އިބްރާހީމް ސިޔާދާ ގާސިމް ޖަލުގައި އޮންނަވާތާ 50 ދުވަސް

ވިލާ ގުރޫޕްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ސިޔާދު ގާސިމް ހައްޔަރުކުރިތާ މިއަދަށް 50 ދުވަސް ވެއްޖެ އެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސިޔާދު ހައްޔަރުކުރީ މިދިޔަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު އެވެ.
އިބްރާހިމް ސިޔާދު ގާސިމް ހައްޔަރުކުރީ އެ ދުވަހު ފުލުހުން ވިލާ ހައުސް ހިންގާ އިމާރާތަށް ވަދެ އެތަން ބަލައި ފާސްކުރުމަށްފަހު ސިޔާދު އެތަނުގައި ހުންނަވަނިކޮށް ހައްޔަރުކުރާ ސަބަބު ކުރިން އެންގުމުކާ ނުލަ އެވެ.
ސިޔާދު ދޫނިދޫ ޖަލުގައި ހުންނަވާތާ 43 ދުވަސް ފަހުން މިމަހުގެ 21 ވަަނަ ދުވަހު ސިޔާދު ކޯޓަށް ހާޒިރުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދުވަހު ކްރިމިނަލް ކޯޓުން ވަނީ މުއްދަތު ޖަހާފަ އެވެ.
ޝަރީއަތް ނިމެންދެން ސިޔާދު ބަންދުކުރަން އަމުރުކުރީ ސިޔާދުގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާ ކޯޓަށް ހުށަހެޅުމަށްފަހު އެވެ.
ސިޔާދުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރުމާއެކު މީގެ ކުރިން ދޫނިދޫ ޖަލުގައި ހުންނެވި ސިޔާދު މިހާރު ވަނީ މާފުާށި ޖަލަށް ބަދަލުކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ދުވަހަކުވެސް ސިޔާސީ ކަމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާ އިބްރާހީމް ސިޔާދު ގާސިމް ހައްޔަރުކުރީ ސިޔާދުގެ ބައްޕަ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކުރެވޭނެ އެއްވެސް ގޮތެއް ސަރުކާރަށް ނުފެނުމުން އެކަމުގެ ބަދަލު ހިފުމެއްގެ ގޮތުގައި ކަމަށް އާންމު ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުން ގެންދަނީ ބުނަމުންނެވެ.
ސިޔާދުގެ މައްޗަށް ކުރެވެނީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަން ފާހަގަކޮށް ސިޔާދު މިނިވަންކުރުމަށް ވެސް އެތައް ބަޔަކު ގެންދަނީ ގޮވާލަމުންނެވެ.
ސިޔާދު ހައްޔަރުކުރުމާ ގުޅިގެން ގާސިމް އިބްރާހީމް ވިދާޅުވީ ލޯބިވާ ދަރިފުޅު އިބްރާހިމް ސިޔާދު ފުލުހުންގެ ބެލުމުގެ ދަށުގައި ޖަލުގެ ކުޑަ ގޮޅީގައި އޮތް ކަމުގައި ވިޔަސް ދައުލަތުގެ މުއައްސަސާތަކުން ދަރިފުޅާ މެދު އަދުލުވެރިކަމާއި އިހުސާންތެރިކަމާއެކު ހުރިހާ ކަމެއްވެސް ކޮށްދެއްވާނެކަން ޔަގީން ކުރައްވާ ކަމަށެވެ.
ގާސިމް އިބްރާހީމް އިތުރަށް ވިދާޅުވީ އަމިއްލަފުޅަށް ޖަލުގެ ކުޑަގޮޅީގައި އޮތުންވެސް ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ޖަލުގައި ހުންނެވުމަށްވުރެ ހިތަށް ފަސޭހަ ކަމަށެވެ. ގާސިމް އިބްރާހީމް ވަނީ ސިޔާދަށް ކުރެވޭ ތުހުމަތުތައް ވެސް ދޮގުކުރައްވާފަ އެވެ.
އިބްރާހީމް ސިޔާދު ގާސިމް ޖަލުގައި ހުންނަވާއިރު އަސާސީ ބައެއް ހައްގުތައް ގާނޫނާ ގަވައިދުތަކާ އެއްގޮތަށް ލިބެމުން ނުދާތީ އާއިލާ އިން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ