ސްވިޑަންގައި ގުރުއާން އެންދުން ކުށްވެރިކުރަން: ގާސިމް އިބްރާހިމް

ސްވީޑަންގައި ކީރިތި ޤުރުއާން އެންދުމުން އެކަން، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ކުށްވެރި ކުރައްވައިފިއެވެ.
ގާސިމްގެ ޓްވީޓްގައި އެ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ. ސްވީޑެންގައި ގުރުއާން އަންދާތީ މުސްލިމު އިސްލާމީ ގިނަ ގައުމުތަކުން ގެންދަނީ އެކަމާ ދެކޮޅަށް ނުރުހުން ފާޅުކޮށް އަޑުއުފުލަމުންނެވެ.
މިއީ ސްވިޑެންގައި ގުރުއާން ހަތިމް އެންދި ފުރަތަމަ ފަހަރު ނޫންކަން ވެސް ފާހަގަކޮށްލެވެއެވެ. މީގެ ކުރިންވެސް ހަމަ ސްވިޑެންގައި ކީރިތި ގުރުއާން ވީދުމާއި އެންދުން ފަދަ ކަންކަން މާޒީގައި ކުރެވިގެން ގޮސްފައިވެއެވެ.
މީގެ އިތުރުން އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ޖޯކު ޖަހައި ކާޓޫން ދުނިޔޭގެ ބައެއް ގައުމުތަކުގައި ކުރަހާފައިވާއިރު، ދިވެހިރާއްޖެއިން ވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީން އެދުވަސްވަރު އެ އަމަލު ހިންގި ފަރަންސޭސި ވިލާތާއި ދެކޮޅަށް ވަނީ އަޑު އުފުލާފައެވެ.
ގާސިމްގެ ޓްވީޓްގައި ކީރިތި ގުރުއާން އެންދުމަކީ ސުލްހަ މަސަލަސްކަމާއި އަމަން އަމާންކަން ނަގާލުމަށް ރޭވިގެން ހިންގަމުންދާ ޖަރީމާއެއްގެ ގޮތުގައި ސިފަކުރައްވައި އެފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ވަނީ ގޮވާލާފައެވެ.
ދުނިޔޭގެ ހުޅަނގުގެ ގައުމުތަކުގައި ޤުރުއާނަށް އިހާނަތްތެރިކޮށް ހިތަމުންދާތީ މުސްލިމް އެތަކެއް ގައުމުތަކުން އެކަމާ ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ
ސްވިޑެންގައި ގުރުއާން އަންދާފައިވަނީ އިރާގުގެ ރައްޔިތެއް އެކަން ކުރުމުގެ ހުއްދަވެސް ލިބިގެންކަމަށްވުމާއެކު އެފަދަ ދަށު ދަރަޖައިގެ އަމަލެއް އެއްވެސް ގައުމެއްގައި ހިންގުމަކީ އިސްލާމްދީނަށް ދަރަޖަ ކުޑަވާ ގޮތަށް ހިންގާފައި އަމަލެއް ކަމަށް ދުނިޔޭގެ ބޮޑެތި މުސްލިމް ޖަމާއަތް ތަކުން ދަނީ ބުނަމުންނެވެ.
ގާސިމްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގެ މުހިއްމު ކަމަށް އަލިއަޅުވައި އެކަމުގެ ބޭނުން ނުރަނގަޅު ކަންތައްތަކަށް ނުހިފުމަށް ވަނީ ގޮވާލާފައެވެ.
ގާސިމް އާއި ޖުމްހޫރީ ޕާޓީއިން، ސްވީޑެންގައި ކީރިތި ގުރުއާން އެންދުމާއި ދެކޮޅަށް ސާބިތުކަންމަތީ ތެދުވެ ތިބެ އަޑު އުފުލައި އެ އަމަލު ކުށްވެރިކުރާ ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ