ދިވެހިރާއްޖެ ޤައުމެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި، އަތްއުރާލައިގެން ތިބެވެން ނެތްކަމަށާއި، ދިވެހި ޤައުމު އަމާންތަނަކަށް ހެދުމަށް ތެދުވަން ޖެހިފައިވާކަމަށް،ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ހިނގަމުންދާ ގޭންގް ކުށްތަކާއި، މާރާމާރީގެ މައްސަލަތަކާއި ގުޅޭގޮތުން، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމްގެ އިސްފަރާތްތަކުން އިއްޔެ އިސްކަންދަރުކޮށީގައި ބޭއްވި ބައްދަލުވުމަށްފަހު، ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ގާސިމް ވިދާޅުވީ ޤައުމުގެ ހާލަތުވަނީ ވަރަށްވެސް ނާޒުކު ފައްތަރެއްގައި ކަމަށާއި، އެގޮތުން މީހުން މެރުމާއި މާރާމާރީ ފަދަ ބޮޑެތި ކުށްތައް ކުރުން އިންތިހާ ދަރަޖައަށް އިތުރުވެފައިވާއިރު، މިއީ މީގެ ކުރިން މިޤައުމު ދުވަހަކުވެސް ދެކެފައިނުވާ ފަދަ މަންޒަރުތަކެއްކަމަށެވެ.
އިއްޔެގެ ބައްދަލުވުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެއްޗާއި، ގޭންގް ކުށްތައް އިތުރުވަމުންދާއިރު، އެކަންކަމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅައި، އެކަންކަން ވީހާވެސް އަވަހަށް ހައްލުކުރުމަށް އިއްޔެގެ ބައްދަލުވުމުގައި ހުރިހާ ފަރާތްތަކުންވެސް ވާހަކަދެކެވި، އެއްބަސްވުމަކަށް އާދެވިފައިވާކަމަށެވެ.
ޤާސިމް އިބްރާހިމް އިތުރަށް ވިދާޅުވީ، ރާއްޖޭގައި ހިންގަމުންދާ ބޮޑެތި ޖަރީމާތަކުގެ ބަދުނާމު ސަރުކާރާއި، ފުލުހުންނާއި ފަނޑިޔާރުންގެ އިސްތަށިފުޅުގައި އަޅުވައިގެން ފަރުޖެއްސެން ނެތްކަމަށާއި، މިފަދަ ކަންކަން ހައްލުކުރެވޭނީ ރާއްޖޭގެ ތައުލިމީ ކަރިކިއުލަމަށް ބަދަލުތަކެއް ގެނެވި، ސްކޫލު މާހައުލު ނިމިގެންދާއިރު، ރާއްޖޭގެ ޤާނޫނު އަސާސީއާއި، ދުރޫސުލް އަހުލާގުވެސް މާތްވެގެންވާ އިސްލާމްދީނުގައިވާ ގޮތުގެމަތިން ދަރިވަރުންނަށް ރަނގަޅަށް އޮޅުންފިލުވައިދީގެން ކަމަށެވެ.
ރާއްޖޭގައި ހިނގަމުންދާ މީހުންމެރުމާއި މާރާމާރީ ފަދަ ޖަރީމާތައް ހުއްޓުވޭނީ ހުރިހާ ފަރާތްތަކަކުންވެސް އެކަމަށް އެއްބާރުލުންދީ، ޤައުމު އަމާންތަނަކަށް ހެދުމަށް، އެކުގައި މަސައްކަތްކޮށްގެންކަމަށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ މުޤައްރިރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.
ޤައުމު އަމާންތަނަކަށް ހެދުމަށް އެންމެން ތެދުވަންޖެހޭ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ