މިނިވަން ދުވަހުގެ ހަރަކާތްތައް މައުމޫން ބޮއިކޮޓް ކުރައްވައިފި

މިނިވަން ދުވަހުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެވަޑައިނުގަތުމަށް ކުރީގެ ރައީސް އަދި ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިންމަވައިފި އެވެ.
މިނިވަން ދުވަހާ ގުޅިގެން މިރޭ 11:50 ގައި ޖުމްހޫރީ މައިދާނުގައި ގައުމީ ދިދަ ނެގުމާއި އިސްލާމީ މަރުކަޒުގައި މާދަމާ ރޭ އޮންނަ މިނިވަން ދުވަހުގެ ހާއްސަ ރަސްމިއްޔާތަށް މައުމޫނަށް ވަނީ ދައުވަތު އަރުވައިފަ އެވެ.
އެކަމަކު މި ހަރަކާތްތަކަށް ވަޑައިނުގަތުމަށް މައުމޫން ނިންމަވާފައިވާ ކަން ޕީޕީއެމްގެ އޮފިޝަލަކު ކަށަވަރުކޮށްދެއްވި އެވެ. އެކަމަކު ސަބަބެއް އަދި ސާފެއް ނުވެ އެވެ.
މައުމޫން މިގޮތަށް ނިންމަވާފައިވާއިރު ކޮއްކޯފުޅު، ރައީސް ޔާމީނާ ދޭތެރޭ އުފެދުނު ހިޔާލުތަފާތުވުން ބޮޑުވެ ޕީޕީއެމް ތެރޭގައި ބޮޑެތި މައްސަލަތަކެއް އުފެދިފަ އެވެ. އެ މައްސަލަތަކުގައި ޕާޓީ ދެ ފަޅިވެ އެއް ބަޔަކު ތިބީ ރައީސް ޔާމީނާ އެކުގަ އެވެ. އަނެއް ބަޔަކު މައުމޫނާ އެކު ތިއްބެވިއިރު ޕާޓީގެ ހުރިހާ ބާރުތަކެއް ނަންގަވައި ޕާޓީ އިސްލާހުކުރުމުގެ މަސައްކަތް މައުމޫން ވަނީ ފައްޓަވައިފަ އެވެ.
އެކަމަކު އެ މަސައްކަތަށް ވެސް ހުރަސްއަޅާ ބަޔަކު ޕާޓީގައި އެބަތިބި ކަމަށް ޕާޓީ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.
ޕާޓީ ތެރޭގައި އުފެދުނު މައްސަލަތައް ބޮޑުވެ މައުމޫނާ ދެކޮޅަށް ރައީސް ޔާމީން ފެކްޝަނުން ވަނީ ސިވިލް ކޯޓަށް މައްސަލައެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.
ޕާޓީ އިސްލާހުކުރުމުގެ މަސައްކަތް ފެއްޓެވީ، މައުމޫން ވިދާޅުވެފައިވާ ގޮތުގައި، އަސާސީ ގަވާއިދާ ހިލާފަށް ޕާޓީގެ ކަންކަން ހިންގައި، ހުރިހާ ކަމެއްގައި ވެސް ސުލޫކީ މިންގަނޑުން ބޭރުވުމުންނެވެ. ޕީޕީއެމްގެ ރަސްމީ މަސައްކަތްތައް ރައީސް ޔާމީން އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ އޮފީހުގައި ކުރައްވަމުން ގެންދެވުމަކީ މައުމޫންގެ ހިތްހަމަނުޖެހުން އޮތް މައްސަލަ އެކެވެ. އެހެންވެ ޕާޓީގެ ހަރަކާތްތައް ހިންގާނީ ޕާޓީ އޮފީހުން ކަމަށް މައުމޫން ވަނީ ނިންމަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ