ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ޗެއާމަނަކަށް ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އިސްމާއިލް އަދި ވައިސް ޗެއާމަނަކަށް ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް އިންތިހާބުކޮށްފި އެވެ.
ކުލަބުގެ އިންތިހާބު ރޭ ބޭއްވިއިރު ކުރިޔަށްއޮތް ދެ އަހަރަށް ވިކްޓަރީގެ ބޯޑަށް އަލަށް އިންތިހާބުވި ޗެއާމަން މުހައްމަދު އިސްމާއީލް އާއެކު އަލީ އާރިފް އިންތިހާބުވެފައި ވަނީ ފައިނޭންސް އެންޑް މާކެޓިން ވައިސް ޗެއާމަނަކަށެވެ. ކުރީގެ ޗެއާމަން ނަޒީމް އިންތިހާބު ވެފައިވަނީ ޓެކްނިކަލް އެންޑް ސްޕޯޓްސްގެ ވައިސް ޗެއާމަނަކަށެވެ.
ރޭ ބޭއްވި އެ ކްލަބުގެ އިންތިހާބުގައި ކުރިއަށް އޮތް ދެ އަހަރަށް ބޯޑަށް ކުރިމަތިލެއްވީ ކޮންމެ މަގާމަކަށް އެންމެ ކެންޑިޑޭޓެކެވެ. އެހެންވެ ނަގާފައިވަނީ ފެންނަ ނުފެންނަ ވޯޓެކެވެ. އިންތިހާބުގެ އިތުރުން އެ ކުލަބުގެ ބޯޑާއި ބަޖެޓުވެސް ވަނީ ފާސްކޮށްފައެވެ. ކުރިއަށް އޮތް އަހަރަށް ބަޖެޓް ފާސްކޮށްފައިވަނީ ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
ކުރިއަށް އޮތް އަހަރުގެ ބަޖެޓް ހުށަހަޅާ ދެއްވަމުން ނިމިދިޔަ ދައުރުގެ ޗެއާމަން ނަޒީމް ވިދާޅުވީ ކުރިއަށް އޮތް އަހަރަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީއަކީ 7.3 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށެވެ.
އަދި ހަރަދުވާނެ ކަމަށް ބެލެވެނީ 8.7 މިލިއަން ރުފިޔާ ކަމަށެވެ. އަދި މިހާރުގެ ބަޖެޓަކީ ދަރަނީގެ ބަޖެޓެއް ނަމަވެސް މި ދައުރަށް ހަވާލުވި ބޯޑާއެކު ބަޖެޓް ސާޕްލަސް ކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ނަޒީމް ވިދާޅުވިއެވެ.
ވިކްޓަރީގެ ބޯޑުގެ 13 މަގާމަށް 13 މެމްބަރުން ކުރިމަތިލައިފައިވާ އިރު، ކުރިއަށް ގެންގޮސްފައިވަނީ ފެންނަ ނުފެންނަ ވޯޓަކެވެ. ބޯޑުގެ ހުރިހާ މަގާމަކަށްވެސް މެމްބަރުން އިންތިހާބުވީ ހާޒިރުވި ހުރިހާ މެމްބަރުންގެވެސް އިއްތިފާގުންނެވެ. ޗެއާމަންގެ އިތުރުން ދެ ވައިސް ޗެއާމަނާއެކު ދެން ބޯޑުގައި ހިމެނެނީ 10 ޑިރެކްޓަރުންނެވެ. ވިކްޓަރީގެ ބޯޑުގެ ޑިރެކްޓަރުންނަށް އިންތިހާބުވީ އަހުމަދު ނަސީރު، އިސްމާއިލް ލަތީފް، އަހުމަދު ގާލިބް، އަހުމަދު އަރީޝް (ޕަޓޭ)، އިބްރާހިމް ހިސާމް ނަސީމް، އަހުމަދު އަޔާޒް ރަޝީދު، އަހުމަދު ރިޔާޒް (ގާނާ)، އައިޝަތު އަލީފާ، މުހައްމަދު ހަމީދު (އުމަރުބެ) އަދި މުހައްމަދު ނާސިރެވެ.
ވިކްޓްރީގެ ޗެއާމަނަކަށް މެމްބަރު މުހައްމަދު އިސްމާއީލް، ވައިސް ޗެއާމަނަށް މެމްބަރު އާރިފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ