އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ދެ ޖެންސެޓު ގެންނަނީ

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް 1.2 މެގަވޯޓު އަދި 800 ކިލޯވޯޓުގެ ދެ ޖެންސެޓު އެ ސިޓީ އަށް ފޮނުވުމަށް ފެނަކައިން ނިންމައިފިއެވެ.
ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަނުގެ ފަރާތުން ކަރަންޓު ހިދުމަތް ދިނުމަށް ބޭނުން ކުރަމުންދާ ޖަނަރޭޓަރު ސެޓުތަކުގެ ތެރެއިން ދެ މެގަވޯޓުގެ ޖަނަރޭޓަރަކަށް މި މަހުގެ 20 ވަނަ ދުވަހުގެ 19:45 ހާއިރު ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާތީ، ލޯޑުމަތިވަމުންދާ ވަގުތުތަކުގައި އައްޑޫ ސިޓީގެ އެކި ހިސާބުތަކުން ކަރަންޓު ހިދުމަތް މެދުކެނޑެމުންދާ ކަމަށެވެ.
މި މައްސަލަ ހައްލުކުރުމަށް ފެނަކަ އަދި ސްޓެލްކޯގެ އިންޖިނިއޭރުންގެ ޓީމަކުން މަސައްކަތް ފެށި ނަމަވެސް ދިމާވެފައިވާ މައްސަލައަކީ ބޮޑު މައްސަލައަކަށްވުމުން، އެކަން ހައްލު ކުރެވެން އޮތީ ޖެންސެޓު ސަޕްލައިކޮށް ދެއްވި ފަރާތުގެ އިންޖިނިއަރުންގެ އެހީތެރިކަން ލިބިގެން ކަމަށްވާތީ ސަޕްލަޔަރުންގެ އިންޖިނިއަރުން ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
"އައްޑޫ ސިޓީގައި ދެމުންދާ ކަރަންޓު ހިދުމަތަށް ދިމާވި މައްސަލައަކާއި ގުޅިގެން އެ ސިޓީގެ ގިނަ ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތި އުނދަގުލުން މިންޖުކުރުމަށް ވަގުތީ ހައްލެއް ހޯދައި ދިނުމުގެ ގޮތުން މި ކުންފުނީގެ ފަރާތުން، 1.2 މެގަވޯޓު އަދި 800 ކިލޯވޯޓްގެ ދެ ޖެންސެޓާއި، 2000 ކިލޯވޯޓު އަދި 1500 ކިލޯވޯޓުގެ ދެ ޓްރާންސްފޯމަރ ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަމެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ އައްޑޫގައި ކަރަންޓު ހިދުމަތް ލިބިގަންނަ މިންވަރު އިތުރުވަމުންދާ ހަލުވިމިނާއި އެކު، އެ ހިދުމަތް ދެވޭނެ ގާބިލުކަން އިތުރުކުރުން ކަމުގައިވާތީ، ކައިރި މުސްތަގުބަލެއްގައި އައްޑޫ ސިޓީ އަށް 4 މެގަވޯޓާއި ދެ މެގަވޯޓްގެ ދެ ޖެންސެޓު ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށްވެސް ފެނަކަ އިން ބުނެއެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދިމާވި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކޮށް ރައްޔިތުންނަށް ލިބެމުންދާ އަސާސީ ހިދުމަތަކުން އެންމެ ހިނދުކޮޅަކަށްވެސް ހުއްޓުމެއް އަޔަނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށްވެސް ފެނަކައިގެ ބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ