ރައްޔިތުން އެދެނީ މަރުގެ އަދަބު ދިނުމަށް - ތުރުކީގެ ރައީސް

ތުރުކީގެ ރައްޔިތުން އެދެނީ އެ ޤައުމުގައި މަރުގެ އަދަބު އަލުން ދޭން ފެށުމަށް ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.
ތުރުކީގައި މަރުގެ އަދަބު ދިނުން 2004 ގައި ހުއްޓާލީ ވެސް އުރުދުޣާންގެ ބޮޑުވަޒީރުކަމުގައެވެ. އެއިރު، އުރުދުޣާން ވިދާޅުވަމުން ގެންދެވީި ޔޫރަޕްގެ އިއްތިހާދުގެ މެންބަރަކަށް ވުމުން ތުރުކީއަށް ކުރާނެ ފައިދާ ބޮޑުކަމަށެވެ.
ނަމަވެސް، ބޭރުގެ ސިއްރު މަދަދާއެކު ތުރުކީގެ ސިފައިން ގެންނަން އުޅެ، ނާކާމިޔާބުވި ބަޣާވާތަށްފަހު އަނެއްކާވެސް ތުރުކީގައި ވަނީ މަރުގެ ހުކުމް އިއްވުމާ އެއްކޮޅަށް އަޑުއުފުލަން ފަށާފައެވެ. ބޭނުމަކީ ބާޣީންނާ މެދު ހަރުކަށި ފިޔަވަޅު އަޅައި، އެފަދަ ކަމެއް މުސްތަޤުބަލުގައި ހިނގުމުގެ ފުރުސަތު ކުޑަކުރުމެވެ.
ނަމަވެސް، ޔޫރަޕްގެ އިއްތިހާދުން މިހާރުވެސް ވަނީ ތުރުކީއަށް އިންޒާރު ދީފައެވެ. ޔޫރަޕުން ބުނަނީ މަރުގެ ހުކުމް ތަންފީޒުކުރާނަމަ ތުރުކީއިން ޔޫރަޕްގެ އިއްތިހާދުގައި ބައިވެރިވުމަށް އެއްވެސް ފުރުސަތެއް ނެތްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ