އެއްބަސްވުމޭ ކިޔައިގެން އެމްޑީޕީން ފަހުން ކުޅުނީ ޑްރާމާއެއް - ގާސިމް

އެއްބަސްވުމޭ ކިޔައިގެން އެމްޑީޕީން ފަހުން ކުޅުނީ ޑްރާމާއެއް ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވެއްޖެއެވެ.
ރޭ "ވީޓީވީ" ގައި އެމްޑީޕީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ އެމްޑީޕީން ވަކި ބަޔަކު، ވަކި ކަހަލަ ބަޔަކު މަޖިލީހަށް ވެއްދުމަށްޓަކައި ގެންދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
" އެމްޑީޕީން ފަހުން ކުޅުނީ ޑްރާމާއެއް. ހަތަރު ލީޑަރުންގެ އެއްބަސްވުމެއް އައި އިރު އެމްޑީޕީގެ ގައުމީ މަޖިލީހުން އެކަމެއް ނުބަލާ. ގާބިލްނޫން އެތައްބަޔަކު ޕްރައިމެރީ ކާމިޔާބުކޮށް ވާދަކުރަމުންދާތަން އެބަ ފެނޭ" ގާސިމް ވިދާޅުވިއެވެ.
ގާސިމްވަނީ، ރައްޔިތުންގެ މަޖިލީހަކީ ސަރުކާރު ބޭނުންވާ ގޮތަށް ރަބަރު ތައްގަނޑުޖަހާ ތަނަކަށް ވާކަށް ނުޖެހޭ ކަމަށް ވިދާޅުވެފައެވެ.
ގައުމުގެ ސަލާމަތާއި އަމާން ކަމަށްޓަކައި މިނިވަންކަމަށްޓަކައި އިސްލާމްދީން ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓިން ނެރެފައިތިބި ކެންޑިޑޭޓުންނަށް އިސްކަން ދޭން ޖެހޭ ކަމަށް ގާސިމް ވިދާޅުވިއެވެ.
" ގައުމު ކުރިއެރުމަށާއި، ގައުމަށްޓަކައި މަސައްކަތް ކުރުމުގައި ބުއްދި ސަލާމަތުންހުރި ކޮންމެ މީހަކުވެސް އެދޭނޭ " ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ، ގައުމުގެ މިސްރާބު ވަކި ބަޔަކު ބަދަލުކުރަމުން އެބަދާ ކަމަށާއި، އެކަން ކުރަމުންދަނީ ގައުމުގެ އިސްތިގްލާލާއި މިނިވަންކަން ގެއްލިގެންދާނެ ގޮތަށް ކަމަށެވެ. ތަޅާފޮޅުމާ ކަންތައްތައް ހިނގާނެ ގޮތަށް ކަމަށެވެ.
އެމްޑީޕީގެ މެންބަރުންނަށް މިހާރު ގާސިމް ގޯސްވެފައި ވާއިރު އެމްޑީޕީ އަށް މިފަހަރު ވެރިކަން ލިބިފައި ވަނީ ވެސް ގާސިމްގެ ވަރަށް ބޮޑު ތާއީދަކާއި ބުރަ މަސައްކަތަކުންނެވެ.
މިފަހަރު ކޯލިޝަން ނުރޫޅޭނެ ކަމުގެ ޔަގީންކަން ތަކުރާރުކޮށް ދެއްވުމަށް ފަހު ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވިތާ 100 ދުވަސް (ސަރުކާރުން ގުނާގޮތައް) ހަމަ ނުވަނީސް ކޯލިޝަން ވަނީ ގާތްގަނޑަކަށް ރޫޅިފައި ކަމަށް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ބޭފުޅުން ވިދާޅުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ