ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ބެލުމަށް ޖޭއެސްސީ އަށް!

ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލައި، ދައުލަތުގެ އިދާރާތަކަށް ނުފޫޒާއި ބާރު ފޯރުވަމުން ގެންދަވާތީ، ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ބާރުތަކަށް ސުޕްރީމް ކޯޓުން އަރައިގަންނަމުން ދާތީ، އެކޯޓުގެ ފަނޑިޔާރުންގެ މައްސަލަ ބެލުމަށް ޖޭއެސްސީ އަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުން އެގޮތަށް ފާސްކޮށްފައި ވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން ސްޕްރީމް ކޯޓުގެ ނަންބަރު: 02/J-VA-SC/2019 އަމުރާ ޚިލާފަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައިވާ އެއްވެސް ނިންމުމެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާއި، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކޮމިޓީއަކުންވިއަސް ނިންމާ ކޮންމެ ނިންމުމަކީ ބާޠިލް ނިންމުމެއް ކަމަށް 17 ޖޫން 2019 ގައި ސްޕްރީމް ކޯޓުން ނެރުއްވި އެ ކޯޓުގެ ނަންބަރު 02/SJ-SC/2019 އަމުރުން ކަނޑައަޅުއްވައި، އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ މައްސަލަ މަޖިލީހަށް ހުށަހެޅުމާއި ގުޅިގެންނެވެ.
އެމައްސަލަ މަޖިލީހަށް ހުށަހެޅުމާއެކު، ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހުގެ ބާރަށް ގާނޫނު އަސާސީއާ ހިލާފަށް އަރައިގަންމުން ދާތީ ގިނަ މެމްބަރުން ވަނީ އެކަމާ ކަންބޮޑުވެ، ބަހުސް ކުރައްވާފަ އެވެ. އަދި މިއަދުގެ ޖަލްސާގައި އެމައްސަލައަށް ބަހުސް ކުރުމަށް ހުރިހާ މެމްބަރުންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ދެއްވާފައި ވެއެވެ. އަދި އެކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަގުތު ވަނީ ވެސް އިތުރުކޮށްފަ އެވެ. މިއަދުގެ ޖަލްސާއަށް ހުށަހެޅު ކަންކަމަށް ވޯޓަށް އަހާފައިވަނީ 15:00 ގަ އެވެ.
ސުޕްރީމްގެ ކޯޓުގެ އެމައްސަލައާ ގުޅިގެން، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހަޅުއްވައި، މާފަންނުމެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ތާއީދު ކުރައްވާ މިއަދުގެ ޖަލްސާގައި ތިން ކަމެއް ވަނީ ހުށަހަޅުއްވާފަ އެވެ. ޖޭއެސްސީއަށް މަތިކޮށް، ތިން ކަމެއް ކުރުމަށް މިއަދުގެ ޖަލްސާގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.
ޖޭއެސްސީއަށް މަތިކޮށް، އާޒިމް ހުށަހެޅުއްވި ތިން ކަންތައް:
1. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ (ނަމްބަރު: 02/J-VA-SC/2019 ސުޕްރީމް ކޯޓުގެ އަމުރާއި، އަމުރު ނަމްބަރު: 02/SJ-SC/2019)، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިންގި އެއަމަލު، ގާނޫނުއަސާސީއާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލި މައްސަލަ ޖޭއެސްސީ ބަލާ ގޮތެއް ނިންމުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން.
2. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމްބަރު: 02/J-VA-SC/2019 ސުޕްރީމް ކޯޓުގެ އަމުރާއި، އަމުރު ނަމްބަރު: 02/SJ-SC/2019 އަމުރު ނެރުނު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފަނޑިޔާރުކަމުގެ ޝަރުތުތައް ޖޭއެސްސީގެ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ފުރިހަމަ ވެފައިވޭތޯ ޖޭއެސްސީ ބަލާ، ގޮތެއް ނިންމުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން.
3. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރެއްގެ ކޮރަޕްޝަނުގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިފައިވާނަމަ، އެމައްސަލައެއް، އެކޮމިޝަނުން ލަސްނުކޮށް ބެލުމަށް.
އާޒިމްގެ އެ ހުށަހެޅުންތަކުގެ އިތުރުން، ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އެއްވެސް ބާރަކަށް އަރައިގަނެ، މަޖިލީހުގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން ބަސްބުނާ މަޖިލީހުގެ ބާރުތަކާއި އެމަޖިލީހުގެ ދުސްތޫރީ ބާރުތައް ނެގެހެއްޓުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅު އެޅުމަށްޓައި މަޖިލީހަށް މިއަދު ހުށަހެޅި ގަރާރު ވެސް އެމަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އެގަރާރު، މިއަދުގެ ޖަލްސާގައި ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުންގެ އިއްތިފާގުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ