ރައީސް މައުމޫން ކޯޓުގައި 7 ގަޑިއިރު: މިއީވެސް އަނިޔާ!

"އުމުރުން ދުވަސްވީ މީހުންނަށް އިހުތިރާމް ނުކުރާ، ކުޑަކުދިންނަށް ރަހުމް ނުކުރާ މީހުންނަކީ، އަހަރުމެންގެ ތެރެއިންވާ ބައެއް ނޫންކަމަށް، ކީރިތި ރަސޫލާ ސައްލައްލޯހު އަލައި ވަސައްލަމް ހަދީޘް ކުރައްވާފައިވެ އެވެ." ޝެއިޚް އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ޝެއިޚު ޒައިދުގެ މި މެސެޖަކީ، ކުރީގެ ރައީސް އަލްއުތާޛު މައުމޫން އަބްދުލް ގައްޔޫމް ކްރިމިނަލް ކޯޓަށް ގެންނަވައި، ޝަރީއަތް ނުފަށައި 7 ގަޑިއިރަށްވުރެ ގިނައިރު ގިނިކަންޏާ ބޭންދެވި މައްސަލައިގައި ކަންބޮޑުވެ ކުރެއްވި ޓްވީޓެއް ކަމުގައި ބެލެވެއެވެ.
ސުޕްރީމް ކޯޓުން 1 ފެބުރުއަރީ 2018 ގައި ނެރުނު އަމުރަކަށްފަހު، އެ އަމުރު ތަންފީޒުނުކޮށް ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ފެބުރުއަރީ މަހުގެ 5 ވަނަ ދުވަހު އެވެ. އަދި އެރޭ ކުރީގެ ރައީސް މައުމޫން ހައްޔަރުކޮށް ދޫނިދޫއަށް ގެންދެވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން އުޅުއްވުމުގެ ތުހުމަތުގައެވެ. އެވަގުތުވެސް އެމަނިކުފާނު ވިދާޅުވަމުން ގެންދެވީ ތިމަންމަނިކުފާނު ކުށެއް ނުކުރައްވާ ކަމަށެވެ.
ރާއްޖޭގައި 30 އަހަރުވަންދެން ވެރިކަން ކުރެއްވި، ރައީސް އަލްއުތާޛު މައުމޫން އަބްދުލް ގައްޔޫމް ހައްޔަރުކޮށްގެން 40 ދުވަސް ވަންދެން ޖަލުގައި ގެންގުޅުއްވުމަށްފަހު، މާރިޗް 20 ވީީ އަންގާރަ ދުވަހު ކްރިމިނަލް ކޯޓަށް ގެނައެވެ. ނަމަވެސް ކޯޓަށް ހާޒިރުކޮށް އެމަނިކުފާނުގެ ޝަރީއަތް ނުފަށައި އެތައް އިރެންވަންދެން ބެހެއްޓެވި މައްސަލައިގައި ގިނަބަޔަކު ދަނީ އެކަމާއި ރުޅިގަދަވެ ސޯޝަލް މީޑިޔާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގިނަ މީހުން ބުނާ ގޮތުގައި އެއީ ހަމަ ގަސްދުގައި ރައީސް މައުމޫންގެ ހިތްވަރުފުޅު ބަލިކޮށްލެއްވުމަށާއި، އެމަނިކުފާނަށް ޖެއްސުންކޮށް އަނިޔާކުރުމަށް ހިންގަމުންދާ ކަންކަމެވެ.
ރައީސް މައުމޫންގެ ވަކީލް މުހައްމަދު ފައިސަލް ވިދާޅުވީ 20 ވަނަ ދުވަހު 3:30 ގައި ރައީސް މައުމޫން ކޯޓަށް ހާޒިރުކުރެއްވުމަށްފަހު، އެއްވެސް ސަބަބެއްނެތި ހަތްގަޑި އިރަށްވުރެ ގިނަ ވަގުތު ކޯޓް ތެރޭގައި ބޭންދެވީ އެއްވެސް ސަބަބެއް ނެތިކަމަށެވެ.
"ރައީސް މައުމޫނަކީ އުމުރުން 80 އަހަރަށްވުރެ މައްޗަށްގޮސްފަ ހުންނެވި ބޭފުޅެއް. ރާއްޖޭގެ ރައީސްކަން 30 އަހަރަށްވުރެ ގިނަ ދުވަހު ކުރައްވާ ރާއްޖެއާއި ރައްޔިތުންނަށް އެތައް ޚިދުމަތްތަކެއް ކޮށްދެއްވާ ރައްޔިތުންގެ އިޙުތިރާމާ ލޯބި ލިބިވަޑައިގެންފަވާ ބޭފުޅެއް. އެހާ ގިނައިރުވަންދެން އެއްވެސް ސަބަބެއްނެތި 7 ގަޑިރަށްވުރެ ގިނައިރު ގިނިކަންޏާ ބައިންދަވާފަ އިންނެވިކަމީ އަޅުގަނޑު ގަބޫލުކުރާގޮތުގަ އެއްވެސް ރައްޔިތަކު ޤަބޫލުކުރާނެ ކަމެއް ނޫން. ހަމަ އެއާއެކު ޖުޑިޝަރީންވެސް މިކަމާއިމެދު ވަަރަށް ފުންކޮށް ވިސްނަންޖެހޭނެ ކަމެއް. " ވަކީލް ފައިސަލް ވިދާޅުވި އެވެ.
މި މައްސަލައިގައި ކުރީގެ ރައީސް ނަޝީދުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ނަޝީދު ވިދާޅުީ ރައީސް މައުމޫން ކްރިމިނަލް ކޯޓުގައި ހުންނަވާތާ 7 ގަޑިއިރު ފާއިތުވެއްޖެ ކަމަށާއި ދައުލަތުން އެކަމުގައި އުޅުއްވާ ބޭފުޅުން އެކަމާއި މެދު ވިސްނަވަންޖެހޭނެ ކަމަށވެ.
ޤާނޫނީ ވަކީލް އަދި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެން ވިދާޅުވީ، އެއްވެސް ޝަރީއަތެއް އެކަށީގެންނުވާ މިންވަރަކަށް ދިގުދެމިގެން ދިއުމަކީ، ޖުޑީޝަލް އެތިކްސް އާއި ޚިލާފުކަމެއް ކަމަށެވެ. އަދި ރައީސް މައުމޫން އާއި އެހެނިހެން ބޭފުޅުންވެސް ކޯޓުގައި އެގޮތަށް ބޭތިއްބެވުމަކީ ވަރަށްބޮޑު ގޯހެއް ކަމަށެވެ.
މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި، ރައީސް މައުމޫންގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުސެން ޝަމީމް ވިދާޅުވީ، މި ޝަރީއަތްތައް ކުރިއަށްގެންދަނީ ވަކީލުންނަށް ހަގީގަތާ ޚިލާފް މައުލޫމާތު ދީގެން ކަމަށެވެ. އެގޮތުން މުއްދަތުގެ މަޖިލީހަށް ކަމަށް ބުނެ، މުވައްކިލުން ކޯޓަށް ގެންގޮސް ހިންގަމުންދަނީ ޝަރީއަތެއް ގޮތުގައި ކަމަށާއި އެކަމާއި ކަންބޮޑުވާ ކަމަށެވެ. އަދި ޚާއްސަކޮށް ކުއްލި ނުރައްކަލުގެ ޤަރާރެއް ފާސްކޮށް އެ ޤަރާރުގެދަށުން ހިފަހައްޓާފައިވާ "ޖިނާޢީ އިޖުރާއަތުގެ ޤާނޫނު" ގެ ދަށުން ޝަރީއަތްތައް ހިންގުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން ކޯޓަށް ހަޒިރުކުރެއްވުމަށްފަހު، ކޯޓުގައި އެތައް އިރެއްވަންދެން ބޭންދެވުމަށްފަހު، ޝަރީއަތް ކެންސަލްވިކަމަށްބުނެ އަނބުރާ ދޫނިދޫއަށް ގެންދެވި މައްސަލައިގައި އާއްމުރައްޔިތުންވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ހަމަ އެކަނި ރައީސް މައުމޫނަށް ތާއީދުކުރާ މީހުން އެކަންޏެއް ނޫނެވެ.
އެގޮތުން ބައެއް މީހުން ބުނެފައި ވަނީ، އެއްވެސް އިރެއްގައި މައުމޫނުގެ ވެރިކަމަށް ތާއީދު ނުކުރާ ކަމަށާއި، ދުވަހަކުވެސް އެމަނިކުފާނަށް ވޯޓެއްވެސް ނުދެއްވާ ކަމަށެވެ. ނަމަވެސް މިއަދު މިސަރުކާރުން މައުމޫނަށް ކުރިމަތި ކުރަމުންދާ ދުއްތުރާތަކާއި، ދެމުންދާ އަނިޔާތައް ފެނި، މައުމޫނަށް ހަމްދަރުދީވެއްޖެ ކަމަށެވެ. އަދި ޒައްރެއްގެ މިންވަރު އިންސާނިއްޔަތު ކަމެއް ހުރިބަޔަކު އުމުރުން 80 އަހަރުވެފައިވާ މީހަކަށް މިފަދަ ތަކުލީފުތައް ޖައްސައި އަނިޔާ ނުދޭނެ ކަމަށްވެސް އާއްމުންގެ މީހަކު ބުނެފައިވެ އެވެ.
މި މައްސަލައިގައި ގިނަ ބައެއްގެ ފާޑުކިއުން ސަރުކާރަށާއި، ޖުޑިޝަރީ އަދި ފުލުހުންނަށް އަމާޒުވެފައި ވާއިރު، މިއިން ދޭހަވެގެންދަނީ ރާއްޖޭގައި އިންސާނިއްޔަތާއި ޚިލާފު ކަންކަން އިތުރުވެ އެކަން ހައްދު ފަހަނައަޅާފައިވާ މިންވަރުކަމަށްވެސް ގިނަ ބަޔަކުދަނީ ބުނަމުންނެވެ. އަދި މިކަމުގައި އިންސާނީ ހައްގުތަކަށް ވަކާލާތުކުރަން ޖެހޭ ކޮމިޝަން، ހިއުމަން ރައިޓްސް ކޮމިޝަނގެ ދައުރު އަދާނުކުރާ ކަމަށްބުނެ އެ ކޮމިޝަންގައި ތިއްބެވި ބޭފުޅުންނަށްވެސް ދަނީ ވަރަށްބޮޑަށް ފާޑުކިއަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ