ދެ މަސްދުވަހުގެ ކަރަންޓު ބިލާއި ފެން ބިލަށް ލުޔެއް

ކުރިއަށް އޮތް ދެ މަސްދުވަހުގެ ކަރަންޓު ބިލާއި ފެން ބިލަށް ލުއިތަކެއް ސަރުކާރުން ހަމަޖައްސައިދިނުމަށް ނިންމައި އެކަން އިޢުލާނުކޮށްފިއެވެ. ކޮވިޑް-19އިގެ ސަބަބުން އިޤުތިޞާދަށް ފޯރާފައިވާ ހީނަރުކަމުން އިޤުތިޞާދު ސަލާމަތްކުރުމުގެ ގޮތުން ސަރުކާރުން އިޢުލާނުކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ އެހީގެ ޕެކޭޖުގެ ތެރޭގައި ހިމެނިގެން ސަރުކާރުގެ ފަރާތުން ނިންމާފައިވަނީ ކުރިއަށް އޮތް ދެމަހު ކަރަންޓު ބިލާއި ފެން ބިލުގެ މިންވަރެއް ސަރުކާރުން ސަބްސިޑައިޒްކުރުމަށެވެ. މިއަދު ދަރުބާރުގޭގައި އޮތް ނޫސްވެރިން ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލީ ވަޒީރު އިބްރާހީމް އަމީރު އިޢުލާނުކުރެއްވި ގޮތުގައި ކުރިއަށް އޮތް ދެމަސް ކަމުގައިވާ އޭޕްރީލް މަހާއި މޭ މަހު ކަރަންޓު ބިލުގެ 40 އިންސައްތަ ސަރުކާރުން ސަބްސިޑައިޒުކޮށްދޭނެއެވެ. ހަމައެހެންމެ އަމީރު ފާހަގަކުރެއްވި ގޮތުގައި ކުރިއަށް އޮތް ދެމަހު ފެނުގެ ބިލުން 30 އިންސައްތަ ސަރުކާރުން ސަބްސިޑައިޒުކޮށްދޭނެއެވެ.  ސަރުކާރުން ބިލުތަކަށް އެހީތެރިވުމުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްއިން ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ކޮވިޑް-19އިގެ ނޭދެވޭ އަސަރުކުރާ ފަރާތްތަކުން ދައްކަންޖެހޭ ލޯނުގެ އަސާސީ މިންވަރާއި އިންޓަރެސްޓު ދެއްކުން 6 މަސްދުވަހުގެ މުއްދަތަކަށް ފަސްކޮށްދިނުމަށް ސަރުކާރުން ބޭންކާ ވާހަކަދައްކައި އެގޮތަށް ނިންމާފައިވާ ކަމުގައިވެސް އަމީރު ވިދާޅުވިއެވެ.އަދި ބޭންކުން ނަގާފައިވާ ލޯނު ދެއްކުމުގައި 6 މަސްދުވަހުގެ މޮރިޓޯރިއަމެއް ލިބޭ ފަރާތްތަކުން އެފަރާތްތަކަށް ކޮވިޑް-19އިގެ ސަބަބުން ކޮށްފައިވާ އަސަރު ދައްކައިދޭންޖެހޭނެ ކަމުގައިވެސް އަމީރު ވިދާޅުވިއެވެ. އަދި މިކަމުގެ ތަފުޞީލުތައް ކުރިއަށް އޮތް ހަފްތާ ތެރޭގައި ހާމަކުރާނެ ކަމުގައިވެސް އަމީރު ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ