ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ މައްޗަށް ކޮށްފައިވާ ދައުލަތް ހިންގުމަށް ހުރަސްއެޅުމުގެ ދައުވާގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
މި އަޑުއެހުން ކެންސަލް ކުރީ ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ދެވިފައިނުވާތީ ކަމަށް ކޯޓުން ވަނީ ބުނެފަ އެވެ. މެންދުރު ފަހު 15.00ގައި ބާއްވަން އޮތް އަޑުއެހުން ކެންސަލްވިކަން އެންގީ ހަވީރު 4 ޖެހުމާއި ކައިރިވެފައި ވަނިކޮށެވެ.
ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އެއްކޮށް އުފުލާފައިވާ މި ދައުވާއާ ގުޅިގެން މީގެ ކުރިން ބާއްވަން ތާވަލުކުރި އަޑުއެހުމަށްވެސް އެމަނިކުފާނު ހާޒިރުކޮށް ދެވެން ނެތް ކަމަށް ފުލުހުން ވަނީ އަންގާފަ އެވެ. ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރުކުރި ވަގުތު އެ ބޭފުޅުންގެ ފޯނު ދިނުމަށް ފުލުހުން އެދުމުން ފޯނު ދެއްވާފައިނުވާ ކަމަށް ބުނެ ކޮށްފައިވާ މި ދައުވާއާ ގުޅިގެން މި މަހުގެ އަށްވަނަ ދުވަހު ބޭއްވި އަޑުއެހުން ކުރިއަށް ގެންދެވީ އެމަނިކުފާނު ނުހިމަނަ އެވެ.
އަދި އާދިއްތަ ދުވަހު ބާއްވަން ތާވަލުކުރި އަޑުއެހުމަކީ އެ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރިން ރައީސް މައުމޫނު ހުށަހަޅާފައިވާ ކަންކަމާމެދު ގޮތެއް ނިންމަން ބާއްވަން ހަމަޖެހުނު އަޑުއެހުމެކެވެ.
އާދިއްތަ ދުވަހު ބާއްވަން އޮތް އަޑުއެހުން ކެންސަލްކޮށްދިނުމަށް އެމަނިކުފާނުގެ ދިފާއީ ވަކީލުން ކޯޓުގައިވެސް އެދިވަޑައިގެންނެވި އެވެ. ރައީސް މައުމޫނުގެ ސިއްހީ ހާލުކޮޅު ގޯސްވެފައިވާއިރު މިދިޔަ ހުކުރު ދުވަހު އޭޑީކޭ ހޮސްޕިޓަލަށް އެމަނިކުފާނު ގެންނަވައިގެންވެސް ވަނީ ޓެސްޓްތަކެއް ހަދާފައެވެ. ރައީސް މައުމޫނުގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑަގަންނަވާ މައުމޫނު ހަމީދު ވިދާޅުވީ، ރައީސް މައުމޫނުގެ ސިއްޙީ ހާލުކޮޅު ވޭތުވެދިޔަ 10 ވަރަކަށް ދުވަހުގެ ތެރޭގައި ތިން ފަހަރެއްގެ މަތީން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށެވެ.
ދޫނިދޫގައި ރައީސް މައުމޫނު ހައްޔަރުކޮށްފައި ހުންނެވީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން އެ މައްސަލައިގެ ޝަރީއަތް ވަކި ގޮތަކަށް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ސިއްހީ ހާލުކޮޅު ހުރި ގޮތުން މައުމޫނު ކޯޓަށް ހާޒިރުކޮށް ނުދެވި، އަޑުއެހުން ކެންސަލް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ