މީހަކު ބުނާ ބަހަކަށް އެއްވެސް މީހަކު ހައްޔަރުކޮށްގެން ނުވާނެ: ގާސިމް

މީހަކު ބުނާ ބަހަކަށް އެއްވެސް މީހަކު ހައްޔަރުކޮށްގެން ނުވާނެ ކަމަށާ އެއީ އިންސާފުން ބޭރުން ދެވޭ ބޮޑު އަނިޔާއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސައަށް ތުހުމަތުކުރެވޭ ގެވެށި އަނިޔާގެ މައްސަލާގައި އޭނާ ހައްޔަރުކުރުމަށް ބޭނުންވާ ކޯޓު އަމުރު ހޯދުމަށް ކްރިމިނަލް ކޯޓަށް ހުށައެޅުމާއި ގުޅިގެން މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަށް ފޮނުއްވެވި މެސެޖެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރަންވާނީ ސުޕީރިއާ ކޯޓެއް ނުވަތަ އެއަށް ވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށް ކަމަށެވެ. މިފަދަ އަމުރަކަށް އެ ކޯޓުގައި އެދޭނީ އެ މައްސަލައެއް ތަހުގީގު ކުރާ ފަރާތުން ޕްރޮސެކިއުޓާ ޖެނަރަލަށް ހުށަހެޅުމުން ޕްރޮސެކިއުޓާ ޖެނަރަލަށް ފެނިއްޖެނަމަ އޭނާ ކަމަށެވެ.
އެ މާއްދާގެ (ށ)ގައި ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ނުވަތަ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެންބަރަކު ހައްޔަރުކޮށްފިނަމަ ހައްޔަރުކުރި ފަރާތުން ލަސްނުކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެކަން ލިޔުމަކުން އަންގަންވާނެ ކަމަށެވެ.
އިމްތިޔާޒު ގާނޫނުގައިވާ ގޮތުގެ މަތިން އީސަ ހައްޔަރުކުރުމުގެ އަމުރު ހޯދަން ފުލުހުންގެ އިދާރާއިން ޕީޖީ އޮފީހަށް ހުށަހެޅުމުން ޕީޖީ މިހާރު ވަނީ އެ އަމުރު ހޯދުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފަ އެވެ.
ގާސިމް ވިދާޅުވީ އަންހެނަކުވެސް އަދި ފިރިހެނަކުވެސް ކޮންމެފަދަ ދޮގެއްވެސް ހަދާފާނެ ކަމަށާ ކޮންމެ ތުހުމަތަކަށްވެސް އިންސާފުވެރި ތަހުގީގެއް ބޭނުންވާ ކަމަށެވެ. ތަހުގީގު ކުރުމަށްޓަކައި މީހަކު ހައްޔަރު ކުރެވޭނީ ހަތަރު ސަބަބެއް ސާބިތުކޮށް ދީގެން ކަމަށާ ނޫން ނަމަ އެފަދަ ހައްޔަރު ކުރުމެއް ގާނޫނު އަސާސީއާ ހިލާފު ކަމަށެވެ.
"މީހަކު ބުނާހާ ބަހަކަށް އެއްވެސް މީހަކު ހައްޔަރުކޮށްގެން ނުވާނެ. އެއީ އިންސާފުން ބޭރުން އެފަރާތްތަކަށް ދެވޭ ބޮޑު އަނިޔާއެއްވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ތަހުގީގު ކުރެވެންވާނީ ހަމަ އެކަކުވެސް ބަންދުނުކޮށް ބަހައްޓައިގެން އަދުލުވެރިކަމާއެކު އިންސާފުން،" ގާސިމްގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.
އީސަގެ ތުއްތު ދަރިފުޅު ނުވަވަނަ ބުރިން ވައްޓާލަން އުޅުނު ކަމަށް ދެކެވޭ ވާހަކަތަކަށްވެސް ގާސިމްގެ މެސެޖްގައި ވަނީ ވާހަކަދައްކަވާފައެވެ. އީސަގެ ފޯނުގެ ޕްރޮފައިލަށް ލާފައިވާ ދެބަައިފައިންގެ ފޮޓޯއާއެކު ގާސިމް ވިދާޅުވީ މިފަދަ ލޯބިވާ ކުއްޖަކާމެދު އެފަދަ އަމަލެއް ހިންގާފާނެ ކަމަށް ގަބޫލުކުރަން ވަރަށް ދަތި ކަމަށެވެ. --އާންމުވެފައިވަނީ ގާސިމްގެ މެސެޖެއްކަން ޖުމްހޫރީ ޕާޓީން ވަނީ ކަށަވަރުކޮށްދީފައެވެ.--
އީސަގެ ދިފާއުގައި ގާސިމް ކުރެއްވި މެސެޖް އާންމުވެފައިވާއިރު މެސެޖްގައި ބޭނުންކޮށްފައިވާ ބައެއް އިބާރާތްތަކާމެދު އާންމުންގެ ފާޑުކިޔުން ގާސިމަށް ވަނީ އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ