ސަރުކާރުން ކަނޑައަޅާ ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައި މަޝްވަރާކުރުމަށް އެމްޑީޕީ އޮތީ ތައްޔާރަށް ކަމަށް އެޕާޓީން ބުނެފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ސްރީލަންކާއަށް ވަޑައިގެންނެވި ދަތުރުފުޅުގައި އެޤައުމުގައި ތިއްބަވާ އެކުވެރި ދައުލަތްތަކުގެ ސަފީރުންނާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި ހަލަބޮލިވެފައިވާ ސިޔާސީ މާހައުލަށް ހަމަޖެހުމެއް ގެނައުމަށްޓަކައި ޔޫރަޕިއަން ޔޫނިއަނުން ހުށަހަޅާ ހުށަހެޅުންތަކަށް އެމްޑީޕީޕީން މަރުހަބާ ކިޔާކަމަށް ވިދާޅުވި ކަމަށެވެ.
"މިހުށަހެޅުންތަކުގެ ތެރޭގައި މައިގަނޑުތައް ގޮތުގައި ހިމެނެނީ ދިވެހިރާއްޖޭގައި އަވަސް އިންތިޚާބެއް 2012 ވަނަ އަހަރު ބޭއްވުމާއި، ވެރިކަން ބަދަލުވެގެން ދިޔަ ގޮތާއި މެދު އެތެރެ ފެންނަ، މިނިވަން ތަހުގީގެއް ބައިނަލްއަގުވާމީ ފަރާތްތަކުގެ ބައިވެރިވުމާއެކު ހިންގުމާއި އަދި ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ މަސައްކަތްތައް އޮމާންކަމާއި އެކު ހިންގެވުން،" ބަޔާނުގައި ވެއެވެ.
އެޕާޓީ އާއި އެކުވެރި ދައުލަތްތަކުގެ ސަފީރުން ދެކެވަޑައިގަންނަވާ ގޮތުގައި ދެން އޮތް މަރުހަލާއަކީ މިކަންކަމުގެ ތަފްޞީލްތައް ކަނޑައަޅައި، އެކަންކަމުގެ ޢަމަލީ މަސައްކަތައިގެން ކުރިއަށް ދިއުން ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.
"ބައްދަލުވުންތައް ބޭއްވުމަށްޓަކައި ސަރުކާރު ހިންގުމާ ހަވާލުވެ ތިބި ފަރާތްތަކުން ކަނޑައަޅާ ކޮންމެ ތަނެއްގަ އާއި ކޮންމެ ވަގުތެއްގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއިން ބައިވެރިވުމަށް ހުރިހާ ގޮތަކުން ތައްޔާރަށް އޮތް ކަމުގައި މި ޕާޓީން ހާމަ ކުރަމެވެ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.
އެމްޑީޕީން ސަރުކާރުން ބޭނުންވާ ކޮންމެ ތަނެއްގައި މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް އެޕާޓީން ބުނިނަމަވެސް ސަރުކާރުގެ އިއްތިހާދުގައި ހިމެނޭ ޕީޕީއެމާއި ޑީއާރްޕީއާއި އަދާލަތު ޕާޓިން ވަނީ މަޝްވަރާތަކުން ވަކިވެފައެވެ. ޕާޓީޓޯކްސް އިންވަކިވަމުން އެ ޕާޓީތަކުން ބުނެފައިވަނީ ރައްޔިތުންގެ މަޖިލިސް މިދިޔަ މާޗްމަހު ހުޅުވަން އެމްޑީޕީން ހުރަސް އަޅާފައިވާތީ އިހުލާސްތެރިނޫން ބަޔަކާއެކު ވާހަކަތައް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށެވެ.
އަދި ވާހަކަތަކުން ވަކިވެފައިވާ ޕީޕީއެމުން ބުނެފައިވަނީ ޕީޕީއެމް އެނބުރި ވާހަކަތަކުގައި އަލުން ބައިވެރިވާނީ އެމްޑީޕީން މަގުމަތީގެ ހަރަކާތްތައް ހުއްޓާލައި އަލުން މަޖިލިސް ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުން ކަމަށެވެ.
ކޮންމެ ވަގުތެއްގައި ވެސް މަޝްވަރާއަށް ދާން ތައްޔާރު: އެމްޑީޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ