2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހު، ހައިޖެކް ކުރެވުނު ދެ މަތިންދާ ބޯޓުގައި ގޮސް އެމެރިކާގެ ނިއު ޔޯކްގައި ހުރި ވޯލްޑް ޓްރޭޑް ސެންޓަރުގެ ދެ ޓަވަރަށް ހަމަލާ ދިން މައްސަލައާ ގުޅިގެން، އެ ހާދިސާގައި މަރުވި މީހުންގެ އާއިލާއިން ސައުދީ އަރަބިއްޔާއާ ދެކޮޅަށް އުފުލި ދައުވާ، އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ.
ވޯލްޑް ޓްރޭޑް ސެންޓަރަށް ހަމަލާ ދެވުނީ، ދެ މަތިންދާ ބޯޓު ހައިޖެކް ކޮށް، އެ ދެ ބޯޓު ގޮސް ދެ ޓަވަރުގައި ޖެއްސުމުގެ ސަބަބުންނެވެ. މި ހާދިސާގައި ދެ ޓަވަރުވެސް ވަނީ ބިމާއި ހަމަވެފައެވެ.
ވޯލްޑް ޓްރޭޑް ސެންޓަރުގެ ދެ ޓަވަރުގެ އިތުރުން، އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޑިފެންސްގެ އޮފީސް ހުންނަ ޕެންޓަގަން އިމާރާތަށްވެސް ވަނީ، ހައިޖެކް ކުރެވުނު މަތިންދާ ބޯޓެއްގައި ހަމަލާ ދެވިފައެވެ. އަދި މީގެ އިތުރުން، އިތުރު ފްލައިޓެއް ހައިޖެކް ކުރެވުނު ނަމަވެސް، އެ ފްލައިޓު ވަނީ އެމެރިކާގެ ޕެންސިލްވޭނިޔާ ކައިރިއަށް ވެއްޓިފައެވެ.
މިއީ، އަލްޤައިދާ ޖަމާޢަތުން ރާވައިގެން ހިންގި އަމަލަކަށް ވާ އިރު، މި ހަމަލާ ދިނުމުގައި އެ ޖަމާޢަތަށް ނިސްބަތްވާ 19 މީހަކު ބައިވެރިވިއެވެ.
އޭގެ ތެރޭގައި ސައުދީ އަރަބިއްޔާގެ 15 މީހަކާއި، އެކުވެރި އަރަބި އިމާރާތުގެ ދެ މީހަކާއި، މިސްރުގެ އެކަކާއި އަދި ލުބުނާނުގެ އެކަކު ހިމެނެއެވެ.
މި ހަމަލާތަކުގައި ގާތްގަނޑަކަށް 3،000 މީހުން މަރުވި އިރު، އޭގެ ތެރެއިން ބައެއް މީހުންގެ އާއިލާއިން ވަނީ، ސައުދީ އަރަބިއްޔާއާ ދެކޮޅަށް ދައުވާ ކޮށްފައެވެ. އެހެން ނަމަވެސް، އެމެރިކާގެ މެންހެޓަން ކޯޓުގެ ފަނޑިޔާރު ޖޯޖް ޑެނިއެލްސް ވިދާޅުވީ، ދައުވާ އުފުލިފައިވާ މީހުންނާ ދެކޮޅަށް ކޮށްފައިވާ ތުހުމަތުތަކުން އެކަނި، ކޯޓުގައި މައްސަލައެއް ނުހިންގޭނެ ކަމަށެވެ.
ސެޕްޓެމްބަރު 11 ގެ މައްސަލައިގައި ސައުދީއާ ދެކޮޅަށް ހުށަހެޅި މައްސަލަ އެމެރިކާގެ ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ