ފްލައިންގް ސްކޫލް: ގަވާއިދާ އެއްގޮތަށް އެކަޑަމީއަށް ފިޔަވަޅު އަޅައިފި

އައްޑޫ ފްލައިން ސްކޫލުގެ މައްސަލަ ހައްލު ކޮށްފައި ނުވާތީ ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާއި އެއްގޮތަށް އެކަޑަމީއަށް ފިޔަވަޅު އަޅައިފިއެވެ.
ހަޔާ އެޑިއުކޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އައްޑޫގައި ހިންގަމުން އަންނަ ފްލައިންޑް ސްކޫލް) ގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލަ ދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރިންނާ އަދި އެއެކަޑަމީގެ ސްޓޫޑެންޓް ޔޫނިއަންގެ ފަރާތުން އެ މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ.
އެ އެކަޑަމީއަކީ އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށް، ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ދަށުން އޮޕަރޭޝަންސް ރެގިއުލޭޓްކުރާ އެކަޑަމީއެކެވެ.
ދަރިވަރުންގެ ކަންބޮޑުވުންތައް ހިއްސާކުރި ވަގުތުންފެށިގެން ސިވިލް އޭވިއޭޝަނަށް އެކަންހުށަހަޅާ، އެ އެކަޑަމީއަށްވެސް އެކަން އަންގާފައި ވާނެ ކަމަށާއި އެއްވެސް ހާލެއްގައި ދަރިވަރުންގެ ކިޔެވުމަށް ބުރޫއެރުމަކީ އެ މިނިސްޓްރީއަށް ގަބޫލުކުރެވޭ ކަމެއްނޫން ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
މިގޮތުން ދަރިވަރުންނަށްދިމާވެފައިވާ ދަތިތައް ހައްލު ހޯދައިދިނުމަށް، ރާއްޖޭގައި ކިޔެވުމަށް ދޫކޮށްފައިވާ މަތީ ތައުލީމާއި ތަމްރީނުގެ ލޯނު ފުރުސަތުގައި ކިޔަވަމުންދިޔަދަރިވަރުން ރާއްޖެއިން ބޭރަށް ބަދަލުވެގެން ކިޔެވުމުގެ ހުއްދަވާނީ 16 ޖުލައި 2019 ގައި ދީފައިވާ ކަމަށާއި އާއްމުކޮށް އެ މިނިސްޓްރީއިން އަމަލުކުރާ އުސޫލަކީ ރާއްޖޭގައި ކިޔެވެން ހުންނަ ފުރުސަތުތަކަށް ރާއްޖެއިން ބޭރުގައި ކިޔެވުމަށް ލޯނު ފުރުސަތަށް ހުޅުވާނުލުން ކަމުގައިވީނަމަވެސް، އެ ޕްރޮގްރާމް ކިޔެވުމުގެ ހުއްދަ މިއަހަރު ރާއްޖެއަށް ހުޅުވާލާފައެއް ނުވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރުމުގައިހުރި ގޮންޖެހުންތަކަށް ފުރިހަމަ ހައްލެއް ލިބިފައިނުވާތީ، މިނިސްޓްރީގެ މަތީ ތައުލީމާއި ތަމުރީނުގެ ލޯނު ފުރުސަތުގެ ދަށުން މިވަގުތުއޭޝިއަން އެކަޑަމީގައި ކިޔަވާ 96 ދަރިވަރުންގެވެސް ލޯނު އަނބުރާ ދައްކަން ފެށުމުގެ މުއްދަތު، ކޯސް ނިންމޭ މުއްދަތަށް ހެކި ލިބޭނެ ލިޔެކިޔުން ދަރިވަރުން ހުށަހެޅުމުން، ކޯސް ނިންމޭ ތާރީހަކުން ފެށިގެން 6 މަސްދުވަހަށް މިހާރު އިތުރުކޮށްދީފައިވާ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީއިން އެ އެކަޑަމީ އޮޑިޓްކުރުމަށްފަހު 2019 ވަނަ އަހަރުގެ އޭޕްރިލް މަހު އަދި މިއަހަރުގެ އޮކްޓޯބަރު މަހުވެސް ފާހަގަކޮށްފައިވާ ކަންކަމަކީ ދަރިވަރުންގެ ކިޔެވުމަށް ބުރޫއަރާ ކަންކަން ކަމަށްވާތީ، އަދި 2019 ވަނަ އަހަރުގެ އޭޕްރިލާއިން ފެށިގެންމިއަހަރުގެ އޮކްޓޯބަރާއި ދެމެދުވެސް އެ ކަންކަން ރަނގަޅުކުރުމަށް އެދެވޭ މިންވަރަށް މަސައްކަތްކޮށްފައި ނުވާތީ، ކަމާގުޅޭ އިދާރާތަކުގެމަޝްވަރާއާއިއެކު، ކިޔަވައިދޭ ތަންތަން ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާއި އެއްގޮތަށް އެކަޑަމީއަށް ފިޔަވަޅުއަޅަން ނިންމައިފައިވާ ކަމަށްވެސް އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
މިއެކަޑަމީގައި މިވަގުތު މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު ފުރުސަތުގައި ކިޔަވަމުންދާ ދަރިވަރުންނާއި، އަމިއްލަ ހަރަދުގައި ކިޔަވަމުންދާގިނަ ދަރިވަރުންތަކެއްވެސް ހިމެނޭތީ، އެ ދަރިވަރުންގެ ހައްގު ރައްކާތެރިކުރުމުގެ ގޮތުން، މިއަދުން ފެށިގެން މަސައްކަތު 20 ދުވަހުގެތެރޭގައި މަތީ ތައުލީމާއި ތަމްރީނަށް ދޭ ލޯނު ފުރުސަތުގައި އެ އެކަޑަމީގައި ކިޔަވަމުންދާ 96 ދަރިވަރުންނާއި، އަމިއްލަ ހަރަދުގައިކިޔަވަމުންދާ ދަރިވަރުންގެވެސް ކޯސް ނިންމުމަށް އިންޑިވިޖިއުލް އެޑިއުކޭޝަން ޕްލޭންއެއް ހެދުމަށްފަހު މިމިނިސްޓްރީއަށް ހުށަހަޅާ، އެ މިނިސްޓްރީއިން އެ ޕްލޭން ތަންފީޒުކުރުމާއި ގުޅޭ ހުއްދަ ހޯދައިގެން ކުރިއަށް ގެންދިއުމަށް އެ ފަރާތަށް އަންގާފައިވާނެ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
އެ އެކަޑަމީއިން ހުށަހަޅާ ޕްލޭންއެއް ކުރިއަށް ގެންދިއުމުގައި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރެވޭނެ ކަމަށައި އެ ޕްލޭންއާ އެއްގޮތަށް އަމަލުކޮށް، ދަރިވަރުންގެ ކިޔެވުން ފުރިހަމަ ކުރެވެންދެން، އިތުރު ދަރިވަރުން އެކަޑަމީގައި އެންރޯލްނުކުރެވޭނެކަންވެސް އެ ފަރާތަށް އަންގާފައި ވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
އަދި ސިވިލް އޭވިއޭޝަނުން އޮކްޓޯބަރު މަހު ފުރިހަމަ ކުރި އޮޑިޓަށްފަހު ހުށަހަޅާފައިވާގޮތަށް ހަފްތާއަކު ތިން ދުވަހުގެ ބަދަލުގައި ފަސް ދުވަހަށް އޮޕަރޭޝަންސް ބަދަލުކުރުމަށްވެސް އަންގާފައިވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އަދި ދެފުށް ފެންނަ ގޮތަށް، ދުރާލާ ޝެޑިއުލްތައް ތާވަލްކޮށް ދަރިވަރުންގެކިޔެވުން ކުރިއަށްގެންދަން ފަސޭހަވާނެހެން ތަމްރީނާއި އިމްތިހާނުގައި ބައިވެރިވުމުގެ މަގުފަހުކޮށްދިނުމަށްވެސް އަންގާފައި ވާނެ ކަމަށާއި އެއްވެސް އެއާކްރާފްޓަކަށް މައްސަލައެއް ދިމާވެފައިވާނަމަ، އެކަމެއް އަވަހަށް ހައްލުކޮށް، ނުވަތަ ދަރިވަރުންގެ އަތުން ނެގޭ ފީ އިތުރު ނުވާނެހެން، ގަވާއިދުތަކުގެ ތެރެއިން އެހެން އެއާކްރާފްޓެއް ބޭނުންކޮށްގެން ނަމަވެސް، ދަރިވަރުންގެ ކިޔެވުމަށް ބުރުއެއް ނާންނަގޮތަށް ކުރިއަށްގެންދިއުމަށްވެސް އަންގާފައި ވާނެ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
މި އެކަޑަމީއިން ދަރިވަރުންގެ އަތުން ފީ ނަގަމުންދަނީ ބޭރު ފައިސާއިން ކަމުގައިވާތީ، މިއީމަނިޓަރީ ގަވާއިދާއި ހިލާފުކަމަށްވާތީ، މިކަން ނުކުރުމަށްވެސް އެފަރާތަށް އަންގާފައި ވާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަނަކީ މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ ބަލަދުވެރި ފަރާތްތަކަމުން، އެއްވެސް ދަރިވަރެއްގެހައްގެއް ގެއްލުމަކީ އެ މިނިސްޓްރީއަށް ގަބޫލުކުރެވޭނެކަމެއް ނޫން ކަމަށާއި އެ ގޮތަށް އަމަލުކުރުމާއިއެކު، ޒިންމާދާރުކަމާއިއެކު އެ ދަރިވަރުންގެ ޕްރޮގްރާމް ފުރިހަމަކޮށްދިނުމާއި، ޕްރޮގްރާމްގެ ފެންވަރު ހިފެހެއްޓުމަށް އެ އެކަޑަމީއަށް އަންގާފައި ވާނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ފްލައިން ސްކޫލްގައި ހިންގާ ކޯސްތައް އެ ސްކޫލްގެ އިހުމާލުން ލަސްވަމުން ދާތީ ދަރިވަރުން އެ ކަމުގެ ޝަކުވާ ވަނީ ކޮށްފައެވެ. އެ ގޮތުން އެ ސްކޫލްގެ ދަރިވަރުން ބުނާ ގޮތުގައި 18 މަހުގެ މުއްދަތަަކަށް ހިންގާ ކޯހުގެ މިހާތަނަށް އައި އިރު އެންމެ ކުއްޖަކަށްވެސް އެ މުއްދަތުގެ ތެރޭގައި ކޯސް ފުރިހަމަ ކުރެވިފައި ނުވެއެވެ.
އެކަމާ ގުޅިގެން ސްކޫލްގެ މެނޭޖްމަންޓުގެ ފަރާތުން ބުނެފައި ވަނީ ކޮވިޑްގެ ހާލަތު އައުމާއެކު އެކި ވިޔަފާރިތަކަށް ނޭދެވޭ އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އެ ގޮތުން އެ ސްކޫލަކީ ސަރުކާރުގެ އެހީއަކާ ނުލައި ހިންގާ އަމިއްލަ ސްކޫލެއް ކަމުން ގިނަ ހުރަސްތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އެ ކަންކަމުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކޮވިޑާ ގުޅިގެން އެ ސްކޫލަށް ވެސް ވަނީ ބޮޑެތި ގޮންޖެހުން ތަކަކާ ކުރިމަތިލާން ޖެހިފައި ކަމަށާއި އެ ގޮތުން މިދިޔަ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއްވެސް އާމްދަނީއެއް ނުލިބި އެ ސްކޫލް ހިންގަމުން ދަނީ ވަރަށް ހާލުގައި ކަމަށް އެ ފަރާތުން ބުނެއެވެ. އަދި ކޮވިޑާ ގުޅިގެން ގަމުގައި އެއާކްރާފްޓް ދުއްވުން ވެސް މަނާކޮށްފައިވާ ކަމަށް އެފަރާތުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ