ފަނޑިޔާރު އަބްދުﷲ ދީދީ މައްސަލައިގެ ތަހުގީގު އާންމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދަން ޖޭއެސްސީން ނިންމައިފި

ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުން އަންނަ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ މައްސަލައިގެ ތަހުގީގު އާންމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދަން އެ ކޮމިޝަނުން ނިންމައިފި އެވެ.
މި ގޮތަށް ނިންމާފައި ވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ކުއްލި ބައްދަލުވުމުން ކަމަށް އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި، މިއަދު ބޭއްވި ކުއްލި ބައްދަލުވުމަށް ވަޑައިގެންނެވީ، ކޮމިޝަނުގެ ރައީސް އަބްދުﷲ އަރީފު އާއި ކޮމިޝަނުގެ ނައިބު ރައީސް މަސްތޫރު ހުސްނީ އާއި ކޮމިޝަނުގެ މެންބަރު ރައީސް މުހައްމަދު ނަޝީދު އާއި ކޮމިޝަނުގެ މެންބަރު ހިސާން ހުސެއިން އާއި ކޮމިޝަނުގެ މެންބަރު ޑރ. އަލީ ޝަމީމް އަދި ކޮމިޝަނުގެ މެންބަރު މުހައްމަދު އީސާފުޅެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކޮމިޝަނުގެ ރައީސް އަބްދުﷲ އަރީފް އެވެ.
ފަނޑިޔާރު ދީދީގެ މައްސަލައިގެ ތަހުގީގު އާންމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދަން ޖޭއެސްސީން މި ނިންމީ، އޭނާގެ ބަޔާނެއް ނެގުމަށް އެ ކޮމިޝަނަށް ރޭ އޭނާ ހާޒިރުކުރުމުން އެ ގޮތަށް އެދިވަޑައިގެންފައިވާތީ ކަމަށް ވެސް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ ގޮތުން ދައުލަތުގެ އެއްވެސް މުއައްސަސާ އަކުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެހެން ނަމަވެސް އެ އަމުރަށް ކިޔަމަން ނުވާން ޖޭއެސްސީން ވަނީ ނިންމައިފަ އެވެ. ޖޭއެސްސީން ބުނެފައި ވަނީ އެ ކޮމިޝަނުގެ ގާނޫނީ މަސައްކަތަށް ހުރަސް އެޅުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެން ނުވާ ކަމަށެވެ. އަދި ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރުމަށް އެ ކޮމިޝަނުން ނިންމި ނިންމުން ތަންފީޒީ ނިންމުމެއްގެ ގޮތުގައި ދެމިއޮންނާނޭ ކަމަށް ވެސް ޖޭއެސްސީން ވަނީ ބުނެފަ އެވެ.
ޖޭއެސްސީން މިހެން ބުނެފައި ވަނިކޮށް، ސުޕްރީމް ކޯޓުން އިއްޔެ ވަނީ ދެވަނަ އަމުރެއް ނެރެފަ އެވެ. މި ފަހަރުގެ އަމުރުގައި ބުނެފައި ވަނީ، ފަނޑިޔާރު އަބްދުﷲ ދީދީއާ ގުޅޭ ގޮތުން ދައުލަތުގެ އެއްވެސް ފަރާތަކުން އެއްވެސް ފިޔަވަޅެއް އަޅައިފި ނަމަ، އެ ފިޔަވަޅެއް ވާނީ ބާތިލް ފިޔަވަޅެއް ކަމަށެވެ.
ސުޕްރީމް ކޯޓުގެ މި އަމުރާ ގުޅިގެން، މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން، މިއަދު ވަނީ ސުޕްރީމް ކޯޓުގެ އެ އަމުރަކީ ގާނޫނާ ޚިލާފު އަމުރެއް ކަމަށް ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ