ލީޑަރުން ޝަހީދު ކުރި ނަމަވެސް އިސްރާއީލަށް ޙަމާސް ބަލިކޮށެއްނުލެވޭނެ: ޙަމާސް

ޣައްޒާ (އޮގަސްޓް 22) : އިސްރާއީލުން އިއްޔެ ޝަހީދުކޮށްލި ޙަމާސް ޖަމާއަތުގެ ތިން މަސްއޫލުވެރިންގެ މަރުގެ ބަދަލު ވަރަށް ވޭންދެނިވި ގޮތެއްގައި އިސްރާއީލުގެ ކިބައިން ހިފާނެކަމުގެ އިންޒާރު ޙަމާސުން ދީފި އެވެ.
ހަމާސްގެ ތަރްޖަމާނެއް ކަމަށްވާ ސާމީ އަބޫޒުހްރީ ވިދާޅުވީ އިސްރާއީލުން ޙަމާސްގެ ތިން މަސްއޫލުވެރިއަކު އިއްޔެ ޝަހީދުކޮށްލީ ފަލަސްތީނުގެ މިނިވަންކަމަށް ޓަކައި ހަމާސް އިން ކުރަމުންގެންދާ ޖިހާދު ހުއްޓުވުމަށާއި ޙަމާސްގެ މައްޗަށް އަސްކަރީ ގޮތުން ކާމިޔާބު ހޯދުމަށް އިސްރާއީލު ނުުކުޅެދުމުގެ ނަތީޖާއެއްގެ ގޮތުން ކަަމުގަ އެވެ. އިސްރާއީލުން އިއްޔެ ޝަހީދުކޮށްލި ޙަމާސްގެ ތިން މަސްއޫލުވެރިންގެ ތެރޭގައި ހިމެނެނީ މުޙައްމަދު އަބޫ ޝައްމާލާ، ރާއިދުލްއައްތާރު، އަދި މުޙައްމަދު ބަރްހޫމް އެވެ. މިއީ އިސްރާއީލުގެ ސިފައިންގެ ލަޝްކަރުތައް ސިއްސުވާލުމުގެ އެ ލަޝްކަރުތަކަށް ގޮންޖަހާލުގެ ގާބިލްކަން ލިބިގެންވާ ތިން ފަހުލަވާނުން ކަމަށާއި އިސްރާއީލުގެ ސިފައިންނާއި ސިޔާސީ ލީޑަރުން ވެސް އެތިންބޭފުޅުންދެކެ ބިރުގަނެ ޖެހިލުންވާ ކަމަށް އިސްރާއީލުގެ ނޫސްތައް ބުނެ އެވެ.
އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވަނީ ޙަމާސްގެ މިތިން މަސްއޫލުވެރިން އަވަހާރަ ކޮށްލެވުމަކީ އިސްރާއީލަށް ލިބުނު އާދަޔާ ޚިލާފު ކާމިޔާބީއެއް ކަމަށް ސިފަކުރައްވައި މިކަމަށް ޓަކައި އިސްރާއީލުގެ ސިފައިންގެ ލަޝްކަރުތަކަށާއި ޖާސޫސީ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. ނަމަވެސް ޙަމާސްގެ ތަރްޖަމާން ވިދާޅުވީ އިސްރާއީލުން ޝަހީދުކޮށްލި ޙަމާސްގެ ތިން ލީޑަރުން ފަދަ އެތައް ލީޑަރުންނެއް އެޖަމާއަތުގައި އެބަތިބި ކަމަށާއި ފަލަސްތީނުގެ ވިސްނުންތޫނު އަދި އިލްމީ ޒުވާން އެތައް ސިކުނޑިތަކެއް ކޮންމެ ދުވަހަކު ހަމާސްއާ ގުޅެމުން ދާތީ ޙަމާސް ބަލިކުރުމަކީ އިސްރާއީލަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އިސްރާއީލުގެ ލަޝްކަރުތަކުގައި އެވަރުގެ ގާބިލްކަމެއް ނެތްކަމުގަ އެވެ.
ޣައްޒާއާ ދެކޮޅަށް އިސްރާއީލުގެ ސިފައިންގެ އެންމެ ބާރުގަދަ އެލީޓް ފޯސް އިން ހަނގުރާމަ ކުރަމުންގެންދާތާ ދޮޅު މަސްވެފައިވީ އިރު ވެސް ޙަމާސްގެ ރޮކެޓް ޙަމަލާތައް ހުއްޓުވުމަށާއި އެޖަމާއަތުގެ އަސްކަރީ އިންފްރާސްޓްރަކްޗަރ ބަލިކަށިކޮށްލުމުގައި ޔަހޫދީ ލަޝްކަރުތައް ވަނީ މުޅިން ނާކާމިޔާބު ވެފަ އެވެ.
ހަމާސް އާ ކުރިމަތިލައިގެން ކާމިޔާބެއް ނުލިބުމުގެ ސަބަބުން މާޔޫސްވެފައިވާ އިސްރާއީލުގެ ހަރުކަށި ލީޑަރު ނަތަނިޔާހޫ އަށް މިކަމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހިއްވަރެއް ލިބިފައިވީ ނަމަވެސް މިއީ ވަގުތީ ކަމެއް ކަމަށް މުޙައްލިލުން ބުނެ އެވެ. ޙަމާސުން ވަނީ އިސްރާއީލުން އެޖަމާއަތުގެ ތިން ބޭފުޅަކު ޝަހީދުކޮށްލުުމަކީ އިސްރާއީލުގެ އަޅުވެތިކަމާއި އަނިޔާވެރިކަމާ ދެކޮޅަށް ޖިހާދުކުރުމަށް އެޖަމާއަތުގެ މުޖާހިދުންނަށާއި ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންދިޔަ އިތުރު ހިއްވަރެއް ކަމަށް ބުނެފަ އެވެ. އަދި ޙަމާސްގެ އެއް ލީޑަރަކު ޝަހީދުކޮށްލައިފި ނަމަ އިތުރު އެތަށް ލީޑަރުންތަކެއް އެޖަމާއަތުގެ ތެރެއިން އުފެދިގެންދާނެ ކަމަށާ މިތިން ލީޑަރުން ޝަހީދުކޮށްލުމަކީ ޙަމާސް އަށް ކުޑަވެސް ބަލިކަށި ކަމެއް ލިބޭނެ ކަމެއްނޫން ކަމަށް އެޖަމާއަތުގެ ތަރްޖަމާން ސާމީ އަބޫޒުހްރީ ވިދާޅުވި އެވެ.
ޒުހްރީ ވިދާޅުވީ ޙަމާސް ޖަމާއަތުގެ ތިން މަސްއޫލުވެރިން ޝަހީދުކޮށްލުމުގެ ބަދަލު ވަރަށް ވޭންދެނިވި ގޮތެއްގައި އިސްރާއީލުގެ ކިބައިން ހިފާނެކަމަށާއި އެ ބަދަލުހިފާނީ އިސްރާއީލުގެ ސިފައިންނަށާއި މަސްއޫލުވެރިންގެ ޚިޔާލަށް ނާންނަވަރުގެ ރޭވުންތެރި އަދިި ވިސްނުންތެރި ގޮތެއްގައި ކަމުގަ އެވެ. އިސްރާއީލުން ޝަހީދުކޮށްލި ހަމާސްގެ ތިން ލީޑަރުންގެ ޖަނާޒާ އިއްޔެ ވަނީ ވަރަށް ޝަރަފުވެރިކަމާ އެކު ޣައްޒާގެ ދެކުނުގައި ބާއްވާފަ އެވެ. މިޖަނާޒާގައި ފަލަސްތީނުގެ ދިހަވަރަކަށް ހާސް މީހުން ބައިވެރިވެފައިވާ ކަމަށް އަލްޖަޒީރާ ބުނެ އެވެ. (އަލްޖަޒީރާ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ