ބޭރުގެ ހުށަހެޅުންތަކާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ގްރީސްގައި ނަގާ ވޯޓުގެ ކަންތައް ކުރިޔަށްދަނީ
އެތެންސް (ޖުލައި 5) : ޔޫރަޕްގެ ގައުމެއް ކަމަށްވާ ގްރީސްއަށް ކުރިމަތިވެފައިވާ ދަރަނިން ސަލާމަތްކޮށްދިނުމަށް ބޭރުގެ ފަރާތްތަކުން ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުލުމުގެ ކަންތައް އެގައުމުގައި މިއަދު ކުރިޔަށް އެބަދެ އެވެ. މިއަދު ހެނދުނު ނަގަން ފެށި ވޯޓުގެ ނަތީޖާ މިރޭ ލިބޭނެކަމަށާ ވޯޓުލުމުގެ ހައްގު ލިބިފައި ވަނީ 10 ވަރަކަށް މިލިޔަން މީހުންނަށް ކަމަށް އެގައުމުގެ އިންތިޚާބުތަކާ ބެހޭ އިދާރާއިން ބުނެ އެވެ. ގްރީސްގެ ސަރުކާރުން ވަނީ ބޭރުގެ ފަރާތްތަކުން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ނޫނެކޭ ބުނުމަށް ރައްޔިތުންނަށް އިލްތިމާސްކޮށް އެކަމަށް ކޭންޕޭންވެސް ކޮށްފަ އެވެ. ގްރީސްގެ މާލި ވަޒީރު ޔެނިސް ވަރޮފަކިސް ވަނީ ބޭރުގެ ހުށަހެޅުންތަކަށް ރައްޔިތުން ތާއީދުކޮށްފި ނަމަ މަގާމުން އިސްތިއުފާ ދެއްވާނެކަމަށް ވިދާޅުވެފަ އެވެ. ޔެނިސް ވިދާޅުވީ ގްރީސްއަށް ދީފައިވާ ލޯންތައް އަލުން ރީސްޓްރަކްޗާ ނުކޮށް ބޭރުގެ ފަރާތްތަކާ އެކު މާލީ އެއްވެސް އެއްބަސްވުމެއްގައި އޭނާ ސޮއިނުކުރައްވާނެ ކަމަށާ އޭގެ ބަދަލުގައި އިސްތިއްފާ ދެއްވަން ޖެހިއްޖެ ނަމަ އިސްތިއުފާ ދެއްވާނީ އެވެ. ބޭރުގެ ފަރާތްތަކުން ހުށަހަޅާ ހުށަހެޅުންތައް ގަބޫލުކުރާކަމަށް ސޮއިކުރަން ޖެހޭނީ އެކަމަށް ރައްޔިތުން ރުހުން ދީފި ހާލަތެއްގަ އެވެ. ޔެނިސް ވިދާޅުވީ ބޭރުގެ ހުށަހެޅުންތަކަށް ނޫނެކޭ ބުނެފި ނަމަ ޔޫރޯޒޯނުން ގްރީސް ބޭރުކޮށްލާނެ ކަމަށް ޔޫރަޕުން ބުނެ ބިރުދެއްކި ނަމަވެސް އެކަން ގާނޫނީ ގޮތުން ޔޫރަޕަށް ނުކުރެވޭނެ ކަމަށާ އެއީ ޔޫރަޕުން ބޭނުންވާ ގޮތަށް ވޯޓުގެ ނަތީޖާ ނެރުމަށް ކުރާ ޕްރޮޕަގެންޑާއެއް ކަމުގަ އެވެ. ގްރީސްގެ ބޮޑުވަޒީރު އެލެކްސިސް ސިޕްރާސް ވެސް ވަނީ މިކަމަށް ނޫނެކޭ ބުނުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ. ނަމަވެސް ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ ބޭރުގެ ފަރާތްތަކުން ހުށަހަޅާފައިވާ ހުށަހެޅުންތަކަށް އާއެކޭ ބުނުމަށް ރައްޔިތުންގެ ކިބައިން އެދިފަ އެވެ. ނޫނެކޭ ބުނެފިނަމަ ޔޫރޭޒޯނުން ގްރީސް ބޭރުވާނެ ކަމަށާ އޭރުން ރައްޔިތުންނަށް ލިބޭނެ ދަތިކަން މާބޮޑުވާނެ ކަމަށް ވެސް އިދިކޮޅުފަރާތްތަކުންނާ އަދި ބޭރުގެ ހުށަހެޅުންތަކަށް ތާއީދުކުރާ ފަރާތްތަކުން ދެކެ އެވެ. ދަރަނީގެ މައްސަލާގައި ބޭރުގެ ފަރާތްތަކުން ގްރީސްއަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ތަންފީޒު ކުރަންފަށައިފި ނަމަ ގައުމުގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ދަށްވެ ފަގީރުކަން އާންމުވެގެން ހިނގައި ދާނެކަމަށް ގްރީސް ގެ ގިނަބަޔަކު ދެކޭކަން ޚިޔާލު ހޯދުމުގެ ސާވޭއިން ކުރިން ހާމަވެފައިވެ އެވެ. ދަރަނީގެ ސަބަބުން އިގްތިސާދު ހީނަރުވެފައިވާ ގްރީސް މާލީ ގޮތުން ނަގަހައްޓައި އަދި ސަލާމަތް ކުރުމަށް ގްރީސް އަށް މާލީ އެހީދޭ ބޭރުގެ ފަރާތްތަކަކީ ޔޫރަޕިއަން ކޮމިޝަން، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަދި ޔޫރަޕިއަން ސެންޓްރަލް ބޭންކް އެވެ. ގްރީސް ދަރަނިން ސަލާމަތް ކުރުމަށްޓަކައި އެގައުމަށް މާލީ އެހީ ދިނުމަށް ބޭރުގެ މާލީ އިދާރާތަކުން ކުރިމަތި ކުރާ ޝަރުތުތައް ގަބޫލުކުރަން ގްރީސް ސަރުކާރުން ދެކޮޅު ހަދަނީ އެކަމުގެ ސަބަބުން އާދަޔާ ޚިލާފަށް ޚަރަދު ކުޑަކުރަން ޖެހޭނީ ރައްޔިތުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވާނެތީ އެވެ. ބޭރުގެ މާލީ އިދާރާތަކުގެ ހުށަހެޅުންތަކުގައި ރައްޔިތުންގެ އިޙްސާސްތަކަށް ކުޑަކޮށް ވެސް ބެލުމެއްނެތި އިސްކަން ދީފައި ވަނީ ޚަރަދުތައް ކުޑަކުރުމަށާއި އާމްދަނީ ކުއްލި ގޮތަކަށް އިތުރު ކުރުމަށެވެ. މީގެއިތުރުން ބޭރުގެ ހުށަހެޅުންތަކަށް އާނބަސް ބުނުމަކީ ގްރީސްގެ މާލީ ކަންކަމުގެ ކޮންޓްރޯލް ސަރުކާރަށް ގެއްލިގެންގޮސް ގްރީސްގެ ޚަޒާނާގެ ލަގަން ބޭރު ބައެއްގެ އަތްމައްޗަށް ދިޔުންކަމަށް އެގައުމުގެ ސަރުކާރުން ދެކެއެވެ. (ރޮއިޓާސް)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ