މާލެ ސަރަހައްދުން ހިލޭ ގޯތި ދޫކުރުން އިންސާފުވެރިއެއް ނޫން: މެމްބަރު ސިރާޖް

ބޯހިޔާވެހިކަމަށް ހައްލު ހޯދައިދިނުމުގެ ނަމުގައި މާލެ ސަރަހައްދުން ހިލޭ ގޯތި ދޫކުރުމަކީ އެންމެ ރަނގަޅު އަދި އެންމެ އިންސާފުވެރިކަމާއެކު ކުރެވިދާނޭކަމެއް ކަމުގަައި ނުފެންނަ ކަމަށް ވިދާޅުވެ އެކަން ބައްލަވައިދިނުމަށްރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މިކަން ބަލައިދުމަށް މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖުއެވެ.
މެމްބަރު ސިރާޖު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީގައި ވިދާޅުވީ ހިޔާ ފްލެޓްތަކުން ވެސް މާލޭގެ ރަށްވެހިންގެ ތެރެއިން އެންމެ ބޮޑަށް ބޯހިޔާވަހިކަން ބޭނުންވެފައިވާ މީހުންނަށް 1172 ފްލެޓް، އަދި މާލޭ ދަފްތަރުގައި ތިބި މީހުންގެ ތެރެއިން 1044 މީހަކަށް ފްލެޓް ދީފައިވާ ކަމަށެވެ.
ސަރުކާރުން މިހާރު ވަނީ ހުޅުމާލެ އިން 1000 ގޯތި، ގުޅީފަޅުން 2000 ގޯތި، ގިރާވަރު ފަޅުން 2000 ގޯތި ދޭނެކަން އިއުލާން ކޮށްފައެވެ. ގޯއްޗެއްގެ އެންމެ ކުޑަމިނަކީ 1250 އަކަފޫޓް ކަމާއި އަދި ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން 4000 އަކަފޫޓްގެ ގޯތި ވެސް ދޫކުރާނެކަން އިއުލާން ކޮށްފައިވާކަން ސިރާޖުގެ ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.
ސިރާޖުގެ ސިޓީގައި ވިދާޅުވީ މާލޭ ރައްޔިތުންނަށް ގޯތި ދިނުމަކީ ރިޔާސީ ވައުދުފުޅެއް ނަމަވެސް ގައުމުގެ ހާލަތާއި އެކަމުގެ ސަބަބުން ގައުމަށް ކުރާނެ ގެއްލުމާއި އެފަދަ ކަމެއް ކުރާއިރު އެކަމުގެ އިންސާފުވެރިކަމަށް ބަލަން ޖެހޭނެ ކަމަށެވެ.
ސިރާޖު ވިދާޅުވީ ލ. އަތޮޅު ގާދޫގައި ބައިނަލްއަޤުވާމީ ކަނޑުގެ ބަނދަރެއް ހަދަން ވެސް ރިޔާސީ އިންތިޚާބުގައި ރައީސް ވައުދުވިއެވެ. ނަމަވެސް ކަމަކީ ފީސިބަލް ކަމަކަށް ނުވުމުން އެކަން ނުކުރެވޭނެ ކަމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
އަދި ވިދާޅުވީ މާލޭ ސަރަހައްދުން 5000 ގޯތި ދޫކުރާއިރު އެއީ ހަމިލިއަން އަކަފޫޓްގެ ބިމެވެ. އަކަފޫޓެއްގެ އަގަކީ އަށްހާސް ރުފިޔާ ކަމަށްވާތީ އެމަގުން ބެލިނަމަވެސް އެއީ 48 ބިލިއަން ރުފިޔާގެ އަގުހުރި ބިންކަން ސިރާޖު ފާހަގަ ކުރިއެވެ.
ސިރާޖު ވިދާޅުވީ ހަމައެކަނި މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ގޯތި ބީލަމުގެ އުސޫލުން ވިއްކަން އެޗްޑީސީ އިން ކުރި އިއުލާނުން މާލޭ ސަރަހައްދުގެ ބިމުގެ ޑިމާންޑް ނުހަނު ބޮޑުކަން ވަނީ ސާފުވެފައެވެ. އެހެންކަމުން 5000 ބިން ވިއްކި ނަމަވެސް އެބިން ގަންނާނެ ފަރާތްތައް ލިބޭނެ ކަމަށާއި މާލޭ ސަރަހައްދުގެ ޑިމާންޑަށް ބަލާއިރު ހިލޭ ބިން ދިނުމަށްވުރެ ފްލެޓް އަޅައި ބޯހިޔާވަހިކަމަށް ހައްލު ހޯދުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ