ޕިކްނިކް އައިލެންޑަށް ކަރަންޓް ދިނުމުގެ ކަންކަން ސްޓެލްކޯ އިން ނިންމާލައިފި

ކ. ކުޑަގިރީ ފަޅު ހިއްކައިގެން، މާލޭ ސަރަހައްދުގައި އުޅޭ މީހުން ޕިކްނިކް ދާން ހަދާފައިވާ ރަަށަށް ކަރަންޓު ދިނުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.މާލެ ސަރަހައްދުގައި އުޅޭ މީހުން ދަތުރު ދާނެ ރަށެއް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެ މަނިކުފާނުގެ އެ ވައުދު ފުރިހަމަކޮށް، އެ ރަށް މި މަހުގެ 26 ގައި ހުޅުވަން ވަނީ ހަމަޖެހިފަ އެވެ.ސަރުކާރުގެ ބައެއް ކުންފުނިތަކާ ހަވާލުކޮށްގެން ހަދަމުން އަންނަ ކުޑަގިރީގެ ކަރަންޓުގެ މަސައްކަތް ސްޓެލްކޯ އިން ނިންމައިލި އިރު އެ ރަށުގެ ކަރަންޓުގެ ނެޓްވޯކް ގާއިމުކޮށް، މަގުބައްތީގެ ގޮތުގައި ގާޑެން ލައިޓްތަކެއް މިހާރު ވަނީ ހަރުކޮށްފަ އެވެ.ކުޑަގިރި ކުރިއަށް އޮތް މިނިވަން ދުވަހަށް ހުޅުވުމަށްޓަކައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނި ތަކުން ގެންދަނީ އެ ރަށުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކުޑަގިރި ފަޅު ހިއްކާ އެ ފަޅުގައި ޕިކްނިކް އައިލެންޑު ތަރައްގީކުރަން ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓސީސީއާ ހަވާލުކުރީ މިދިޔަ އަހަރު އެވެ. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރީ 41.4 މިލިއަން ރުފިޔާ އަށެވެ. އެރަށުގައި އަށް ހެކްޓަރުގެ ބިން ހިއްކާ 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އަޅާފައިވެ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ނައިބު ރައީސް ފައިސަލް ވަނީ އެ ރަށުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވާލައްވައިފަ އެވެ. އެމްޓީސީސީން ބުނީ އެ ރަށުގައި އަމާރާތްކުރާ މިސްކިތުގެ %70 މިހާރު ނިމިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ