ހެލްތާއި ހައުސިން މިނިސްޓްރީގެ ބަޖެޓުން، އާ ދެ މިނިސްޓްރީ އަށް ބޭނުންވާ ބަޖެޓް ހޯދޭނެ: ގާސިމް

ސަރުކާރުން އުފައްދަން ހުށަހަޅާފައިވާ އާ ދެ މިނިސްޓްރީ އުފެއްދުމަށް ބޭނުންވާ ފައިސާ ހެލްތު މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީގެ ބަޖެޓުން ހަމަޖެހިގެންދާނެ ކަމަށް ސަރުކާރު ހިންގާ ކޯލީޝަންގައި ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގެ އޮނިގަނޑަށް ގެންނަ ބަދަލެއްގެ ގޮތުން މިނިސްޓް އޮފް ހެލްތު އެންޑް ފެމިލީގެ ނަން މިނިސްޓްރީ އޮފް ހެލްތުގެ ނަމަށް، އަދި މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަންމަންޓްގެ ނަން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފަރާންސްޓްރަކްޗާގެ ނަމަށް ބަދަލުކޮށް، މިނިސްޓްރީ އޮފް ޖެންޑާ ފެމެލީ އެންޑް ހިއުމަންރައިޓްސްގެ ނަމުގަ އާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަޖީގެ ނަމުގައި އާ ދެ މިނިސްޓްރީ އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅި މައްސަލައިގެ ބަހުސްގައި އަލަށް އުފައްދަން ހުށަހަޅާފައިވާ ދެ މިނިސްޓްރީ އުފެއްދުމަށް މި އަހަރުގެ ބަޖެޓްގައި ފާސްކޮށްފައިނުވާ ކަމަށާއި އެހެންކަމުން އެކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މިހާރުގެ އިދިކޮޅު ޕާޓީ ކަމުގައިވާ އެމްޑީޕީގެ މެންބަރުން ވިދާޅުވެފައި ވާތީ ގާސިމް ވިދާޅުވީ އެކަމުގައި ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުހިމެނޭ ކަމަށެވެ. އަދި އެކަމަށް ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުން ފައިސާ ބަދަލު ކުރެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބަޖެޓްގެ ވާހަކަ އޮތީ ކޮންތާކުތޯ ބަލާލާއިރު ވަރަށް ރަނގަޅަށް ވިސްނާލީމާ ބަޖެޓަކީ ހެލްތު މިނިސްޓްރީގެ ބަޖެޓުންނާއި ހައުސިން މިނިސްޓްރީގެ ބަޖެޓުން އެ ދެ މިނިސްޓްރީ އަށް ބަޖެޓް ލިބިގެންދާނެ ކަން އެނގޭ. އަދި ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓް ވެސް އެބަ އޮވޭ. އެހެންވީމަ އޭގެ ތެރެއިން ވެސް ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ފައިސާ ބަދަލު ކުރުމުގެ ބާރު ލިބިގެންދާކަން އެނގޭ،" ގާސިމް ވިދާޅުވި އެވެ.
އާ ދެ މިނިސްޓްރީ އުފެއްދުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ ބަހުސްގައި ސަރުކާރުގެ އޮނިގަނޑަށް ބަދަލު ގެނައުމާއި އިތުރު މިނިސްޓްރީތައް އުފެދުމަކީ މި ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ޣައިރު ގާނޫނީ ކަމެއް ކަމަށް އެމްޑީޕީގެ މެންބަރުން ވަނީ ވިދާޅުވެފަ އެވެ.
ދެކަމެއް ފާހަގަ ކުރައްވައި އެ މެންބަރުން ވިދާޅުވީ ރާއްޖޭގައި ސަރުކާރެއް އޮތް ނަމަ މިހާރު ވެސް އޮތީ އެމްޑީޕީގެ ސަރުކާރެއް ކަމަށެވެ. އަދި އެ ސަރުކާރުގެ ވުޒާރާތަކާއި އެ ވުޒާރާތަކަށް މީހުން އައްޔަންކޮށްފައިވާ ގޮތް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާނެ ކަމަށާއި އެކަމަށް ބަދަލު ގެނެވޭނެ އެއްވެސް ގޮތެއް ގާނޫނު އަސާސީ އިން ފެންނަން ނެތް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ. އަދި އެކަމަށް ބަދަލު ގެނަސްފި ނަމަ މި ސަރުކާރަކީ ބަޣާވާތަކުން ގެނަސްފައިވާ ސަރުކާރެއްކަން ސާބިތުވެގެންދާނެ ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
"ރާއްޖޭގައި ސަރުކާރެއް އޮތިއްޔާ އޮންނާނީ އެމްޑީޕީ އަށް ވޯޓުދީގެން ހޮވި ސަރުކާރެއް. އެ ސަރުކާރުގެ އެކިއެކި ވުޒާރާތަކާއި އެ ވުޒާރާތައް ހިންގާނެ މީހުން ވަނީ ހޮވައި ނިންމާއިފައި. އެކަމަށް އިތުރު ބަދަލެއް ގެނެވޭނެ އެއްވެސްތަނެއް ގާނޫނު އަސާސީއަކުން ނުފެނޭ. އެގޮތަށް ބަދަލު ގެންނަ ކަމަށް ވަނީނިއްޔާ ރައްޔިތުންނަށް ވަރަށް ރީއްޗަށް ސާބިތުވެގެން އެބަދޭ މި ސަރުކާރަކީ ބަޣާވާތަކުން ގެނަސްފައި އޮތް ސަރުކާރެއްކަން،" ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވިދާޅުވި އެވެ.
މި ސަރުކާރަށް 200 މިލިޔަނެއްހާ ރުފިޔާ އިން އާސަންދައިގެ ހިދުމަތް ނުދެވިގެން އުޅޭ އިރު އާ ދެ މިނިސްޓްރީގެ ވާހަކަ އަކީ 400 މިލިޔަން ރުފިޔާގެ ވާހަކައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަށް ބޭނުންވާ ފައިސާ އަކީ ބަޖެޓްގައި ހިމަނާފައިވާ ފައިސާއެއް ނޫން ކަމުން އެ މިނިސްޓްރީތައް އުފެއްދުމަކީ ޣައިރު ގާނޫނީ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކޮންތަނަކުންތޯ މި ފައިސާ ހޯދަނީ، ބަޖެޓްގައި ނެތް ވާހަކައެއްމީ. ބަޖެޓް ފާސްކޮށްގެން މިތިބީ. ކޮބައިތޯ ބަޖެޓްގައި މި ދެ މިނިސްޓްރީގެ ފައިސާ ކޮން ތަނަކުންތޯ ނެރެނީ. އާސަންދަ އާއި އެކަނިވެރިމައިންނަށްދޭ ފައިސާ ފަދަ މާ މުހިއްމުކަންކަން އެބަހުރި. މި ދެ މިނިސްޓްރީ ހިންގައިގެންނުވާނެ. މީ ބަޖެޓްގައި އޮތްކަމެއް ނޫން މިއީ ޣައިރު ގާނޫނީ ކަމެއް،" ނާޒިމް ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ވެސް އެމްޑީޕީގެ މެންބަރުން މި ސަރުކާރަށް މުހާތަބު ކުރައްވާފައި ވަނީ ބާޣީ ސަރުކާރެއްގެ ގޮތުގަ އެވެ. އަދި މި ސަރުކާރުގެ ސައްހަ ކަމާ މެދު ގޮތެއްނުނިމެނީސް މަޖިލީހުން ކަންކަން ފާސް ނުކުރުމަށް ވެސް އެ މެންބަރުން ވަނީ ގޮވައިލައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ