ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރުގެ ނެންގެވި ކަމަށް ކުރާ ތުހުމަތުތައް އެމަނިކުފާނު ދޮގު ކުރައްވައިފި އެވެ.
ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވަން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރުގެ ނެންގެވި ކަމަށް ކުރާ ތުހުމަތުތައް ދޮގު ކުރައްވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރައިގެން އޭނާގެ އާއިލާވެސް ހިމެނޭ ގޮތަށް އަބުރު ގެއްލުވާލާފައިވާ ކަމަށެވެ. ކޮންމެ މީހެއްގެ ވެސް ރީތީ ނަމާއި އަބުރު ރައްކާތެރި ކުރުމަކީ ގަނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށް ފާހަގަ ކުރައްވަމުން، ދީދީ ވިދާޅުވީ ޖިނާއީ ތުހުމަތެއް ކުރެވޭނީ އެކަށީގެންވާ ހެއްކާއި ގަރީނާ ހުރެގެން ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ، މީހެއްގެ ބޭންކު އެކައުންޓަށް ޖަމާވާ ފައިސާއަކީ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ބޭނުންވެއްޖެ ހާލަތެއްގައި ލިބެންހުރި މައުލޫމާތު ކަމަށް ވާއިރު، ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދީ މީޑީއާތަކުން ކޮށްފައިވަނީ ވަރަށް ޣައިރު ޒިންމާދާރު އަމަލެއް ކަމަށެވެ.
"... ވީމާ ނޫސްތަކުގައި ފަތުރަމުންދާ ހަގީގަތާ ހިލާފު ވާހަކަތައް ދޮގުކޮށް، ހައްގު ނޫން ފައިސާއެއް އަޅުގަނޑުގެ ނުވަތަ އަޅުގަނޑާ ގުޅުންހުރި އެއްވެސް އެކައުންޓެއްގައި ނުހުންނާނެ ކަމުގެ ޔަގީންކަން ދެމެވެ،" ދީދީ ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.
އަބްދުﷲ ދީދީ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ބެއްލެވި ބެންޗުގައި ހިމެނިވަޑައިގެންނެވި ފަނޑިޔާރެކެވެ. ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު އަދި ރައީސް ނަޝީދު ވަނީ އެ މައްސަލަ ސުލޫކީ މައްސަލައެއް ގޮތުގައި ބަލަން ޖޭއެސްސީ އަށް ހުށަހަޅާފައެވެ.
ޖިނާއީ ތުހުމަތެއް ކުރެވޭނީ އެކަށީގެންވާ ހެއްކާއި ގަރީނާ ހުރެގެން – ފަނޑިޔާރު އަބްދުﷲ ދީދީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ