ލާލޭ ސްކޫލް ހިންގަިއދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

ހުޅުމާލޭގައި ހިންގާ ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވާތީ އެ ސްކޫލް ހިންގައިދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.
މިހާރު އެ ސްކޫލް ހިންގަނީ ބިޒް އެޓޯލްސް ކިޔާ ކުންފުންޏަކުންނެވެ. އެ ކުންފުނިން ސްކޫލް ހިންގަނީ ތުރުކީ ބަޔަކާއި ހަވާލުކޮށްގެންނެވެ. އެކުންފުންޏާއި އެކު ހަދާފައިވާ އެއްބަސްވުން އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހަށް ހަމަވާނެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ކުންފުންޏާއި އެކު ހަދާފައިވާ އެއްބަސްވުން އިތުރު ނުކޮށް އަލުން ބިޑަށް ލާން ނިންމާފައި އެވެ.
އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުޅުމާލޭގައި ހުންނަ ފަރީދިއްޔާ ސްކޫލުގައި މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން އިންޓަނޭޝަނަލް ސްކޫލެއް ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ބީލަށް ހުށަހެޅުމަށް އަންގާފައިވެ އެވެ.
ޕްރީބިޑް މީޓިން މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި ވެލާނާގޭ ނުވަ ވަނަ ބުރީގައި އޮންނާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
އެ ޑިއުކޭޝަނުން ވަނީ އެ ސްކޫލް ބިޑަށް ލާން ނިންމާފައިވާކަން ލާލޭ ސްކޫލްގެ ބެލެނިވެރިންނާއި ހިއްސާކޮށްފައި އެވެ. އަދި ދަރިވަރުންގެ ކިޔެވުން މެދު ނުކެނޑި ކުރިޔަށް ދާނެ ކަމުގެ ޔަގީން ދީފައިވެ އެވެ.
ބިޒް އެޓޯލްސް އާއި އެ ސްކޫލް ހިންގަން އެންމެ ފުރަތަމަ ހަވާލު ކުރީ 2008 ވަނަ އަހަރު ފަސް އަހަރުގެ މުއްދަތަކަށެވެ. އެ އެއްބަސްވުމުގައި ވާގޮތުން ބިޒް އެޓޯލްސް އިން ހުޅުމާލޭ ލާލޭ ސްކޫލް ހުންނަ އަވަށުގައި  ސްކޫލެއް އަޅަން ޖެހެ އެވެ.
އަދި އެ ކުންފުންޏަށް 25 އަހަރުގެ މުއްދަތަށް ހުޅުމާލެއިން ބިމެއް ކުއްޔަށް ދީފައިވެ އެވެ. ނަމަވެސް މިހާތަނަށް އެ ސްކޫލް އިމާރާތްކޮށްފައި އެއް ނުވެ އެވެ.
އެމުއްދަ 2013 ވަނަ އަހަރު ހަމަވުމުން ދެވަނަ ފަހަރު އެއްބަސްވުން އާކޮށްދިންއިރުވެސް އޭސީސީން ވަނީ އެ އެއްބަސްވުން އެންމެ ފުރަތަމަ ވެފައވަނީވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ބުނެ އެ އެއްބަސްވުން އުވާލުމަށް އަންގާފައި އެވެ.
ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލްގައި ގްރޭޑް އެކަކުން 10 ށް 500 އަށްވުރެ ގިނަ ކުދިން ކިޔަވަމުން ދެ އެވެ. އެ ސްކޫލް ހިންގަމުން ދަނީ ހުޅުމާލޭގައި އެންމެ ފުރަތަމަ ސަރުކާރުން އެޅި ފަރީދިއްޔާ ސްކޫލުގައި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ