ޤަތަރަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރަކަށް އުމަރު އަބްދުއްރައްޒާޤު

ދިވެހިރާއްޖެއިން ޤަތަރަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރަކަށް، ދިވެހި ރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާޤު އައްޔަންކުރެއްވުމުގެ މައްސަލަ ދިރާސާކުރެއްވުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
ދިވެހިރާއްޖެއިން ޤަތަރަށް ނޮން-ރެޒިޑެންޓް ސަފީރެއް އައްޔަންކުރުމަށް ނިންމެވިކަން އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޤަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ޤަތަރަށް ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރަކަށް އުމަރު އަބްދުއްރައްޒާޤު ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުވާފައިވާ މައްސަލަ ދިރާސާކުރުމަށް ފޮނުވާފައިވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށެވެ.
ޤަތަރާއިއެކު އޮތް ގުޅުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަނޑާލާފައި އޮތުމަށްފަހު، މި ސަރުކާރުން ވަނީ އަލުން އެ ގުޅުން ޤާއިމްކޮށްފައެވެ.
ރާއްޖެއާއި ޤަތަރާއި ދެމެދު ފުރަތަމަ ސިޔާސީ ގުޅުން ޤާއިމުކުރީ 1984 ވަނައަހަރުގެ މޭ މަހުގެ 26 ވަނަދުވަހުއެވެ. ޤަތަރާއިއެކު އޮތް ގުޅުން ރާއްޖެއިން ކަނޑާލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2017 ވަނައަހަރުގެ ޖޫންމަހުގެ 5 ވަނަދުވަހުއެވެ. އަލުން އެ ގުޅުން މިސަރުކާރުން ޤާއިމްކުރީ މިއަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ.
ޤަތަރާއިއެކު ރާއްޖެއިން އަލުން ގުޅުން ޤާއިމުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދުފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ