މަހްޒޫމް އާއި ޝިމަންގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލާގައި އިންސާފު ހޯދަން ގޮވާލައި، ޒުވާނުން ކުރި މުޒާހަރާގައި އިސްކޮށް އުޅުނު އަބްދުﷲ މަހްޒޫމް މާޖިދާއި އައިޝަތު ޝިމަންގެ މައްޗަށް އުފުލި ދައުވާ ކުރިއަށް ނުގެންދަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ނިންމައިފި އެވެ.ޕީޖީ އޮފީހުން ބުނީ އެ މީހުންގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ނިންމީ އެ ދެމީހުންގެ ވެސް އިތުރު ކުށުގެ ރިކޯޑެއް ނެތުމާއި އެ މީހުންގެ ފުށުން އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއްވެފައި ނުވާތީ އެ މައްސަލަ އަލުން މުރާޖައާ ކުރުމަށްފަހު ކަމަށެވެ.ޝިމަން އާއި މަހުޒޫމްގެ މައްޗަށް ވެސް ދައުލަތުން އުފުލީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅި ކަމަށްބުނެ ޖިނާއީ ދައުވާ އެވެ. އެ ދެ މީހުންގެ މައްޗަށް ކުރާ ދައުވާ ކްރިމިނަލް ކޯޓަށް ދައުލަތުން ހުށަހެޅީ ޖޫން 25، 2025، ގަ އެވެ.ޒުވާނުން ކުރި މުޒާހަރާތަކާ ގުޅިގެން، ޔުމްނުގެ މައްސަލާގައި ކަން ހިނގި ގޮތް ބެލުމަށް ރިޔާސީ ކޮމިޝަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި އެވެ. އަދި އެ ކޮމިޝަންގެ ތަހުގީގުން ނިންމާފައިވަނީ ފުލުހުންގެ އިހުމާލުތަކެއް ތަހުގީގުގައި ހުރި ކަމަށެވެ.އެ ހާދިސާ ހިނގި ރޭ ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށް، އޭނާގެ މައްޗަށް ވެސް ދައުލަތުން މިހާރު ވަނީ ދައުވާކޮށްފަ އެވެ. އޭނާ ވަނީ އެ ދައުވާއަށް އިއުތިރާފުވެފަ އެވެ.އެ ހާދިސާގައި ޔުމްނުއަށް ލިބުނު އަނިޔާތަކާ ގުޅިގެން އޭނާއަށް ރާއްޖެއިން ބޭރުން ފަރުވާ ދީފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ