މޫސުމީ ބަދަލުގެ ސަބަބުން ކާބޯތަކެތި ހޯދުމަށް ދިމާވާ ދަތިތަކާ ބެހޭގޮތުން ހޭލުންތެރިކުރުމުގެ ހަރަކާތެއް ބާއްވައިފި

މޫސުމީ ބަދަލުގެ ސަބަބުން ކާބޯތަކެތި ހޯދުމަށް ދިމާވާ ދަތިތަކާ ބެހޭގޮތުން މީހުން ހޭލުންތެރިކުރުމުގެ ގޮތުން މޯލްޑިވިއަން ޔޫތު ކްލައިމެޓް ނެޓްވޯކްގެ ފަރާތުން މިއަދު ހަރަކާތެއް ބާއްވައިފި އެވެ.
މިއަދު ހަވީރު 00: 4 އިން ފެށިގެން 00: 6 އަށް އާޓިފިޝަލް ބީޗުގައި ކުރިޔަށް ގެންދިޔަ މިހަރަކާތުގައި ވަނީ އެ ސަރަހައްދަށް ދިޔަ މީހުންނަށް ކާބޯތަކެތި ހޯދުމަށް ދިމާވާ ދަތިތަކާ ބެހޭ ގޮތުން މައުލޫމާތުދީފަ އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަގްވަމީ .360އޯގް ޖަމިއްޔާގެ ފަރާތުން ފާހަގަކުރާ "ކްލައިމެޓް އިމްޕެކްޓްސް" ދުވަހުގެ މުނާސަބަތުގައި "ކަނެކްޓް ދަ ޑޮޓްސް" ޝިއާރުގެ ދަށުން ބޭއްވި މިހަރަކާތުގައި ވަނީ މޫސުމީ މައްސަލަތަކުގެ ސަބަބުން ކާބޯތަކެތި ހޯދުމަށް އެކި ގައުމަތަކަށް ދިމާވާ ދަތިތައް އަންގައިދިނުމަށް ތަފާތު ޝިއާރުތަކާއި ކުރެހުންތައް ބަހައްޓާފަ އެވެ.
މޯލްޑިވިއަން ޔޫތު ކުލައިމެޓް ނެޓްވޯކްގެ ކޯ ފައުންޑާ އައިޝާ ނިޔާޒު ވިދާޅުވީ ރާއްޖެ އަށް އެތެރެކުރާ ކާބޯތަކެތީގެ 90 ޕަސެންޓަކީ ރާއްޖެ އިން ބޭރުން އެތެރެކުރާ ތަކެތި ކަމަށެވެ.
"ރާއްޖޭގެ ބިންގަނޑަކީ ދަނޑުވެރިކަން ކުރުމަށް އެހާ ރަނގަޅު ބިމެއް ނޫން. ހަނޑޫ، ހަކުރު ފަދަ ބާވަތްތައް ވެސް ހުންނަނީ ތިން މަސްދުވަހުގެ ރިޒާވް. މިއީ އަޅުގަނޑުމެން ވިސްނާލަން ޖެހޭނެ ކަމެއް،" އައިޝަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ކާނާގެ ރިޒާވް އިތުރުކުރުމަށާއި މޫސުމީ ބަދަލުގެ ސަބަބުން ކާބޯތަކެތި އެތެރެކުރުމަށް ދިމާވާ މައްސަލަތަކާ މެދު ވިސްނަންޖެހޭ ކަމަށެވެ.
ވެއަތުވި އަހަރު ވެސް ފިޔާގެ އަގު އެތައް ގުނައެއް ބޮޑުވެގެން ދިޔަ ކަމަށާއި އޭގެ ސަބަބަކީ މޫސުން ގޯސްވެ ދަނޑުތައް ހަލާކުވުން ކަމަށް އައިޝާ ވިދާޅުވި އެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖެ އަށް ކާބޯތަކެތި އެތެރެކުރުން ލަސްވެގެން ވެސް ތަކެތީގެ އަގު ބޮޑުވާ ކަމަށް އައިޝާ ވިދާޅުވި އެވެ.
ބައިނަލްއަގްވާމީ ކްލައިމެޓް އިމްޕެކްޓްސް ދުވަހަކީ މޭ 5 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ