އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދަށް އިންޒާރުދޭ މައްސަލަ ބަލައިދޭން އެމް.ޑީ.ޕީ ޕާރލަމެންޓްރީ ގްރޫޕުން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރ މުޙައްމަދު ވަޙީދު، ކެމްޕޭން ތަޤްރީރެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅުވައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ބައެއް ފަރާތްތަކުން ހިންގަމުންދާ ޢަމަލުތައް އެންމެ ހަރުއަޑުން ކުށްވެރިކޮށް އެ މައްސަލަ ތަޙްޤީޤްކޮށް ފިޔަވަޅުއެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް އެމް.ޑީ.ޕީ. ޕާރލަމެންޓްރީ ގްރޫޕުން ގޮވާލައިފިއެވެ.އެމް.ޑީ.ޕީ. ޕާރލަމެންޓްރީ ގްރޫޕުން ނެރުނު ބަޔާނުގައި އުނގޫފާރު ދާއިރާގެ މެމްބަރ މުޙައްމަދު ވަޙީދު، އެ ތަޤްރީރުގައި ފާހަގަކުރެއްވި ނުކުތާ އަމާޒު ކުރައްވާފައިވަނީ ދީނަށް ނުވަތަ ދީނީ ޙުކުމަކަށް ނޫންކަމާއި، އެއާޚިލާފަށް އޭނާގެ ވާހަކަ އަމާޒު ކުރައްވާފައިވަނީ މަރުގެ އަދަބު ދިނުމުގެ ނަމުގައި ކުރީގެ ސަރުކާރުގައި ތިބި ބަޔަކު ކަންކުރި ގޮތަކަށް ކަމަށްވާއިރު، އެވާހަކަ ގަސްދުގައި އޮޅުވާލައިގެން ބައެއް ދީނީ ޢިލްމުވެރިންނާއި، ބައެއް ސިޔާސީ މީހުންނާއި އަދި ބައެއް މީޑިއާތަކުން އެކަން ފިތުނައަކަށް ވާގޮތަށް ހެދުމުގެ ސަބަބުން، އޭނާގެ ފުރާނައަށް ނުރައްކާ ކުރުވުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާކަން ކަންބޮޑުވުމާއެކު ފާހަގަކޮށްފައިވެއެވެ.މީގެ ކުރިން ވެސް އުނގޫފާރު ދާއިރާގެ ގޮނޑި އެއިރު ތަމްސީލުކުރައްވަމުން ގެންދެވި ދީނީ ޢިލްމުވެރިއާ ޑޮކްޓަރ އަފްރާޝީމް ޢަލީ ވެސް ވަނީ އަނިޔާވެރިގޮތެއްގައި އަވަހާރަކޮށްލާފައި ކަމަށާއި ތަޙްޤީޤުތަކުން ދައްކާގޮތުގައި ޑޮކްޓަރ އަފްރާޝީމް ޢަލީ އަވަހާރަކޮށްލާފައިވަނީ ވެސް ދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ބަޔަކު ހިންގަމުންދާ ޙަރަކާތްތަކެއްގެ ތެރެއިންކަމަށެވެ. އަދި މުރުތައްދުވެ، ދީނުން ބޭރުވެއްޖެކަމަށް ބުނެ އަމިއްލައަށް ގޮތްތައް ނިންމައިގެން ދީނުގެ ނަމުގައި އެހެން ފަރާތްތަކެއް ވެސް ވަނީ ރާއްޖޭގައި ގަތުލުކޮށްފައި ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.މީގެ އިތުރުން އުނގޫފާރު ދާއިރާގެ މެމްބަރ މުޙައްމަދު ވަޙީދު ދެއްކެވި ވާހަކައެއްގެ ޙަޤީޤަތް ގަސްދުގައި އޮޅުވާލައި ފިތުނަ އުފައްދައިގެން އޭނާގެ ފުރާނަ ނުރައްކަލަށް ހުށަހެޅުމުގެ ނިޔަތުގައި ޢަމަލުކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް އެމް.ޑީ.ޕީ. ޕާރލަމެންޓްރީ ގްރޫޕުން ގޮވާލާފައިވެއެވެ. އަދި މިކަމުގައި ހުރި ނުރައްކާ ބޮޑުކަމަށްޓަކައި މިފަދަ މައްސަލަތައް ވަގުތުން ތަޙްޤީޤްކުރައްވައި ފިޔަވަޅުއެޅުއްވުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށްވެސް ގޮވާލާފައި ވެއެވެ.އެމްޑީޕީގެ ބައެއް އިސްބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެ ބައްދަލުވުމުގައި ވަހީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަރަށް މަރުހިފުމުގެ ގޮތުން ލީތަލް އިންޖެކްޝަން ބޭނުންކުރަން ކެބިނެޓްގައި މަޝްވަރާ ކޮށްފައިވާ ކަމަށް ވިދާޅުވެ، އެބައްދަލުވުމުގައި ބައިވެރި މީހުން އެއީ “ސިކު” ބައެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. ޓެގްއުނގޫފާރު ދާއިރާ އެމްޑީޕީ މުޙައްމަދު ވަހީދު (ވައްޑެ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ