މަޖިލީހުގެ ނިންމުމަށް ނުސީދާކޮށް މައުމޫނު ފާޑުވިދާޅުވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން މަޑު ޖައްސާލަން އެ ކޯޓުން ނެރުނު އަމުރާ ޚިލާފަށް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނިންމާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ބުނެ ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އަމުރަކީ ގާނޫނު އަސާސީއާ ހިލާފު އަމުރެއް ކަމަށް މަޖިލީހުގެ ތަޅުމުން ނިންމި ނިންމުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްުލްގައްޔޫމު ނުސީދާކޮށް ފާޑުވިދާޅުވެއްޖެއެވެ. މައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ މުވައްސަސާއަކުންވެސް ގާނޫނު އަސާސީ ތަންދޭ ގޮތެއްގެމަތިން އަދި އެ މުވައްސަސާއެއްގެ ގާނޫނީ ހުދޫދުގެ ތެރެއިން ކަންކަން ކުރުމަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އިލްތިމާސް ކުރައްވާ ކަމަށެވެ. ރައީސް މައުމޫނު މިފަދައިން ވިދާޅުވިއިރު ސުޕްރީމު ކޯޓާއި ޖޭއެސްސީ އާ ދެމެދު ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރުމަށް ޖޭއެސްސީ އިން ނިންމުމުން، އެއީ ބާތިލު ނިންމުމެއްކަމަށް ސުޕްރީމު ކޯޓުން ވަނީ ބުނެފައެވެ. ސުޕްރީމު ކޯޓުގެ ނިންމުން ގާނޫނު އަސާސީ އާ ޚިލާފުކަމަށް މަޖިލީހުން ނިންމީ މިއަދު އެވެ. https://twitter.com/maumoonagayoom/status/1140988878381289472 މަޖިލީހުން މިއަދު ވަނީ ޖުޑިޝަރީ ކޮމިޓީއިން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓް ވެސް ފާސްކޮށްފަ އެވެ. އެ ރިޕޯޓުގައި ވަނީ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރަން ޖޭއެސްސީގެ ނިންމުމަކީ ގާނޫނީ ބާރު ލިބިގެންވާ ނިންމުމެއް ކަމަށް ކަނޑައެޅުމާއި ދައުލަތުގެ އެހެން މުއައްސަސާތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ނުވަނުމަށް އެ ކޯޓަށް ރައްޔިތުންގެ މަޖިލީހުން އިލްތިމާސް ކުރުމެވެ. ސުޕްރީމް ކޯޓުން ޖޭއެސްސީގެ މަސައްކަތަށް ހުރަސް އަޅައި އެ ކޮމިޝަނުގެ އިހުތިސޯސުގެ ތެރެއަށް ވަންނަ ކަމަށް ކޮމެޓީ ރިޕޯޓުގައި ބުނާއިރު، މަޖިލީހުން ސުޕްރީމު ކޯޓުގެ ނިންމުންތަކަށް ފާޑުކިޔުމަކީ އެއްބާރުން އަނެއް ބާރުގެ ނިންމުންތަކަށް ފާޑުކިޔުން ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ