ރައީސް ނަޝީދުގެ ވެރިކަމުގައި ފުލުހުންގެ އިންޓެލިޖެންސް
ޑިޕާޓްމަންޓުގެ ހެޑުގެ މަގާމުގައި ހުންނެވި ޗީފް ސުޕްރިޓެންޑެންޓް އޮފް
ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ފަސް ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ކުރި އަމުރަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ. ރިއާސަތުގައި އިންނެވި ފަނޑިޔާރު އަބްދުއް ރައޫފް ހުކުމް އިއްވަވަމުން ވިދާޅުވީ ފުލުހުން ކުރާ އެކި ކުށްކުށަށް ފިޔަވަޅު އެޅިފައިވަނީ އެއްހަމައަކުން ނޫން ކަން ދޭހަވާގޮތަށް ހަމީދުގެ ފަރާތުން ބުނެފައި ވާއިރު މީގެ ކުރިން ފުލުހުންގެ މައްސަލަތައް ތަހުގީގުކޮށް ބަންދުގެ އަމުރު ހޯދުމަށް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ދައުލަތުން ބުނެފައިވާ ކަމަށެވެ. އަދި އެއާ ހިލާފަށް އެފަދަ ކަމެއް ހިނގާފައިވާކަން ހަމީދަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.ފަނޑިޔާރު ވިދާޅުވީ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބުނާ ސަބަބެއް އޮތްތޯ ނުވަތަ ނެތްތޯ ބެލުމަކީ ފަނޑިޔާރުގެ ޒިންމާއެއް ކަމަށެވެ. އަދި ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން ހުށަހަޅާ ސަބަބު ނޫން އެހެން ސަބަބެއް އޮތް ކަމަށް ފަނޑިޔާރަށް ފެނިއްޖެ ނަމަ އެ ސަބަބަކަށްޓަކައި އެ މީހަކު ބަންދުގައި ބަހައްޓަން އަމުރުކުރުމަކީ ގާނޫނީ އަސާސީގެ 49 ވަނަ މާއްދާ ހުރަސް އަޅާ ކަމެއް ނޫން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.ފަނޑިޔާރު އިތުރަށް ވިދާޅުވީ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ އިރު އެ މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ ކުށް ސާބިތުވުމަށް އެކަށީގެންވާ ވަރަށް ހެކި ނެތް ކަމުގައިވިޔަސް އެ ކުށުގެ ނުރައްކާތެރި ކަމަކީ ކޮބައިކަމާއި އެ ކަމުގައި ވަށައިގެންވާ އެންމެހައި ކަންކަމަށް ބަލަންޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.އެހެންކަމުން ހަމީދު ފަސް ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ނޫން ކަމަށް، ހައި ކޯޓުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުން އިއްތިފާގުވެ ވަޑައިގަންނަވާ ކަމަށް ފަނޑިޔާރު ރައޫފް ވިދާޅުވި އެވެ.ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުއް ރައޫފާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާއާއި ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދެވެ.ހަމީދު ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ނެރުނު އަމުރުގައި ބުނެފައިވަނީ
"މޯލްޑިވްސް ޕޮލިސް ސާވިސް މުވައްޒަފުންތަކެއް ސިޔާސީގޮތުން ވަކި ބަޔަކަށް
މަންފާއެއް ހޯދައިދިނުމަށްޓަކައި މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ
މައުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށް، ސަލާމަތީ ހިދުމަތް ދޭ ފަރާތްތަކާ
މެދު އާއްމު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރާއި ގަދަރަށް އުނިކަން
ލިބިދޭގޮތަށް، 'ފުލުހުންނާއި ސިފައިންނާއި ހިންގި ބަޣާވާތް' މި ނަމުގައި
ހަގީގަތް އޮޅޭގޮތަށް، ރިޕޯޓެއް ތައްޔާރުކުރުމުގައި ބައިވެރިވާކަމަށް
ތުހުމަތުކުރެވޭ ކަމަށެވެ. އަދި މި މައްސަލާގައި ހެކިބަސް ދޭން ތިބި ބަޔަކަށް ނުފޫޒު
ފޯރުވާނެކަމަށް ފެންނަ ކަމަށާއި މި މައްސަލާގައި އިތުރު ބަޔަކު
ބައިވެރިވާ ކަމަށް ބެލެވޭތީ މައްސަލައިގެ އިތުރު ހެކި ނައްތާލަފާނެ ކަމަށް
ފެންނަ ކަމަށް ބުނެފައިވެ އެވެ. މި ތުހުމަތުތަކާ ގުޅިގެން ހައްޔަރުކުރުމަށް ފަހު ހަމީދުގެ ބަންދުގެ މުއްދަތަށް ފަސް ދުވަސް އިތުރުކޮށްދީފައި ވަނީ ހައްޔަރުކުރި ދުވަހުގެ ހަވީރު އެވެ. އާދީއްތަ ދުވަހު ހައި ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހަމީދުގެ ވަކީލު
އިސްމާއިލް ވިޝާމް ވިދާޅުވެފައި ވަނީ ހަމީދުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި
ވަނީ ގާނޫނީ އިމުގެ ބޭރުން ކަމަށެވެ. ވިޝާމް ވިދާޅުވީ ހަމީދު
ހައްޔަރުކޮށްފައި ވަނީ އަހުލާގީ މައްސަލައެއްގައި ކަމަށާއި އެއީ ޖިނާއި
މައްސަލައެއް ނޫން ކަމަށެވެ. އެހެންކަމުން ޖިނާއީ މައްސަލައެއްގެ
ތުހުމަތުގައި ހަމީދު ބަންދުކޮށް، ބަންދުގެ މުއްދަތު އިތުރު ނުކުރެވޭނެ
ކަމަށް އޭނާ ވިދާޅުވި އެވެ. ހަމީދުގެ ފަރާތުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން ޕްރޮސިކިއުޓާ
ޖެނެރަލް (ޕީޖީ) އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ ހުސެއިން
ނާޝިދު އެ ދުވަހު ވިދާޅުވީ ހަމީދު ހައްޔަރު ކޮށްފައި ވަނީ ޖިނާއީ މައްސަލައެއްގައި
ކަމަށާއި އެއީ އަހުލާގީ މައްސަލައެއް ނޫން ކަމަށެވެ. ވަކީލު ވިދާޅުވީ
ކޮންމެ ކުށެއް ބަޔާންކުރާ ކޮންމެ މާއްދާއެއްގައި އެއީ ކުށެއް ކަމަށް ބަޔާން
ކުރަން ނުޖެހޭ ކަމަށެވެ. އެއީ މަނާ ކަމެއް ކަމަށް ބަޔާން ކުރުމަށްފަހު
އަދަބު ކަނޑައަޅާފައިވާ ނަމަ އެއީ ކުށެއް ކަމަށް ވަކީލު ވިދާޅުވި އެވެ.
ގާނޫނު އަސާސީ އާއި އިސްލާމީ ޝަރީއަތުގައި ވެސް އޮންނަނީ އެގޮތަށް ކަމަށް
އޭނާ ވިދާޅުވި އެވެ.
ހަމީދު ބަންދުގައި ބަހައްޓަން ކުރި އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ