އެމްޑީޕީގެ ލޯގޯގައި ތިލަފަތެއް އިނުމަކީ އެމްޑީޕީގެ އިންސާފުވެރިކަން ރަމްޒުކޮށްދޭ ހެއްކެއް ނޫންކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މާފަންނު އުތުރު ދާއިރާގެ ކެންޑިޑޭޓް އަހުމަދު އަޖުވަދުގެ ކެމްޕޭން ރަސްމީކޮށް އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ އެމްޑީޕީގެ ނަމުގައި "ޑިމޮކްރަސީ" އިނުމުން އެއީ ޑިމޮކްރަޓިކް ޕާޓީއަކަށް ނުވާ ކަމަށާއި އަދި އެ ޕާޓީގެ ލޯގޯގައި ތިލަފަތެއް އިނުމަކީ އެއީ އިންސާފުވެރި ޕާޓީއެއް ކަމަށް ބެލެވޭނެ ހަމައެއް ނޫންކަމަށެވެ. އެމްޑީޕީ ސަރުކާރުގެ ތިން އަހަރު ދުވަހުގެ ތެރޭގައި އެކަން ވަރަށް ބޮޑަށް ސާފުކޮށް އެނގިގެން ގޮސްފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"އެމީހުންގެ ޕާޓީގެ ނަމުގައި ޑިމޮކްރަސީ އިނުން ރަމްޒެއް ނުކޮށްދޭ އެއީ ޑިމްކްރަޓިކް ޕާޓީއެއް ކަމަކަށް. ލޯގޯގައި ތިލަފަތެއް އިނުން ރަމްޒެއް ނުކޮށްދޭ އެއީ އިންސާފުވެރި ބަޔަކަށް." އުމަރު ވިދާޅުވި އެވެ.
އެމްޑީޕީ އަށް ފާޑު ވިދާޅުވަމުން އުމަރު ވިދާޅުވީ ވެރިކަން ބަދަލުވި ދުވަހު މުލިއާގެއިން ނެރުނު ބަނގުރާ ފުޅިތައް އެ ތިލަފަތުގެ އެއްކޮޅަށް ލުމަށްފަހު އަނެއްކޮޅަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ލީކަމުގައި ވިޔަސް މިހާރު ވެސް ބަރުވާނީ ބަނގުރާ ހުސްކުރި ފުޅިތައް ހުރި ކޮޅަށް ކަމަށެވެ. އެހެންކަމުން ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ މުހިންމު ކަމަށާއި އެމްޑީޕީ ފަދަ ޕާޓީއަކަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ ރާއްޖޭގެ މުސްތަގުބަލަށް ގެއްލުންތަކެއް ވެގެން ދާނެކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
ކުރިން މަޖިލީހުގައި މެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރުންނަށް ފާޑުވިދާޅުވަމުން އުމަރު ވިދާޅުވީ އެ މެންބަރުންގެ ފަރާތުން އަހުލާގީ ގޮތުން ފެންވަރުދަށް އެތައް އަމަލުތަކެއް ފެނިފައިވާ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު ރިޔާސީބަޔާން އިއްވެވި ދުވަހު ޓައި ބޭނުން ކޮށްގެން "ނަގޫހެދި" މަންޒަރާއި "ޑަސްބިން ބޮލުގައި" އަޅައިގެން މަޖިލިސްގައި އުޅުއްވި މެންބަރުން ފެނިފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
މާޒީގައި ކަންތައް ވެފައި އޮތްގޮތަށް ބަލާއިރު، ސަރުކާރު ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ މުހިންމު ކަމަށާއި ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެ ނަމަ މި ފަސްއަހަރަކީ ރައްޔިތުންނަށް ފާގަތި އުޖާލާ މުސްތަގުބަލެއް އޮތް ފަސްއަހަރަށް ވެގެންދާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
އެމްޑީޕީ ލޯގޯގައި ތިލަފަތެއް އިނުމަކީ އިންސާފުވެރިކަން ރަމްޒުކޮށްދޭ ހެއްކެއް ނޫން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ