އެމްއާރްއެމްގެ ފުރިހަމަ އިތުބާރު ޒަހާއަށް އެބައޮތް: މައުމޫން

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށް އޭނާ ނިސްބަތްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގަން މަޖިލީހަށް އިދިކޮޅު ކޯލިޝަންގެ މެންބަރުން މިއަދު ވަނީ މަޖިލީހަށް މައްސަލަ ހުށައަޅާފައެވެ. ދިހަ މެންބަރުން ސޮއިކުރައްވާ ހުށައެޅުއްވި އިތުބާރު ނެތްކަމުގެ މައްސަލާގައި ބުނެފައިވަނީ މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދި، އަދި މަސްވެރިންނަށް ދޭންޖެހޭ ހިދުމަތްތައް ނުދެވި މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދާ ނުދެވި މަސްވެރިންގެ ޖީބަށް ޑޮލަރު ވަންނާނެ ގޮތް ނުހަދާ މަސްވެރިކަމުގެ ސިނާއަތުން ނެރެވޭ ފައިދާ ބޮޑު ކުރެވިފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް ދިވެހި މަސްވެރިންނަށް ޔަގީން ކޮށްދިނުމަށްދީ، ކަންނެލި ޖަގަހަތަކާއި ގޭދޮށު ފެކްޓްރީތައް ގާއިިމު ކުރުމަކީ މި ސަރުކާރުން ވެފައިވާ ވައުދުތަކެއް ނަމަވެސް އެ ވައުދުތައްވެސް ފުއްދިފައިނުވާ ކަމަށެވެ.
އެހެން ކަމުން ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދާނުކުރެވޭތީ އެކަމަަނާ މަގާމުގައި ހުންނެވުމަކީ މަސްވެރިންނާއި މަސްވެރި އާއިލާތަކަށްވެސް އިތުރު ނިކަމެތި ކަމެއް ލިބޭނެ ކަމެއް ކަމަށްވާތީ ޒަހާގެ އިތުބާރު ނެތް މައްސަލަ ހުށައަޅާ ކަމަށެވެ.
އެކަމާއި ގުޅިގެން ރައީސް މައުމޫން ވިދާޅުވީ ޒަހާއަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި ޒަހާގެ ހިދުމަތަށް ތައުރީފު ކުރައްވާ މަސްވެރިންނާއި މަސްވެރި ކަމުގެ ދާއިރާއަށް ޒަހާ ކޮށްދެއްވަނީ ފާހަގަކުރެވޭ ފަދަ ހިދުމަތްތަކެއް ކަމަަށް ވިދާޅުވިއެވެ.
ޒަހާގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށައަޅާފައިވާއިރު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ މެންބަރުންގެ އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވާ އެއް މިނިސްޓަރަކީވެސް ޒަހާ އެވެ. މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ ކަމާމެދު އެމްޑީޕީގެ ބައެއް މެންބަަރުން ތަކުރާރުކޮށް ސުވާލު އުފައްދާފައިވެއެވެ. އަދި ޒަހާގެ އިސްތިއުފާއަށްވެސް އެމްޑީޕީގެ މެންބަރުން މީގެ ކުރިން ގޮވާލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ