ކާރަކަށް ވެސް އެރޭކަށް ނެތް، ކެންސަރު ޖައްސާ މާއްދާ ހުންނަކަން ދިރާސާއިން ދައްކައިފި!

ކާރުތަކުގެ އެތެރޭގައި ދައުރުވާ ވައިގައި ކެންސަރު ޖައްސާ މާއްދާ ހިމެނޭކަން ދިރާސާއިން ދައްކައިފިއެވެ.
އެމެރިކާގެ ޑިއުކް ޔުނިވާސިޓީގެ ޓީމަކުން 30 ސްޓޭޓެއްގައި ހިންގި ދިރާސާއެއްގެ ނަތީޖާ، ތިމާވެއްޓާ ބެހޭ ޖާނަލްއެއްގައި ޝާއިއު ކޮށްފައި ވާ އިރު ބުނެފައި ވަނީ، ދިރާސާގައި ބެލި ކާރުތަކުގެ 99 ޕަސެންޓް ކާރުގެ ތެރޭގައި ދައުރުވާ ވައިގައި ކެންސަރު ޖައްސާ މާއްދާތައް ހުރިކަން ދެނެގަނެވިފައި ވާ ކަމަށެވެ.
ކާރުގެ އެއާކޯން ޖައްސާފައި ހުންނަ އިރު އެ މާއްދާތައް ކާރުތެރޭގައި ދައުރުވެ ދައުރުވެ ހުންނަ ކަމަށާއި ގިނަ ވަގުތު ކާރުގައި އިންނަ މީހެއްގެ ހައިސިއްޔަތުން ޑްރައިވަރަށް އެކަމުގެ ނުރައްކާ ބޮޑު ކަމަށެވެ. އަދި ކާރުތަކުގައި ދަތުރުކުރާ ފަރާތްތަކަށް ވެސް އެ ކަމުގެ ނުރައްކާ އޮތް ކަމަށް ވެސް އެންވަޔަމަންޓަން ސައިންސް އެންޑް ޓެކްނޮލޮޖީ ޖާނަލްގައި ބުނެފައި ވެއެވެ.
އެ ދިރާސާ ހެދުމުގައި އިކެލްޓްރިކް ގޭސް އަދި ހައިބްރިޑް ވެހިކަލްގެ ތެރެއިން ޖުމްލަ 101 ވެހިކަލެއްގެ ތެރޭގައި ދައުރުވަމުން ދާ ވައިގެ ސާމްޕަލް ނަގާ ޓެސްޓް ކޮށްފައި ވެއެވެ. އެ ވެހިކަލް ތަކަކީ 2015 އާއި 2022 އާ ދެމެދުގެ އުފެއްދުންތައް ކަމަށް ވެސް އެ ދިރާސާގައި ބުނެފައި ވެއެވެ.
އެ ގޮތުން އެ ތަހުލީލުން ހާމަ ވީ، ފަސޭހައިން އަލިފާން ހިފިޔަ ނުދޭން ބޭނުންކުރާ ކެމިކަލެއް ކަމަށް ވާ ޓީސީއައިޕީޕީ މާއްދާ ހުރިކަން ކަމަށް ވެސް ބުނެފައި ވެއެވެ. މިއީ ކާރުތަކުގެ އިތުރުން އެހެން ބައެއް ތަކެތި އުދައްދާއިރުވެސް ފަސޭހައިން އަލިފާން ހިފިޔަ ނުދިނުމަށް ބޭނުން ކުރާ މާއްދާއެކެވެ. މިއީ ކެންސަރު ޖެހުމަށް ވެސް މަގުފަހިވާ މާއްދާއެކެވެ.
އެ ދިރާސާގައި އިތުރަށް ބުނީ މި މާއްދާ ހުންނަކަން ބޮޑަށް ފާހަގަ ވެފައި ވަނީ ކާރުތަކުގެ ސީޓު ހަދާފައި ހުންނަ ފޯމް އިން ކަމަށާއި މި ނަތީޖާއާ އެކު އިތުރު ތަހުލީލުތައް ކުރުމަށް އެމެރިކާގެ ނެޝަނަލް ޓޮކްސިކޮލޮޖީ ޕްރޮގްރާމާ ހަވާލުކޮށްފައި ވާ ކަމަށެވެ. ކާސިއޮޖެނިކް ޕްރޮޕަޓީސްގެ ތެރޭގައި ލިސްޓު ކުރެވިފައި ވާ ޓީސީއައިޕީޕީ ގެ އިތުރުން ޓީޑީސީއައިޕީޕީ މާއްދާ ހުރިކަންވެސް ފާހަގަވެފައި ވާކަމަށް ދިރާސާގައި ބުނެއެވެ.
ދިރާސާގައި އޮސްކޮށް ހަރަކާތްެރިވި ޑިއުކް ޔުނިވާސިޓީގެ ޕްރޮފެސަރު ރެބެކާ ހޮއެއް ބުނީ، ޑްރައިވަރަކު އާންމުކޮށް 1 ގަޑިއިރު ކާރުގައި ހޭދަކުރި ނަމަވެސް ސިއްހަތަށް ނުރައްކާ ވުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި ހާއްސަކޮށް ހޫނު ދުވަސް ވަރު ކާރުގެ ތެރެ ހޫނުވެގެން ދާއިރު ކާރުގެ އެތެރޭގައި ހުންނަ އެކިއެކި ބައިތައް ހޫނުވެ އުފެދޭ ހޫނާއެކު ކާރުގެ ތެރެއަށް ކެމިކަލްގެ އަސަރު ފެތުރިގެން ދިޔުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ބުނެފައި ވެއެވެ.
ފްލޭމް ރެޑާޑެންޓްސް ނުވަތަ ފަސޭހައިން އަލިފާން ހިފިޔަ ނުދިނުމަށް ބޭނުން ކުރާ މާއްދާތައް ކާރުގެ ސީޓު ހަދާއިރު ބޭނުން ކުރަނީ 1970 ގައި އެކަށައަޅާފައި ވާ ނޭޝަނަލް ހައިވޭ ޓްރެފިކް ސޭފްޓީ މިންގަނޑާ އެއްގޮތަށް އެކަން ކުރުމަށެވެ. މިއަދާ ހަމައަށް ވެސް އެކަން ކުރަމުން އަންނަނީ އެގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ