މަސްތުވާތަކެއްޗަށް ފަރުވާ ހޯދާ މީހުން އަނބުރާ މުޖުތަމައުއަށް ނެރުން އަވަސްކުރުން މުހިންމު: ނައިބު ރައީސް

މަސްތުވާތަކެއްޗަށް ފަރުވާހޯދާ ފަރާތްތައް އަނބުރާ މުޖުތަމައުއަށް ނެރުމުގެ މަރުހަލާ އަވަސްކުރުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަސްތުވާތަކެތީން ދުރުހެލިވުމަށް ފަރުވާދޭ 'ބްލޮސަމްސް ކޮންވެލެސެންޓް' ސެންޓަރަށް މިއަދު ހެނދުނު ކުރެއްވި ޒިޔާރަތުގައި އެސެންޓަރުގައި ބޭއްވި ބައްދަލު ކުރެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ފައިސަލް ވިދާޅުވީ މަސްތުވާތަކެތިން ރާއްޖެ ސަލާމަތްކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ރާއްޖެއަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން މިހާރު ވެސް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އޭގެ އިތުރުން މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ރާއްޖޭގެ ޖަމިއްޔާތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ، އެ މަސައްކަތުގައި މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކުގެ އާއިލާތަކާއި މުޖްތަމައުގެ އެއްބާރުލުން ލިބުން މުހިންމު ކަމަށެވެ. އަދި މަސްތުވާތަކެތީގެ ނުރައްކަލުން ދިވެހި މުޖްތަމައު ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ފަރުވާދެވޭ ފަރާތްތައް އަނބުރާ މުޖުތަމައުގެ ތެރެއަށް ނެރުމުގެ މަރުހަލާތައް އަވަސްކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ބްލޮސަމްސް ކޮންވެލެސެންޓް ސެންޓަރުގައި ގިނަ އަދަދެއްގެ ދިވެހިންނަށް ފަރުވާދެމުންދާކަން ފާހަގަކުރައްވާ ނައިބު ރައީސް ވަނީ ރާއްޖެއިން މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ދެމުންގެންދާ އެހީތެރިކަން ފާހަގަކުރައްވައި އެ ސެންޓަރުގެ މެނޭޖުމަންޓަށާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ދިވެހިންގެ ތެރެއިން މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް އެ ސެންޓަރުން ވެދެމުންދާ އެހީތެރިކަން އެގޮތުގައި ކުރިޔަށް ގެންދެވުމަށް ހިތްވަރު ދެއްވިއެވެ.
ބްލޮސަމްސް ކޮންވެލެސެންޓް ސެންޓަރަކީ 12 މަރުހަލާއަކަށް ބަހާލައިގެން މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް ފުޅާ ދާއިރާއެއްގައި ފަރުވާދޭ މަރުކަޒެކެވެ. އެގޮތުން އެ މަރުކަޒުގެ ފަރުވާގެ ތެރެއިން ކަސްރަތާއި ސާފުތާހިރުކަމަށް އިސްކަންދިނުމާއި ހާއްސަ ސަމާލުކަމެއްދެއެވެ. އެ ސެންޓަރުގައި މިހާރުވެސް ގިނަ އަދަދެއްގެ ދިވެހިން ދަނީ މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ