މޮބައިލް ނަމްބަރެއް އެހެން މީހަކަށް ވިއްކި މައްސަލައިގައި ބަދަލުގެ ގޮތުގައި ބައިލައްކަ ރުފިޔާ ދިނުމަށް ދިރާގަށް ކޯޓުން އަންގައިފި

މުއްދަތު ހަމަވުމުގެ ކުރިން ޕްރިޕެއިޑް ނަންބަރެއް އެހެން މީހަކަށް ވިއްކި މައްސަލައިގައި ބަދަލުގެގޮތުގައި އެ ނަންބަރުގެ ކުރީގެ ވެރިމީހާއަށް ދިރާގުން 50،000 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.ސިވިލް ކޯޓުން އިއްޔެ ހުކުމް ކުރީ ލ. ގަން، ތުނޑި، ފެއަރީގާޑަން އަލީ ޝިހާމަށް ބަދަލުގެގޮތުގައި 50،000 ރުފިޔާ ދިރާގުން ދިނުމަށެވެ. ޝިހާމް ދައުވާ ކުރީ އޭނާއަށް އެންގުމަކާނުލައި އޭނާގެ މޮބައިލް ނަންބަރުގެ ޚިދުމަތް ގަވާއިދާ ޚިލާފަށް މެދުކަނޑާލައި އެހެންމީހެއްގެ ނަމަށް ބަދަލުކޮށްފައިވާކަމަށް ބުނެ އެ ނަންބަރު ހޯދުމަށާއި އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ. އެ ހުކުމްގައި ވަނީ ދިރާގުގެ ޓާމްސް އެންޑް ކޮންޑިޝަންގެ ދަށުން ދާއިމީކޮށް ޚިދުމަތް މެދުކަނޑާލުމުގައި ކަނޑައެޅިފައިވާ މުއްދަތަކީ 180 ދުވަސް ކަމަށެވެ. އެ ނަންބަރުގެ ޚިދުމަތް ދާއިމީކޮށް މެދުކަނޑާލީ އެޓާމްސް އެންޑް ކޮންޑިޝަންގެ ދަށުން 2016 ވަނަ އަހަރުގެ އޮގަސްޓް 16 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ފެބްރުއަރީ 12 ވަނަ ދުވަހުގެ ނިޔަލަށް 180 ދުވަސް ހަމަވެފައިވާތީ ކަމަށް ދިރާގުން ވަނީ ބުނެފައެވެ. ނަމަވެސް އެކަމަށް އިންކާރުކޮށް ދައުވާކުރާ ޝިހާމް ބުނެފައި ވަނީ އެ ނަންބަރުގެ ޚިދުމަތް ދާއިމީކޮށް ކަނޑާލުމުގައި 180 ދުވަސް ހަމަކޮށްފައިނުވާ ކަމަށެވެ. އެމައްސަލަައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ 26 އޮކްޓޫބަރު 2017 އިން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެފައިސާ ސިވިލް ކޯޓަށް ދައްކައި، ދަރަނި ޚަލާސްކުރުމަށެވެ. އަދި ދައުވާ ކުރާ ފަރާތަށް ގެއްލިގެންދިޔަ ނަންބަރު ހިމެނޭ ކެޓަގަރީގައި މިހާރު ހުސްކޮށް ހުރި ނަންބަރުތަކުގެ ތެރެއިން ދައުވާކުރާ ފަރާތުން އެދޭ ނަންބަރެއް އެފަރާތަށް އިތުރު އަގަކާނުލައި 26 އޮކްޓޫބަރު 2017 ވަނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ފޯރުކޮށްދިނުމަށް ދިރާގުގެ މައްޗަށް އިއްވި ހުކުމްގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ