ޔާމީން ޖަލުގައި ހުންނަވަނީ މައުމޫން ހުންނެވި ގޮޅީގައި!

ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނަވަނީ، އެމަނިކުފާނުގެ ވެރިކަމުގައި އެއްބަފާ ބޭބޭފުޅު ރައީސް މައުމުން އަބްދުލް ގައްޔޫމް މާފުށީ ޖަލުގައި ހައްޔަރު ކޮށްފައި ހުންނެވި ގޮޅީގައި ކަން އެނގިއްޖެ އެވެ.
"ސީއެންއެމް" އަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީން ހުންނަވަނީ، މައުމޫން ހުންނެވި ސްޕެޝަލް ޕްރޮޓެކްޝަން ގޮޅީގަ އެވެ. އެ ގޮޅިތަކަކީ، ޖަލުގައި އާންމުކޮށް ހުންނަ ގޮޅިތަކާ ހިލާފަށް، ފެންވަރު ރަނގަޅަށް ހަދާފައިވާ ގޮޅިތަކެކެވެ.
އެތޮތުން އެހެން ގޮޅިތަކާ ހިލާފަށް، ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓުގެ ގޮޅިތަކަކީ ގޮދަޑިއަކާއި އެކު އެދަކާއި، އައިސް އަލަމާރި އާއި، އޭސީ ކޮށްފައި ހުންނަ ގޮޅިތަކެކެވެ. އޭގެ އިތުރުން އެ ތަނުގައި އެހެން ގޮޅިތަކާ ހިލާފަށް ވަކިން ހުންނަ ފާހާނަ އެއް ވެސް ހުރެ އެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި، ފެބްރުއަރީ މަހު ސްޕްރީމް ކޯޓުން ނެރުނު ބޮޑު އަމުރާ ގުޅިގެން ކުއްލި ހާލަތު އިއުލާނުކޮށް ހައްޔަރު ކުރި މީހުންގެ ތެރޭގައި ރައީސް މައުމޫން ހިމެނުނު އިރު، އެމަނިކުފާނު ޖަލުގައި އަށް މަހަށް ވުރެ ގިނަ ދުވަސް ހޭދަކުރެއްވި އެވެ.
މަނީ ލޯންޑަރިންގެ މައްސަލައެއްގައި ރައީސް ޔާމީނުގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، އިއްޔެ އޮތް އެ މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ކްރިމިނަލް ކޯޓުން ވަނީ، ޕީޖީގެ ވަކީލުންގެ އެދުމަށް ޝަރީއަތް ނިމެންދެން އެމަނިކުފާނު ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އަމުރު ކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވެސް މިހާރު ހުންނެވީ ސްޕެޝަލް ޕްރޮޓެކްޝަން ގޮޅިއެއްގަ އެވެ. ރައީސް ޔާމީނުފެ ވެރިކަމުގައި އަދީބު ބަހައްޓާފައި ހުރީ، އެންމެ އާދައިގެ ގޮޅިއެއްގައި ކަމަށް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ