ދިވެހިރާއްޖެ ދޫކޮށް ހަނގުރާމައަށް ދިޔަ ތިން މީހެއްގެ މައްޗަށް އެކަށީގެންވާ ވަރަށް ހެއްކާއި ގަރީނާ ނެތުމުން އެ ތިން މީހުންގެ މައްސަލަ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ދައުލަތުން ވަނީ ނ. މަނަދޫއަށް ނިސްބަތްވާ ތިން މީހުން ކަމަށްވާ އޮޕެރާ މުހައްމަދު ނަބީހު އާއި، ނަފާ އާދަމް ފަރުހާން އާއި، ބާދުސަބާ އަހުމަދު އަފްސަލްއަށް ޓެރަރިޒަމްގެ ދައުވާ އާއި ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ދިވެހިރާއްޖެ ދޫކޮށް ދިއުމުގެ ދައުވާ ކޮށްފައެވެ.
މިތިން މީހުން ވެސް ވަނީ ތުރުކީއަށް ދިޔައީ ހަނގުރާމަ ކުރަން ނޫން ކަމަށާއި، ޗުއްޓީ ހޭދަކުރަން ކަމަށް ކްރިމިނަލް ކޯޓުގައި ބުނެފައެވެ.
ދައުލަތުގެ ފަރާތުން މި ތިން މީހުންގެ މައްޗަށް މި ދައުވާ ސާބިތުކުރުމަށް ގިނަ ހެކިތަކެއް ހުށަހަޅާފައި ވާއިރު ސިއްރު ލިޔުމުގެ ގޮތުގައި ފުލުހުންގެ ފަރާތުން ހުށަހަޅާ "ސިއްރު އިންޓެލިޖަންސް ރިޕޯޓް" އާއި ތުރުކީ އެމްބަސީން ނަގާފައިވާ ބައެއް ސިއްރު ލިޔެކިއުންތައް ވެސް ދައުލަތުން ވަނީ ހުށަހަޅާފައެވެ.
މިމައްސަލައާ ގުޅިގެން ކޯޓުގެ ހުކުމުގައި ބުނީ ދައުލަތުންނާއި މި ތިން މީހުންގެ ދިފާއީ ވަކީލުން ވެސް ފާހަގަ ކޮށްފައިވާ ނުކުތާތަކަށް ރިއާޔަތްކޮށް އެކަށީގެންވާ ހެކި ދެއްކިފައި ނުވާތީ މި ތިން މީހުންގެ މައްޗަށް މި މައްސަލަ ސާބިތުނުވާކަމަށް ނިންމާ ކަމަށެވެ.
ހަރުކަށި ފިކުރުގެ ދިވެހިންގެ އަދަދު 1570 އަށް އަރާ ކަމަށް މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ. އަދި ސީރިއާގައި ތިބި ދިވެހިންގެ އަދަދާ ބެހޭ ގޮތުން ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނެފައި ވަނީ 173 މީހަކު ސީރިއާއަށް ހަނގުރާމައަށް ގޮސްފައި ވެއްޖެ ކަމަށެވެ.
ސީރިއާ ހަނގުރާމައިގައި ބައިވެރިވާން ރާއްޖޭން ދިޔަ އެތައް ބަޔަކު ހަނގުރާމައިގައި މަރުވެފައިވާ އިރު އެ މީހުންގެ އަނބިދަރިންގެ ތެރެއިން ބައެއް މީހުން އެ ގައުމުގައި ހާލުގައި ޖެހިފައި ތިބި ކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ތެރެއިން ބައެއް ދިވެހިން ރާއްޖެއަށް އަނބުރާ އަންނަން ބޭނުންވެފައި ތިބި އިރު އަނެއް ބަޔަކު ބޭނުން ވަނީ ސީރިއާގައި މަޑު ކުރާށެވެ.
ރާއްޖޭން ހަނގުރާމައަށް ދިޔަ 3 މީހެއްގެ މައްސަލަ ސާބިތު ނުވާ ކަމަށް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ