މައުމޫނު ބިނާކުރީ ހުސް ގަނޑުވަރުތައް – އެއީ މައުމޫނުގެ ތަރައްްޤީ
ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމަކީ މިއަދު އެއް ބަޔަކު ސިފަކުރަމުން ގެންދާ ގޮތުގައި، ތަރައްޤީގެ ބާނީއެކެވެ. ނުވަތަ ބައްޕަ އެކެވެ. މޭސްތިރިޔެކެވެ. މިފަދަ ތައުރީފުގެ ބަސްތަކެއް އޮއްސާލުމުން ކޮންމެ ރެއަކު ރައީސް މައުމޫނުގެ ލޯފުޅުން ކަރުނަ ހިލިގެން އިންނަ ހާލު އެމަނިކުފާނު ވެސް މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެވޭތޯ މަސައްކަތްޕުޅު ކުރައްވައެވެ. ފާޑު ވިދާޅުވުމަކީ މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް އެހެން މީހުންނަށް ފާޑުވިދާޅުވާ އިރު ތިމަން މަނިކުފާނުގެ ދިގު 30 އަހަރުގެ ވެރިކަމުގައި ތަރައްޤީގެ ނަމުގައި ކުރެއްވީ ކޮންކަމެއްތޯ ރައްޔިތުންނަށް ވިދާޅުވެ ދެއްވުން މާ އައުލާކަން ބޮޑެވެ.މައުމޫނަށް ސަނާ ކިޔާ ފަރާތްތަކުން އެ ވިދާޅުވާ ފަދަ ތަރައްޤީތަކެއް މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަމުގައި ގެނެސްދެއްވި ހެއްޔެވެ؟ ތަރައްޤީގެ ވާހަކަ މައުމޫނުގެ ސަރުކާރުގައި ދެކެވެން ފެށީ، އެމަނިކުފާނުގެ ވެރިކަމުގެ ފަހު ދައުރުގައެވެ. އެވެސް އެމަނިކުފާނުގެ ވެރިކަން އަރިއަޅާލާ ދެން ތިމަން މަނިކުފާނަށް ސަލާމެއް ނެތްކަން އެނިވަޑައިގަންނަވާ ހިސާބަށް ދިއުމުންނެވެ. އެހިސާބުން، މައުމޫނު ވިދާޅުވާން ފެށްޓެވީ “ގަދަ ފަސް އަހަރެއް”ގެ ވާހަކައެވެ. 30 އަހަރުން ނުކުރެވުނު ތަރައްޤީ ކުރަން އިތުރު 5 އަހަރު މައުމޫނަކަށް ދިވެހި ރައްޔިތުންނެއް ނުދިނެވެ. އޭގެ ސަބަބުތައް ވަރަށް ބައިވަރެވެ. މައުމޫނުގެ ދިގު 30 އަހަރުގެ ވެރިކަމުގައި ބިނާކުރެވިފައި ހުރީ ރައްޔިތުންނަށް އޭގެ މަންފާ ނުކުރާނެ ބޮޑެތި އިމާރާތްތަކެކެވެ. އެންމެ ފުރަތަމަ ރައީސް އޮފީހުން ފަށަމާ ހިނގާށެވެ. މާބުލް ޖަހައިގެން އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހެއް ބިނާކުރިއެވެ. ދެން އެމަނިކުފާނުގެ ވެރިކަމުގެ ފެންނަން ހުރި ތަރައްޤީގެ ބިނާ ތަކަކީ، ތީމުގެ އާއި މުލިއާގެ އެވެ. ތީމުގެ އަށް ދައުލަތުގެ ބަޖެޓުން އެތައް ބިލިއަން ރުފިޔާއެއްގެ ޚަރަދު ކުރެއްވިއެވެ. އޭގެ އިތުރަށް ވެސް މައުމޫނުގެ ދަތުރުފުޅުތަކަށް ޚާއްސަ އަގުބޮޑު އެތައް ލޯންޗުތަކެއް ބައްލަވައިގެންފައިވެއެވެ. މައުމޫނުގެ ވެރިކަމުގައި ރާއްޖޭގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއެއް ބިނާކުރެވުނެވެ. އިސްލާމީ މަރުކަޒެއް ވެސް ބިނާކުރެވުނެވެ. އެހެން ނަމަވެސް މިއީ ބޭރުގެ އެހީތެރިކަމާއި އެކު ބިނާކުރެވުނު ތަންތަނެވެ. އިންޑިޔާ ސަރުކާރުން އަޅައިދެއްވި އައިޖީއެމް ހޮސްޕިޓަލް ވެސް ވާހަކައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު މައުމޫނު ހުންނަވަން ޖެހިފައިވަނީ، އިންޑިޔާގެ އަތުގައި އޮންނަ ރިމޯޓަކުން ކޮންޓްރޯލް ކުރެވޭ ބޭފުޅެއްގެ ގޮތުގައެވެ. މިއަދު މައުމޫނު ބޮލަށް އުނދަގޫވެގެން އުޅުއްވަނީ ކީއްވެގެން ކަން ދިވެހި ރައްޔިތުންނަށް ވަރަށް ސާފެވެ. މައުމޫނަށް 30 އަހަރުން ގެނެސް ނުދެވުނު ތަރައްޤީ ރައީސް އަބްދުﷲ ޔާމީން މިގެންދަވަނީ އެންމެ ދައުރެއްގެ ތެރޭގައި ގެނެސް ދެއްވަމުންނެވެ. އަދި ބާކީ އަހަރެއްހާ ދުވަސް އޮތްވައެވެ. ހއ. ތުރާކުނުން ފެށިގެން ގޮސް ސ.ގަމާއި ހަމައަށް ރޮކެޓް ސްޕީޑްގައި ގެންދަނީ ގަނޑުވަރު އެޅުމުގެ މަސައްކަތްތަކެއް ނޫނެވެ. ރައްޔިތުންގެ ހެވާއި ލާބައަށް ކުރެވޭ ތަރައްޤީގެ މަސައްކަތެވެ. ބަނދަރު ހެދުމާއި ނަރުދަމާ އަދި މަގު ހެދުމުގެ ބިޔަ މަޝްރޫޢުތަކެވެ. މާލެ އަށް އެކަނި ބަލައިލި ކަމުގައި ވިޔަސް އައިޖީއެމްއެޗް 25 ބުރީގެ އިމާރާތެވެ. މާލެ/ހުޅުލޭ ދެމެދު އަޅާ ބްރިޖެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްޤީގެ މަސައްކަތް ތަކެވެ. ރަސްފަންނެކެވެ. އެކި މައިޒާންތަކެވެ. މިވަރުން ދަންޏާ މައުމޫނުގެ ބޮލަށް އުނދަގޫ ނުވާނެ އެއްގޮތެއް ވެސް ނޯންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ