ރައީސްގެ ކިބައިން ހަނދާންނެތޭ ބަލީގެ އަލާމާތް ފެނޭ: ރައީސް ޔާމީން

އިވޭ އަޑުތަކުން ހީވަނީ ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ހަނދާން ނެތޭ ބަލި ޖެހިފައި ހުރިހެންކަމަށް އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.ޔާމީން މިހެން ވިދާޅުވީ ގިނަ ދުވަސްތަކަކަށްފަަހު މިދިޔަ ބުދަ ދުވަހު ރައީސް ސޯލިހު ނޫސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ.މިދިޔަ ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ދުނިޔޭގެ އިގްތިސޯދަށް ބަދަލުތަކެއް އައި ނަމަވެސް ރާއްޖޭގެ އިގްތިސޯދު އަދި ހުރީ ރަނގަޅަކަށް ކަމަށާއި ރާއްޖޭގައި މިވަގުތު ކުރިއަށްދާ ބްރިޖް މަޝްރޫއު ކަހަލަ ބޮޑެތި މަޝްރޫއުތަތަކީ ފައިސާ ހަމަޖެހިފައި ހުރި މަޝްރޫއުތަކެއް ކަމަށް ކަމުން، އެ މަޝްރޫއުތައް ހުއްޓާ ނުލައި ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މަޝްރޫއުތައް ހުއްޓާލަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.ރައީސްގެ އެ ވާހަކަތަކަށް ރައްދުދެއްވައި ޕީޕީއެމްގެ އޮފީހުގައި ރޭ އޮތް ޖަގަހަ ޖަލްސާގައި ޔާމީން ވިދާޅުވީ  ރައްޔިތުންނަށް ހިދުމަތްކޮށްދިނުމުގައި އެކި މީހުންގެ ހުންނާނީ އެކި ފެންވަރު ކަމަށާއި އެކަމަށް ފާޑު ނުކިޔާނެ ކަމަށެވެ. ނަމަވެސް އޮޅުވާލުމާއި، ދޮގު ހެދުން ފަދަ ކަންކަން ކުރާނަމަ މިއަށް ޖަވާބުދާރީ ވާންޖެހޭނެ ކަމަށާއި ވަލިއްޔުލް އަމްރަކަށް ހުންނަވާ ބޭފުޅަކު ރައްޔިތުންގެ ކުރިމައްޗަށް އައިސް ބޮޑެތި ކަންކަމުގައި ބޮޑެތި ދޮގުތައް ހެދުމަކީ ކަމުދާ ގޮތެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެެވެ."އެއްފަހަރު ދަންނަވާނެ ދިވެހިރާއްޖެ ތަދަކާ ދިމާލަށް ދަތުރުކުރާ ވާހަކަ، އެހެން ނަމަވެސް އަނެއް ފަހަރު މި ދަންނަވަނީ ހުރިހާ ދިވެހިން ހަމަ ޖެހިގެން ތިބޭށޭ. މިހެން ވިދާޅުވީމާ އޮޅުންތަކެއް މި އަރަނީ" ރައީސް ޞާލިހް ދައްކަވާފައިވާ ވާހަކަފުޅުތަކަށް އަލިއަޅުއްވާލާ ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.ރައީސް ޔާމީން ވިދާޅުވީ ބައެއް ފަހަރު ރައީސް ޞާލިހް ދުނިޔެ ބޮޑު ތަދަކާ ދިމާލަށް ދާ ވާހަކަ ވިދާޅުވާކަމަށެވެ. އެހެންވެ ދިވެހިރާއްޖެވެސް ބޮޑު ތަދަކާ ދިމާލަށް ދާތީ ހުރިހާ އެންމެން ހަރަދު ކުޑަކުރަން ވިދާޅުވާކަމަށާއި ދެން އެއާ ޖެހިގެން ވިދާޅުވެފައިވަނީ " ހޯހޯއޭ އެކަމު ދިވެހި ރައްޔިތުން ހާސް ނުވާށޭ" ކަމަށެވެ.އެމަނިކުފާނު ވިދާޅުވިގޮތުގައި ރައީސް ޞާލިހް ވިދާޅުވި ފުރަތަމަ ވާހަކައަކީ އުނދަގޫ ވާހަކައަކަށް ވި ނަމަވެސް ތެދު ވާހަކައެއް ކަމަށާއި ނަމަވެސް ދެން އެ ދަންނަވާ ވާހަކައަކީ އޮޅުވާލެއްވުމެއް ކަމަށެވެ."މިވަރުގެ ބޭފުޅަކު އެއް މައްސަލައަކާއި ބެހޭގޮތުން އުޑާ ބިމާހާ ތަފާތު ދެވާހަކަ ބުނީމާ ރައްޔިތުންނަށް އޮޅޭނެ، ރައީސް ޞާލިހްގެ ވާހަކަފުޅުތަށް ހުރިގޮތުން އެމަނިކުފާނުގެ އަލްޒްހެއިމަރ ހުރޭ" ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.ޔާމީން ވަނީ ދެން ފަހަރަކުން ރައީސް ސޯލިހު ރައްޔިތުންނާއި ބައްދަލުކުރައްވާއިރު ނޫސްވެރިންނާއި އެންމެފަހުން ބައްދަލުކުރައްވާ ދެއްކެވި ވާހަކަތަކުގެ ތެރެއިން ގޯސްކޮށް ވިދާޅުވި ހުރިހާ ވާހަކަތަކެއް ރަނގަޅު ކުރެއްވުމަށް ވެސް ގޮވާލައްވާފަ އެވެ.ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސް ޞާލިޙް ރައްޔިތުންނަށް އިލްތިމާސް ކުރެއްވި ކުރެއްވުމަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ ހަމައެކަނި ރައްޔިތުން ކައިރީ ޚަރަދު ކުޑަކުރާށޭ ބުންޏަސް ނުފުދޭ ކަމަށެވެ. ރައްޔިތުންނެކޭ އެއްފަދައިން ސަރުކާރުގެ ޚަރަދު ވެސް ކުޑަކުރަންޖެހޭ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.އިގްތިޞާދީގޮތުން މިހާ ދަތި ދަނޑިވަޅެއްގައި ބައެއް ރަށްރަށުގައި ހޮސްޕިޓަލް އަޅަން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރުމުން ޔާމީން ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ އެކަމުން ރާއްޖޭގެ އިގްތިޞާދަށް ކުރާނެ ފައިދާއެއް ނެތް ކަމަށެވެ."...ރާއްޖޭގެ ރައްޔިތުންނަކަށް ނޫން އެ ލިބެނީ. އެހެންވީމަ ރާއްޖެ ތިޔާގިވާނެ ގޮތެއް ނެތް. [އެ ފައިސާ] ރާއްޖޭގެ އިގްތިޞާދަށް ޕަމްޕު ކުރިއަސް އެ ވަންނަނީ ރާއްޖޭގެ އިގްތިޞާދަކަށް ނޫނޭ. އެ ދަނީ ރާއްޖެއިން ބޭރަށް،" ޔާމީން ވިދާޅުވިއެވެ.އަންނަ އަހަރު ނިމޭ އިރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކޭ ހިސާބަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް ބޭންކު ކަމަށްވާ ޖޭޕީމޯގަން އިން ވަނީ ބުނެފަ އެވެ. އެކަމަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވަނީ ރާއްޖެ ބަނގުރޫޓު ނުވާނެ ކަމަށާއި ދަރަނި ދެއްކޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.ޔާމީންގެ ވެރިކަމުގައި ނެގި 250 މިލިއަން ޑޮލަރުގެ ސަނީ ސައިޑް ބޮންޑަށް ދައްކަން ޖެހޭ އެންމެ ފަހު ބައި ކަމަށްވާ 58 މިލިއަން ޑޮލަރު، މިދިއަ އަންގާރަދުވަހު ދައްކާފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ