ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ގާސިމް އިބްރާހީމް: އަލީ ސޯލިޙު

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު ވިދާޅުވެއްޖެ އެވެ. ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އަލީ ސޯލިހު ވިދޅުވީ ގާސިމް އިބްރާހީމް މި ރާއްޖޭގެ ރައްޔިތުންނަށް ޓަކައި ވެވަޑަައިގަންނަވާ ގުރުބާނީ އަކީ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އެނގޭނެ ކަމަށެވެ. އެ ޕްރެސް ކޮންފަރެންސް ގައި ވާހަކަފުޅު ދައްކަމުން ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ ކުރީގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީގެ މެންބަރު ޑރ. އަބްދުއްﷲ މައުސޫމް ވިދާޅުވީ އެ ޕާޓީ އަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ހަމަޔަށް ދިޔުމަށް ވެސް ފުރުސަތު އޮތް ޕާޓީ އެއް ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ގާސިމް އިބްރާހީމް ކަމަށް އަލީ ސޯލިހު ވިދާޅުވެފައި ވީނަމަވެސް 65 އަހަރުން މަތީގެ މީހުންނަަށް ރިޔާސީ އިންތިޚާބުގައި ބައިވެރި ނުވެވޭ ގޮތަށް ގާނޫނު އަސާސީ އަށް ވަނީ އިސްލާހުގެނެެސްފައެވެ. މިއަދުގެ ޕްރެސްކޮންފަރެންސްގައި ޑރ. މައުސޫމް ވަނީ ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން ވެސް މައުލޫމާތު ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ގޮތުން އަންނަ ބުރާސްފަތި ދުވަހުގެ ރޭ "ހޭވަައްލާ"ގެ ނަމުގަައި ވަރަށް ޚާއްސަ އިވެންޓެއް ފެށުމަށް އެ ޕާޓީން ނިންމާފައިވާ ކަމަށެވެ. ސްކޫލް ނިންމައި ސިޔާސީ ދާއިރާއަށް ނިކުންނަން ބޭނުންވާ މީހުންނަށް އެޕާޓީގައި ހުރި ފުރުސަތު ތަކާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ