޯޑަރުތައް ބަންދުކުރި އަހަރު ފިޔަވާ މި ފަހުގެ ތާރީހެއްގައި ސަރުކާރުން އަންދާޒާކުރި އަދަދަށް ޓޫރިސްޓުން ނާންނާނެ ފުރަތަމަ އަހަރަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ފެށިގެން އޮކްޓޯބަރު 26، އާއި ހަމައަށް ރާއްޖެ އައީ 1,804,515 ޓޫރިސްޓުންނެވެ. މިއީ މިދިޔަ އަހަރަށްވުރެ 9.9 ޕަސެންޓުގެ އިތުރުވުމެއް ނަމަވެސް ސަރުކާރުން އަންދާޒާކުރި ވަރަށް ޓޫރިސްޓުން އަންނަ އަދަދު އިތުރުވަމަކުން ނުދެ އެވެ.
މި ނޫހުން ޖެހި ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަސް ނިމުނުއިރު ރާއްޖެއިން އަހަރުގެ ފަހު ކުއާޓާ ފަށާއިރު، އެ ޓާގެޓަށް ވާސިލްވުމަށް ފަހު ތިން މަހުގެ ތެރޭ 674،000 ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ޖެހެ އެވެ.
އެއީ މަހެއްގެ މައްޗަށް އެވްރެޖުކޮށް 200،000 ޓޫރިސްޓުންނެވެ. މި އަހަރުގެ މިހާތަނަށް ދެ ލައްކަ އަށްވުރެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ ފުރަތަމަ ތިން މަހު އެކަންޏެވެ. އޭގެ ފަހުން މަހެއްގެ މައްޗަށް އެންމެ ގިނައިން ޓޫރިސްޓުން އައި އޭޕްރީލް މަހު ރާއްޖެ އައީ 198،322 ޓޫރިސްޓުންނެވެ. މި މަހުގެ 27، އާއި ހަމައަށް ރާއްޖެ އައީ 168,026 ޓޫރިސްޓުންނެވެ.
ޓޫރިސްޓުންގެ ޓާގެޓު ހާސިލްނުވާނެ ކަމަށް ފިނޭންސުން ލަފާކޮށްފައިވާއިރު، ރަސްމީ ޓޫރިޒަމް މަންޒިލުގެ ގޮތުގައި ރާއްޖެ އިޝްތިހާރު ކުރަން އިނގިރޭސިވިލާތުގެ ލިވަޕޫލް އެފްސީ އާއެކު ދިވެހި ސަރުކާރުން ހެދި އެއްބަސްވުމާއެކު، މި އަހަރަށް ކަނޑައެޅި 2.3 މިލިއަނުގެ ޓާގެޓަށްވުރެ އިތުރަށް ޓޫރިސްޓުން އަންނާނެ ކަމަށް އެޕްރީލް މަހުގެ ކުރީކޮޅު ޓޫރިޒަމް އެންޑް އެންވަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވި އެވެ.
މީގެ އިތުރުން، ޖުލައި 26، ގައި ރަސްމީކޮށް ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލާއެކު ރާއްޖެ ދަތުރުކުރާ ފްލައިޓުތައް އިތުރުވެ ޓޫރިސްޓުން އިތުރުވާނެ ކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ. ނަމަވެސް، އެ މަންޒަރު ނަމްބަރުތަކުން ނުދައްކަ އެވެ.
މި އަހަރަށް ކަނޑައެޅި ޓޫރިސްޓު އެރައިވަލް ޓާގެޓު ހާސިލްނުވާނެ ކަމަށް ފިނޭންސުން ލަފާކޮށްފި މި އަހަރަށް ކަނޑައެޅި ޓޫރިސްޓު އެރައިވަލް ޓާގެޓު ހާސިލްނުވާނެ ކަމަށް ފިނޭންސުން ލަފާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ