ގާސިމަށް ހެޔޮއެދޭ ބޭފުޅުން ގާސިމް މިނިވަންކުރުމަށް ގޮވާލާ ހާއްސަ ޖަލްސާއެއް ބާއްވައިފި

ވިލާ ގުރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ހެޔޮ އެދޭ ފަރާތްތަކުން އިންތިޒާމު ކޮށްގެން ހާއްސަ ޖަލްސާއެއް މިރޭ ބާއްވައިފި އެވެ.
މ. ކުނޫޒުގައި މިރޭ ބޭއްވި މިޖަލްސާގައި ގާސިމްގެ ވިލާ ގުރޫޕްގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުންނާއި ބައެއް ސިޔާސީ ބޭފުޅުން ވެސް ބައިވެރިވެފައިވެ އެވެ.
މިޖަލްސާގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުން ވެސް ވަނީ ގާސިމްގެ ގައުމީ ހިދުމަތްތައް ފާހަގަކުރައްވާ ގާސިމަށް މިއަދު މިސަރުކާރުން ނުހައްގުން އަނިޔާ ދެމުންގެންދާ ކަމަށް ވިދާޅުވެ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ވާހަކަދައްކަވާފަ އެވެ. އަދި ގާސިމް ވަގުތުން މިނިވަން ކުރުމަށްވެސް ވާހަކަ ދެއްކެވި ބޭފުޅުން ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.
މިޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުންގެ މައިގަނޑު ވާހަކަތަކަށް ބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ގާސިމް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރައްވާ އެ ދާއިރާއަށް ގެނެސްދެއްވާފައިވާ އިންގިލާބީ ބަދަލުތައް ވަނީ ހިއްސާކުރައްވާފަ އެވެ. އަދި މިދާއިރާގައި ގިނަ އަދަދެއްގެ ދިވެހިންނަށް ގާސިމް ހޯއްދަވައިދެއްވާފައިވާ ވަޒީފާގެ ތަފާތު ފުރުސަަތުތަކާއި ގުޅޭގޮތުން ވެސް ވާހަކަދައްކަވާފަ އެވެ. ،
މީގެއިތުރުން ގާސިމްގެ އިޖުތިމާއީ ހިދުމަތްތަކުގެ ތެރެއިން އެތައް ބައެއްގެ ބޭސް ފަރުވާއަށާއި އެތައް ކުދިންނެއް ތައުލީމީ ގޮތުން ކުރިއަށް ދިއުމަށް ގާސިމް އަމިއްލަފުޅަށް ހަރަދުކުރައްވާ، ވެދެއްވި އެހީތެރިކަން މިޖަލްސާގައި ވާހަކަދެއްކެވި ގިނަ ބޭފުޅުން ވަނީ ފާހަގަކުރައްވާފަ އެވެ.
ގައުމުގެ އިސްލާހީ ބަދަލުތަކަށް ގާސިމް އިބްރާހީމް ކޮށްދެއްވާފައިވާ ހިދުމަތްތަކަށް ބައްލަވާ ލައްވާ ވާހަކަ ދެއްކެވި ބޭފުޅުން ވިދާޅުވީ ގައުމަށް އައިސްފައިވާ އިސްލާހީ ބޮޑެތި ހެޔޮ ބަދަލުތަކުގައި އެންމެ އިސްކޮށް ހުންނެވީ ގާސިމް އިބްރާހީމް ކަމަށެވެ. ހާއްސަ ދިވެހިން މިއަދު އަމަލުކުރަމުން މިދާ ގާނޫނު އަސާސީ އިސްލާހުކުރުމަށް ހާއްސަ މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނަވައިގެން ގާސިމް އިބްރާހީމް އަދާކުރައްވާފައިވާ މުހއްމު ދައުރުވެސް ވާހަކަދެއްކެވި ބޭފުޅުން ވަނީ ފާހަގަކުރައްވާފަ އެވެ.
ގާސިމް އިބްރާހީމަށް ހެޔޮ އެދޭ ބޭފުޅުން އިންތިޒާމުކުރި މިޖަލްސާގައި ސްޓޭޖުގައި މަތީގައި ވާހަކަދެއްކެވި ބޭފުޅުން ވާހަކަދައްކަވަން މަޑުކުރެއްވީ ދޫނިދޫގައި ގާސިމް ހައްޔަރުކޮށްފައި ހުންނެވި ކުޑަގޮޅި ކަމަށް ބުނާ ނަމޫނާ ޖަލު ގޮޅިއެއްގެ ކުރިމަތީގަ އެވެ.
ގާސިމަށް ހެޔޮއެދޭ ބޭފުޅުން އިންތިޒާމު ކުރާ ޖަލްސާ މާދަމާ ރޭވެސް ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ