ފުރަތަމަ ފަހަރަށް މާލެއިން ބޭރަށް ތައާރަފްކުރާ ޕިކްޕޯސްޓުގެ ހިދުމަތް ކުޅުދުފުއްޓަށް!

މާލެއިން ބޭރުގައި ގާއިމްކުރާ ފުރަތަމަ ޕިކްޕޯސްޓުގެ ހިދުމަތް، ހދ. ކުޅުދުއްފުށީގައި ތައާރަފުކުރަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ބުނެފި އެވެ. 
ޕޯސްޓް އޮފީހުން ބުނީ އެ ތަން ހުޅުވަން ނިންމާފައިވަނީ ރާއްޖޭގެ މިނިވަން ދުވަހާ ގުޅުވައިގެން މިމަހުގެ 26 ވަނަ ދުވަހު ކަމަށެވެ. 
ކުޅުދުއްފުށީގައި ހުންނަ ޝަހީދު ކޯޕްރަލް ހުސެއިން އާދަމް ހަނދާނީ ބިނާ ކައިރީގައި އެ ޕިކްޕޯސްޓް ހުޅުވާނީ އެ ދުވަހުގެ ހެނދުނު 9:00 ގަ އެވެ.
އެކަމަކީ ޕޯސްޓުގެ ހިދުމަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަކޮށް، ޕޯސްޓް އޮފީހުން ބުނީ މާލެއިން ބޭރުގައި ގާއިމްކުރާ ޕިކްޕޯސްޓާ އެކު ކަސްޓަމަރުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ތެރޭގައި ޗައިނާގެ އެންމެ މަޝްހޫރު އެއް އޮންލައިން ޕްލެޓްފޯމް "ޓީމޫ" ރާއްޖެއަށް ތައާރަފް ކުރުމާ އެކު ވަރަށް ބޮޑަށް ޕޯސްޓް އޮފީހަށް ވަނީ ބާރު ބޮޑުވެފަ އެވެ. އަދި ގިނަ އަދަދަކަށް މީހުން ވިޔަފާރިކުރަން ފެށުމުން ޕޯސްޓުގެ ހިދުމަތްތައް ކޮންމެވެސް ވަރަކަށް ލަސްވެ، އަތޮޅު ތެރޭގެ ރަށްރަށަށް ތަކެތި ލިބުމަށް ގިނަ ދުވަސްތަކެއް ހޭދަވެ އެވެ. 
ކުޅުދުއްފުއްޓަކީ ކޮންމެ ދުވަހަކު ވެސް އުތުރުގެ ގިނަ ބަޔަކު ދަތުރުކޮށް އުޅޭ ރަށެކެވެ. އަދި އެ ހިދުމަތް އެރަށުގައި ތައާރަފް ކުރުމާ އެކު އުތުރުގެ ރަށްތަކަށް ބޭރުން ތަކެތި ގެނައުމުގައި ލުއިތަކެއް ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ