ކާމިޔާބު ނުވާ ދާއިރާތަކުގެ ތަރައްގީއަށް ހުއްޓުމެއް ނާންނާނެ: ނިހާން

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ގިނަ އަދަދެއްގެ ދާއިރާތައް ކާމިޔާބުކޮށްފައި ވީނަމަވެސް ސަރުކާރުން އެ ސަރަހައްދުތަކުުގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް ހުއްޓާނުލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވިދާޅުވީ ތަރައްގީ ގެންނަނިކޮށް ތިނަދޫ އިން ވޯޓެއް ނުލިބުނަސް ތިނަދޫއަށް ތަރައްގީ ގެންނަން ހުއްޓުމެއް ނެތް ކަމަށެވެ.
ކައުންސިލް އިންތިހާބުގައި ބައެއް ދާއިރާތަކަށް އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުން އިންތިހާބުވެފައިވާއިރު ނިހާން ވިދާޅުވީ މިނިވަން ކެންޑިޑޭޓުން ޕީޕީއެމްއާ ގުޅިވަޑައިގަންނަވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.
ތަރައްގީގެ މަޝްރޫއުތަކަށް ހުއްޓުމެއް ނާންނާނެ ކަމަށް ނިހާން ވިދާޅުވިއިރު ސ. މަރަދޫ، ސ. މަރަދޫފޭދޫ އަދި ސ. ފޭދޫގައި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު މިދިޔަ އެޕްރީލް މަހު ވަނީ ފަށާފައެވެ. އިންތިހާބުގައި ވަގުތީ ނަތީޖާއިން އައްޑޫ ސިޓީގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ވަނީ ކާމިޔާބުކޮށްފައެވެ.
މާލޭ ސިޓީގެ އެންމެ ގޮނޑިއެއް ފިޔަވައި ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބުކުރިއިރު ނިހާން ވިދާޅުވީ މާލެ ސިޓީ އާއި އައްޑޫ ސިޓީއަކީ ޕީޕީއެމް އަށް އަބަދުވެސް މަދުން ވޯޓު ދޭ ތަންތަން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ