ސަރުކާރުގެ ބަލިފައި ހޯދިއްޖެ - މައުމޫން

މަޖިލީހުގައި މިއަދު ނެގުނު ވޯޓުން ސަރުކާރުގެ ބަލިފައި ހޯދިއްޖެ ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ، އިތުބާރު ނެތްކަމުގެ މައްސަލަ 42 މެމްބަރުންގެ ސޮޔާއެކު ނޫނީ، ހުށަނޭޅޭ ގޮތަށް ގަވާއިދަށް އިސްލާހު ގެންނަން މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ. މިގޮތަށް ފާސްވީ، ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 46 މެމްބަރުންގެ އިއްތިފާގުންނެވެ.
މި ވޯޓާއި ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ ބަލިފައި ހޯދިއްޖެ ކަމަށާއި، މި ވޯޓަކީ އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. މީގެއިތުރުން ރައީސް މައުމޫން ވަނީ، މަޖިލީހުގައި ތިއްބެވި ސަރުކާރާއި އިދިކޮޅު މެމްބަރުން، ދެއްކި ހިތްވަރަށް ވެސް ތައުރީފު ކުރައްވާފައެވެ.
"އިރާދަކުރެއްވިޔާ މިކަން ކާމިޔާބުކުރާނަން" ރައީސް މައުމޫން ވިދާޅުވިއެވެ.
މަޖިލީހުގެ ގަވައިދުގައި މީގެކުރިން އޮންނަ ގޮތުން، މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ، 15 މެމްބަރުންނަށް ވުރެ މަދު ނޫން އަދަދެއްގެ ސޮޔާއެކުގައެވެ.
މި އިސްލާހު ފާސްވުމުން، މިހާރު ހުށަހަޅާފައިވާ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި، މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ވަނީ ބޭރުވެފައެވެ.
އިދިކޮޅު ފަރާތްތަކުން މަޖިލީހުގެ ރައީސް މަސީހުގެ، އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައިވަނީ 31 މެމްބަރުންގެ ސޮޔާއެކުއެވެ. އަދި މަޖިލީހުގެ ނައިބު ރައީސްގެ މައްސަލަ މަޖިލީހަށް ވެއްދީ، 15 މެމްބަރުންގެ ސޮޔާއެކުގައެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ، އިދިކޮޅު ފަރާތްތަކުން މީގެކުރިން ވެސް މަޖިލީހަށް ވެއްދިއިރު، އެފަހަރު މަސީހުގެ މައްޗަށް އިތުބާރު އޮތްކަމަށް ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގަތް 48 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ވޯޓުގައި އިދިކޮޅު އެއްވެސް މެމްބަރަކު ބައިވެރިވެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ