މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ސްލޮޓެއްގައި ފިޝަރީޒް އެންޑް އެގްރިކަލްޗަރު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅު ޕީޕީއެމް/ ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިސްވެ ތިބެ، މަޖިލީހަށް ވެއްދުމާ ގުޅިގެން އޭނާގެ ދިފާއުގައި އެމްއާރުއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުކުމެވަޑައިގެންފިއެވެ.
ދިހަ މެންބަރުންގެ ސޮޔާއެކު ޒަހާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދީ މިއަދު އެވެ.
އެކަމާ ގުޅިގެން ރައީސް މައުމޫން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޒަހާއަށް އެމްއާރްއެމްގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި މިގައުމުގެ މަސްވެރިކަމުގެ ދާއިރާއަށާއި މަސްވެރިންނަށްޓަކައި ޒަހާ ކޮށްދެއްވަމުން ގެންދަވަނީ އަގުހުރި ވަރަށް ވެސް ފުރިހަމަ މަސައްކަތްތަކެއް ކަމަށް މައުމޫން ވިދާޅުވި އެވެ.
ޒަހާ ވަހީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އިދިކޮޅުން މަޖިލީހަށް ވައްދާފައިވަނީ، މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ދިވެހި މަސްވެރިންނާއި މަސްވެރި އާއިލާތަކަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރަންޖެހޭ މަސައްކަތް ނުކުރެވި މަސްވެރިންނަށް ދޭންޖެހޭ ހިދުމަތް ދިނުމުގައި މިނިސްޓަރު އިހުމާލުވެފައިވާ ކަމަށް ބުނެ އެވެ.
މިއީ މި ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ އިދިކޮޅުން ހުށަހެޅީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެވެ. ނަމަވެސް އިމްރާންގެ އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލިސް ގަވާއިދު ބުނާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހުން ބަލައިގަންނާނީ 10 މެންބަރުންގެ ސޮޔާއެކު ހުށަހެޅުމުންނެވެ. އަދި ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތެއް ބޭނުންވާނެ އެވެ. އެއީ 43 މެންބަރުންގެ ވޯޓެވެ.
ޒަހާގެ ދިފާއުގައި ރައީސް މައުމޫން ނުކުމެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ