ގިނަ ގައުމުތަކުގައި މަޖިލީހުގެ ރައީސް ކަމަށް ހޮވަނީ މެމްބަރުން ގިނަ ޕާޓީގެ ބޭފުޅަކު: މައުމޫން

ދުނިޔޭގެ ގިނަ ގައުމުތަކަށް ބަލާއިރު ގާނޫނު ހަދާ މަޖިލީހުގެ ރައީސް ކަމަށް ކަނޑައަޅަނީ މެމްބަރުން ގިނަ ޕާޓީއެއްގެ ބޭފުޅަކު ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. ސްރީ ލަންކާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމުގައި، "ހަވީރު"ން ދެންނެވި ސުވާލަކާ ގުޅިގެން މައުމޫން ވިދާޅުވީ ރާއްޖޭގައި ވެސް ކުރިން އަމަލުކޮށްފައި ވަނީ އެ އުސޫލުން ކަމަށެވެ. ކުރީގެ މަޖިލިސް އިންތިހާބުގައި 2009 ވަނަ އަހަރު އެންމެ ގިނަ ގޮނޑި ލިބުނީ ޑީއާރުޕީ އަށް ކަމަށް ވުމުން، މަޖިލީހުގެ ރައީސަކަށް އަބްދުﷲ ޝާހިދު އޭރު ހޮވީ އެ ސަބަބާ ހެދި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "އެއީ ދެން [މެމްބަރުން ގިނަ ޕާޓީއަކުން ރައީސް ކަނޑައެޅުމަކީ] އަމަލުކުރަމުން އަންނަ އުސޫލެއް. އެހެން ނަމަވެސް އެގޮތަށް ނިންމީކީއެއް ނޫން. އަޅުގަނޑުމެން ނިންމާ ގޮތެއް މަޝްވަރާކޮށްފައި އިއުލާން ކުރާނަން،" މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސަކު ހޮވުމާ ގުޅޭ ގޮތުން ޕީޕީއެމުން އިތުރަށް މަޝްވަރާކުރަން ޖެހެ އެވެ. ކުރިިއަށް އޮތް ދުވަސްތަކުގައި އެ މަޝްވަރާތައް ކުރިއަށް ދާނެ ކަމަށާއި މި ދަނޑިވަޅުގައި ވަކި ބޭފުޅަކަށް ތާއީދުކުރަމޭ ނުވަތަ ނުކުރަމޭ ވިދާޅުވުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.ލަންކާ އިން ރާއްޖެ ވަޑައިގެން މައުމޫން (ކ) މިރޭ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ. މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިބްރާހިމް ކުރިމަތިލައްވާނެ ކަމަށް ވިދާޅުވެފައިވާ އިރު، އެކަމާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން މަޝްވަރާ ކުރެއްވި ކަމަށް ދޭހަވާ ގޮތަށް ގާސިމް ވަނީ ވާހަކަ ދައްކަވައިފަ އެވެ.މައުމޫން ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމުގެ އިޝާރާތެއް ގާސިމް ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް އެކަމަށް އެއްބަސްވެވަޑައިގެންފައި ނޯންނާނެ ކަމަށް މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑު ގާތުގައި އެމަނިކުފާނު [ގާސިމް] އެ ވާހަކަ ވިދާޅުވި. އެހެން ނަމަވެސް އެއްބަސްވެފައެއް ނޯންނާނެ،" މައުމޫން ވިދާޅުވި އެވެ. ލަންކާގައި ބޭއްވި ކޮމަންވެލްތުގެ ކަލްޗަރަލް ޑައިވާސިޓީއާ ބެހޭ ޖަލްސާގައި، ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސާ ދެއްވި ދައުވަތަކާ ގުޅިގެން ބައިވެރިވެވަޑައިގެންނެވި ކަމަށް މައުމޫން ވިދާޅުވި އެވެ. އެ ދަތުރުފުޅުގައި ދެ ފަހަރެއްގެ މަތިން ރާޖަޕަކްސާއާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ."ދެ ފަހަރު ވެސް ވާހަކަ ދެކެވުނީ ދެ ގައުމުގެ ގުޅުންތަކާ ބެހޭ ގޮތުން. އެމަނިކުފާނު ހިތްޕުޅު ހަމަޖެހިވަޑައިގެންފައި ހުންނެވި މިންވަރު ހާމަކޮށްދެއްވި. ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށް ވިދާޅުވި،" މައުމޫން ވިދާޅުވި އެވެ.އެމަނިކުފާނު ވިދާޅުވި ގޮތުގައި ހުރިހާ ގޮތަކުން އެހީތެރިވެ ދެއްވާނެ ކަމުގެ ޔަގީންކަން ލަންކާގެ ރައީސް ވަނީ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ