ޗުއްޓީއަށް ރަށްރަށަށް ދަތުރުކުރާ ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ކަރަންޓީން ޗުއްޓީ ނުލިބޭ!

ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަ ޗުއްޓީ ލިބިގެންދާނެ އުސޫލުތައް އާންމުކޮށްފިއެވެ.
ކޮވިޑް ކޮންޓްރޯލްކުރަން އަޅާފައިވާ ފިޔަވަޅުތަކުގައި، މާލެ އިން ރަށްރަށަށް ދާ މީހުން 10 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަންޖެހެއެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ ކޮވިޑާ ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި މެޑިކަލް ސެޓްފިކެޓެއް ހުށަހެޅުމަކާ ނުލައި މުސާރަ ލިބޭ ގޮތަށް، ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ ޗުއްޓީ ލިބޭނީ ދެ ހާލަތެއްގައި ކަމަށެވެ.
އެގޮތުން ހާއްސަ ޗުއްޓީ ލިބޭނީ މަގުބޫލު އުޒުރެއް އޮވެ، ރާއްޖެއިން ބޭރަށް ދަތުރުކުރުމުންނާއި އަނބުރާ ރާއްޖެއަށް އައުމުގެ ސަބަބުން ކަރަންޓީން ވާން ޖެހުމާއި ރާއްޖޭގެ ވަކި ރަށެއްގައި ހުރުމަށްފަހު އެ ރަށް ދޫކޮށް ދާންޖެހޭ ފަދަ ހާއްސަ ހާލަތެއް ދިމާވެ ދަތުރުކުރުމުގެ ސަބަބުން ކަރަންޓީން ވާން ޖެހުމުން ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
ނަމަވެސް ޗުއްޓީ ނަގައިގެން ރަށްރަށަށް ދާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ 10 ދުވަހުގެ ކަރަންޓީން މުއްދަތަށް މެޑިކަލް ސެޓްފިކެޓެއް ހުށަހެޅުމަކާ ނުލައި، މުސާރަ ލިބޭ ގޮތަށް ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަ ޗުއްޓީ ލިބިގެން ނުދެއެވެ.
ޑީޖޭއޭ އިން ބުނީ އެނޫން ހާލަތްތައް ފިޔަވައި ރާއްޖެއިން ބޭރަށާއި ރާއްޖޭގެ ރަށްތަކަށް ދަތުރުކުރާ ފަރާތްތަކުން ކަރަންޓީން ވާންޖެހޭ މުއްދަތުގައި، ގެއިން މަސައްކަތް ކުރެވޭނޭ އިންތިޒާމު ހަމަޖެއްސުން އެދޭ ކަމަށެވެ. އަދި އެފަދަ އިންތިޒާމު ހަމަޖެއްސެން ނެތް ނަމަ، ކޯޓުން ނުވަތަ އިދާރާއިން ކަނޑައަޅާފައިވާ އުސޫލަކާ އެއްގޮތަށް މުވައްޒަފަކު ޗުއްޓީއަށް އެދެފިނަމަ، ކޯޓު ނުވަތަ އިދާރާގެ މަސައްކަތަށް ބުރޫ ނާރާނޭ ގޮތެއްގެ މަތިން މުވައްޒަފަށް ހައްގުވާ ޗުއްޓީއެއް ހަމަޖައްސަވައި ދެވިދާނެ ކަމަށްވެސް ޑީޖޭއޭ އިން ބުންޏެވެ.
"އެހެންކަމުން، ބުނެވިދިޔަ ހާލަތްތަކުގައި ހާއްސަ ޗުއްޓީއަށް އެދެންވާނީ ކަމާ ގުޅުންހުރި އެންމެހާ ލިޔެކިޔުންތަކާއެކު އެމުވައްޒަފަކު ވަޒީފާއަދާކުރާ ކޯޓަށް ނުވަތަ އިދާރާއަކަށް. އަދި މިފަދަ ހާލަތްތަކުގައި މުވައްޒަފުންނަށް ޗުއްޓީ ހަމަޖެއްސުމާ މެދު ގޮތެއް ނިންމާނީ އެ ކޯޓެއް ނުވަތަ އިދާރާއެއްގެ އިދާރީ އެންމެ އިސްމުވައްޒަފު ނުވަތަ އެ މަސްއޫލިއްޔަތާ ވަގުތީގޮތުން ހަވާލުވެހުންނެވި ފަރާތުން،" ސާލިއުލާގައިވެއެވެ.
ޑީޖޭއޭ އިން ބުނީ މިއަދުން ފެށިގެން ޝަރުއީ ކޯޓުތަކާއި އިދާރާތަކުން މި އުސޫލާ އެއްގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށެވެ.
ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަރަންޓީން މުއްދަތަށް ހާއްސަ ޗުއްޓީ ލިބިގެން ނުދާ ޝަކުވާ ވަރަށް ގިނައެވެ. ނަމަވެސް ސިވިލް ސާވިސް އިން ވަނީ ޗުއްޓީގައި ރަށަށް ދާ މީހުން ކަރަންޓީނުގައި ތިބޭ މުއްދަތު ޗުއްޓީން އުނިނުކުރާ ގޮތަށް ގަވާއިދު ހަދައި ގެޒެޓުކޮށްފައެވެ. އެގޮތަށް ބައެއް ރަސްމީ އިދާރާތަކުން މިހާރުވެސް އަމަލުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ