ލީޑިންގ ޓިޗަރާއި އިދާރީ މުވައްޒަފަށް ވެސް ހިޔާލުފާޅު ކުރެވެންޖެހޭ: މެމްބަރު އަބްދުﷲ

ގދ. ތިނަދޫ އަބޫބަކުރު ސްކޫލްގެ ލީޑިންގ ޓީޗަރާއި އިދާރީ މުވައްޒަފެއް މަގާމުން ވަކިކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމަކީ ހިތާމަހުރި ކަމެއް ކަމަށާއި ހިޔާލުފާޅު ކުރުމަކީ ގާނޫނުއަސާސީ ލިބިދޭ ހައްގެއް ކަމަށާއި އެހައްގު ބޭނުންކުރުމުން ވަޒީފާއިން ވަކިކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަބޫބަރު ސްކޫލްގެ ލީޑިންގ ޓީޗަރު އަހުމަދު ޝަރީފް އާއި އިދާރީ މުވައްޒަފު މަހާޒު ތައުފީގު ވަޒީފާއިން ވަކިކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އަދި ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް ބޭނުން ކުރުމުގެ އިހުތިޔާރު ލިބެންޖެހޭ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމްއަށް ޓެގް ކުރައްވާ އަބްދުﷲ ކުރައްވާފައިވާ ޓްވީޓްގައި ވެއެވެ.
Aboobakuru School Ge Leading Teacher Ahmed Shareef Aai Idhaaree Muvazzafu Mahaaz Thaufeeg Vazeefaa In Vakikuran @EducationMV Ulhumakee Hithaama Huri Kameh. QA In Komme Rayyithakah Kashavaru Kohdheefaivaa Hagguthah Beynun Kurumuge Ikhthiyaaru Libenjehey. @aishathshiham pic.twitter.com/xU4LweOO8p
 
އަބްދުﷲ އެގޮތަށް ޓްވީޓް އެ ކުރެއްވީ އަބޫބަރު ސްކޫލްގެ ލީޑިންގް ޓީޗަރު އަހުމަދު ޝަރީފް އާއި އިދާރީ މުވައްޒަފު މަހާޒު ތައުފީގު ވަޒީފާއިން ވަކިކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާތީ އެކަމާ ދެކޮޅަށް އާދިއްތަ ދުވަހުގެ ހެނދުނު އަބޫބަރު ސްކޫލްގެ ކިޔެވުން ބަންދުކޮށް، އެ ސްކޫލްގެ ޓީޗަރުންނާއި ބެލެނިވެރިން ސްކޫލް ހިމެނޭ ސަރަހައްދުގައި އިހުތިޖާޖު ކުރަމުންދާތީ އެވެ.
HappeningNow : Aboobakuru school Thinadhoo in Nuhaggun 2 Teacharun vazeefa in vaki kuraathee beleneverin ihthijaaj kuranee @Raajje_tv @Mihaarunews pic.twitter.com/VqBU52G27h
 
މި އިހުތިޖާޖުތަކާއި ގުޅިގެން ތިނަދޫއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމް އެސަރަހައްދުގައި ހުންނަވައި ރާއްޖެއެމްވީއަށް ވިދާޅުވީ އަބޫބަކުރު ސްކޫލްގެ ލީޑިންގ ޗީޗަރަކީ އެސްކޫލްގައި ވަރަށް ގިނަ ދުވަހު ހިދްމަތް ކުރެއްވި ގާބިލް ބޭފުޅެއް ކަމަށާއި އިދާރީ މުވައްޒަފު ވަކިކުރަން ނިންމީ ޓީޗަރުންގެ މުސާރަ ބޮޑު ކުރިއިރު، އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑު ކޮށްދީފައިނުވާތީ އިހުތިޖާޖު ކުރުމުގެ ގޮތުން އެއްދުވަހު އިދާރީ މުވައްޒަފުން ކަޅު ހެދުމުގައި ސްކޫލަށް ހާޒިރުވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި ލީޑިންގ ޓީޗަރު ވަކިކުރަން ނިންމީ އެއްވުމެއްގައި ބައިވެރިވެގެން ކަމަށްބުނާއިރު، ސަރުކާރު ހިންގާ ޕީޕީއެމުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކުގައި ވެސް ޓީޗަރުންނާއި ސިވިލް ސާރވިސް މުވައްޒަފުން ބައިވެރިވާއިރު، އެފަރާތްތަކާމެދު ވިޔަވަޅެއް އެޅުމެއްނެތި ވަކި ބަޔަކާމެދު ފިޔަވަޅު އެޅުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ. . 
އިހުތިޖާޖު ކުރަމުންދާ ސްކޫލްގެ ޓީޗަރުންނާއި ބެލެނެވެރިން ވެސް ބުނަމުން ދަނީ ސަރުކާރުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކުގައިވެސް ޓީޗަރުން ބައިވެރިވަމުންދާ ކަމަށާއި އެހެންކަމުން އެހެން އެއްވުންތަކުގައި ބައިވެރިވެގެންކަމަށްބުނެ ސްކޫލުން ވަކިކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އެންމެންނާމެދު ހަމަހަމަ ގޮތަކަށް ސަރުކާރުން ކަންކަން ކުރަންޖެހޭ ކަމަށްވެސް އިހުތިޖާޖުގެ ބައިވެރިން ބުނެއެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ