އިންތިހާބަށްފަހު މޯދީގެ ފުރަތަމަ މަންޒިލަކަށް ރާއްޖެ

އިންޑިއާގެ އާންމު އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަ މަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މޯދީ ރާއްޖެ ވަޑައިގަންނަވަނީ މި ސަރަހައްދުގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގެ ތެރެއިންނެވެ. އެގޮތުން އެންމެ ފުރަތަމަ މަންޒިލަކީ ރާއްޖެ އެވެ.
ރައީސް އޮފީހުން ބުނީ، އިންޑިއާގެ ފޮރިން މިނިސްޓްރީން މޯދީ ރާއްޖެ ވަޑައިގަންނަވާކަން ރަސްމީކޮށް އަންގާފައިނުވާ ކަމަށެވެ.
މިއީ މޯދީ ރާއްޖެ ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މީގެ ކުރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންފަ އެވެ.
އާންމު އިންތިހާބުގައި އިންޑިއާ ޕާލަމަންޓުގެ ތިރިގެ "ލޯކް ސަބާ" އަށް 543 މެމްބަރުން އިންތިހާބުކުރާއިރު، މިހާތަނަށް ވޯޓްގެ ނަތީޖައް ދައްކާ ގޮތުން މޯދީގެ ބީޖޭޕީ އިން 300 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ބެލެވެ އެވެ.
އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރެއްވުމުން ރައީސް ސޯލިހް ވަނީ މޯދީއަށް މަރުހަބާ ދަންނަވާފަ އެވެ. މީގެ އިތުރުން ކުރީގެ ދެ ރައީސަކުން ކަމަށްވާ މުހައްމަދު ނަޝީދާއި މައުމޫން އަބްދުއް ގައްޔޫމްވެސް ވަނީ މަރުހަބާ ދަންނަވާފަ އެވެ.
މޯދީ އަށް މަރުހަބާ ދަންނަވައި ރައީސް ސޯލިހު ކުރެއްވި ޓްވީޓް ރީޓުވީޓް ކުރައްވާ މޯދީ ވިދާޅުވީ، ރާއްޖޭއާ އޮތް ގުުޅުން އިންޑިއާއިން އަބަދުވެސް އަގުވަޒަން ކުރައްވާނެ ކަމަށެވެ. އަދި މުސްތަގުބަލުގައި އިތުރު ދާއިރާތަކުން ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރަން ބޭނުންފުޅުވެވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ